ސްޓަރ ޕްލަސްއިން ދެއްކި މަޝްހޫރު ޑްރާމާ ކަމުގައިވާ ''ޔޭ ހޭ މުހައްބަތޭން'' ގެ ޝަގުން އަރޯރާގެ ރޯލުން ފެނިގެން ދިޔަ އަނީތާ ހަސަންނަންދާނީއަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

އަނީތާގެ ފިރިމީހާ ރޯހިތު ރެޑީގެ އިންސްޓަގުރާމު އެކައުންޓުގައި މި އުފާވެރި ޚަބަރު ހިއްސާކޮށް ދަރިފުޅުގެ ޖިންސު ވެސް ވަނީ ބުނެދީފައެވެ. އަނީތާއާއި ރޯހިތުއާއި އާއިލާގެ ބައެއް މީހުންނާއި އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް ރޯހިތު ބުނެފައިވަނީ ''އޯހް ބޯއީ'' އެވެ. ރޯހިތުގެ މި ޕޯސްޓަށް އެތައް ބަޔަކު ވަނީ ލައިކް ދީ އަދި މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ.

އަނީތާއާއި ރޯހިތުއަށް ދަރިއަކަށް ދަރިއަކު ލިބެން އުޅޭ ކަމުގެ ޚަބަރު އާއްމު ކުރުމުން މުޅި މީސް މީޑިޔާގައި އެ ވާހަކަތައް ދެކެވުނެވެ. އަނީތާގެ ސަޕޯޓަރުންނާއި ފޮލޯވަރުން މިހާރު އިންތިޒާރު ކުރަމުން ދަނީ އެމީހުންގެ ދަރިފުޅުގެ ފޮޓޯއެއް އާއްމު ކުރާނެ އިރަކަށެވެ.

މީގެ އިތުރުން ވެސް ރޯހިތުއާއި އަނީތާ އަތުގައި ހިފައިލައިގެން ހޮސްޕިޓަލުގައި ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެެވެ. މި ފޮޓޯ ހިއްސާކޮށް ރޯހިތު ބުނެފައިވަނީ އެއީ އޭނާގެ އެންމެ އުފާވެރި ވަގުތު ކަމަށެވެ. ރޯހިތުގެ މި ފޮޓޯއަށް ވެސް ވަނީ ގިނަ ބަޔަކު ލައިކްދީ ކޮމެންޓް ކޮށްފައެވެ.

އަނީތާއާއި ރޯހިތުއަށް ދަރިއަކު ލިބޭކަމުގެ ޚަބަރު އެމީހުން ދީފައިވަނީ މީސް މީޑިއާއަށް ދޫކޮށްލާފައިވާ ވީޑިއޯއަކުންނެވެ. މި ވީޑިއޯގައި ދައްކުވައިދީފައިވަނީ މި ދެމަފިރިންގެ ކައިވެނީގެ ދަތުރެވެ.

ޓީވީ އިންޑަސްޓްރީގެ ގިނަ ފަންނާނުންތަކެއް ދަނީ އަލަށް މަންމައާއި ބައްޕައަށް ވި މި ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު