މޭގަން މާކެލް އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ކައިވެނި ކުރަން ބޭއްވި ހާއްސަ ހަފްލާ އާއި ބެހޭ ގޮތުން މޭގަންގެ މަންމަ ޑޯރިއާ ރެންގްލާންޑް އަށް ކުރެވުނު އިހްސާސްތަކާއި ބެހޭ ގޮތުން މައުލޫމާތު އެނގޭ މީހަކު ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަ ދައްކައިފިއެވެ.

ކައިވެނި ކުރުމުގެ ކުރިންނާއި އޭގެ ފަހުން ހިނގި ކަންތައްތައް އެމެރިކާ "ޔޫއެސް ވީކްލީ" އާއި ހިއްސާ ކުރި 61 އަހަރުގެ ޑޯރިއާގެ ގާތް މީހަކު ބުނީ ޝާހީ ކައިވެނީގެ ހަފްލާގެ ޑޯރިއާ އަށް އެންމެ ޝައުގުވެރިވި ވަގުތުކޮޅަކީ ރާނީ އެލިޒަބަތު އާއި ބައްދަލުވި ވަގުތާއި މޭގަން ކައިވެނީގެ ވައުދު ކިޔަމުންދިޔަ ވަގުތު ކަމަށެވެ.

މޭގަންގެ އާއިލާގެ ފަރާތުން އޭނާގެ ކައިވެނީގެ ހަފްލާގައި ބައިވެރިވީ މަންމަ ޑޯރިއާ އެކަންޏެވެ. ނަމަވެސް މޭގަންގެ ވަރަށް ގިނަ ރަހުމަތްތެރިން ކައިވެނީގެ ހަފްލާގައި ބައިވެރިވިއެވެ.

މޭގަން އާއި ޕްރިންސް ހެރީގެ ކައިވެނި ކުރަން އޮތް ދުވަހުގެ ކުރީ ދުވަހު ޑޯރިއާ ވަނީ ފުރަތަމަ ފަހަރަށް ރާނީ އެލިޒަބަތު އާއި ބައްދަލުކޮށްފައެވެ. ނުރަސްމީ އެބައްދަލުވުމުގައި ރާނީ އެލިޒަބަތު ޕްރިންސް ހެރީ އާއި ބެހޭގޮތުން ޑޯރިއާ އާއި ވާހަކަދެއްކެވިއެވެ. ޕްރިންސް ހެރީ އަކީ ރާނީ އަށް ކިހައި މުހިންމު ބޭފުޅެއްކަން ރާނީ އެލިޒަބަތު އެބައްދަލުވުމުގައި ވިދާޅުވިއެވެ.

ޖެހިގެން އައި ދުވަހު މޭގަން އާއި ޕްރިންސް ހެރީ ކައިވެނި ކުރި ފަހުން އަނެއްކާވެސް ޑޯރިއާ ވަނީ ރާނީ އެލިޒަބަތު އާއި ބައްދަލުކޮށްފައެވެ. އެއީ ކައިވެނީގެ ރަސްމީ ފޮޓޯޝޫޓްގެ ތެރެއިންނެވެ.

ޑޯރިއާ ވަނީ ކައިވެނީގެ ހަފްލާގައި ޕްރިންސް ޗާލްސް އާއި ވެސް ވަރަށް ރަހުމަތްތެރިކޮށް ވާހަކަ ދައްކާފައެވެ.