2007 ވަނަ އަހަރު ފިލުމު ''އޯމް ޝާންތި އޯމް'' އިން ބޮލީވުޑަށް ތަޢާރަފްވި ބަތަލާ ދީޕިކާ ޕާޑުކޯން ކައިވެނީގެ ކުރިން އެންމެ ކުރާހިތްވި އަދި އެންމެ ގިނައިން ކޮށްފައިވާ މަސައްކަތަކީ ކޮބައިކަން ދީޕިކާގެ ކުޑައިރުގެ ރަހުމަތްތެރިޔާ ހިތެޝާ ހާމަކޮށްފިއެވެ.

ދީޕިކާއާއި ހިތެޝާގެ ކެއްކުމުގެ މުބާރާތެއް ބާއްވާފައިވާ ވީޑިއޯއެއް ދީޕިކާ ވަނީ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެެ. މި ވީޑިއޯގައި ހިތެޝާ ވަނީ ދީޕިކާގެ ގިނަ ކަންތައްތައް ހިއްސާ ކޮށްފައެވެ.

މި ވީޑިއޯގައި ތަފާތު ކަންތައްތައް ހިއްސާ ކުރަމުން ހިތެޝާ ވަނީ ދީޕިކާ ފުރާވަރު އުމުރުގައި އެންމެ ކުރާ ހިތްވި އަދި އެންމެ ގިނައިން ކޮށްފައިވާ ކަންތައްތައް ހިއްސާ ކޮށްފައެވެ. އެއީ އަންނައުނު ދޮވުމެވެ.

''އަހަރެމެން ދޮންނަން ގެންގުޅޭ ހެދުންތައް ދީޕިކާއަށް ދިނުމަށް އާދޭސް ކުރާނެ. އެއީ ހަމައެކަނި އެ ހެދުންތައް ދޮންނަ މެޝިނަށް އަޅައިލުމަށް. ކޮންމެ ދުވަހަކު، ދުވާލަކު ދެ ފަހަރަށް ވަރަށް ޝައުގުވެރިކަމާއި އެކު އެއްޗެހި ދޮންނާނެ. ހުންނާނީ ވަރަށް އުފާވެފައި'' ގުރޭޑް ހަތަރަކުން ފެށިގެން ދީޕިކާއާއި ރަހުމަތްތެރިކަން އޮންނަ ހިތެޝާ ބުނެފައިވެއެވެ.

ސުކޫލު ދައުރުގައި ކޮންމެ ކަމަކުން ވެސް އެންމެ މަތީ ވަނަތައް ހޯދަމުން އައި ހިތެޝާައާއި ވާދަކޮށް ކެއްކުމުގެ މި މުބާރާތުން ކުރި ހޯދަމުން ދީޕިކާ ބުނެފައިވަނީ ހިތެޝާއާއި އެއް ހަމައެއް ކުރެވޭތޯ ބަލަނީ ކަމަށެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވެސް ދީޕިކާ ބުނެފައިވަނީ ގޭތެރޭގެ މަސައްކަތްތައް ކުރުމާއި ގޭތެރޭގެ ކަންތައްތައް ހަމަޖައްސުމަކީ އޭނާ ކުރާ ހިތުން ކުރާ ކަންކަން ކަމަށެވެ.