ކޮވިޑް-19 ޖެހިފައިވާ އުމުރުން ދުވަސްވީ މީހަކަށް ފަރުވާ ނުދެވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގެ ބިންމައްޗަށް މަރުވެއްޖެއެވެ.

އުމުރުން 78 އަހަރުގެ މައުރީން ޕެޓަސަންގެ މަރާއި ގުޅިގެން އޭނާގެ އާއިލާއިން ވަނީ ހޮސްޕިޓަލުގެ އިހުމާލު އެކަމުގައިވާ ކަމަށް ބުނެ ބަދުނާމު ކޮށް ވާހަކަ ދައްކާފައެވެ.

ސިއްހީ މައްސަތަކެއް ދިމާވެގެން އެންމެ ފުރަތަމަ މައުރީން އެގައުމުގެ ޔުނިވާސިޓީ ހޮސްޕިޓަލް ވިޝޯގައި އެޑްމިޓް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މައުރީން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އާއިލާއިން ބުނެފައިވަނީ އެމަހުގެ ފަހުކޮޅުގައި ހޮސްޕިޓަލުގައި ބާއްވާފައި އޮއްވާއެވެ.

މައުރީން އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދިޔައިރު، އޭނާގެ އާއިލާގެ ފަރާތުން ވަނީ އޭނާ އެކަނި ނުބޭއްވުމަށާއި، އެނދުން ނުވެއްޓޭނެ ގޮތަކަށް ބޭއްވުމަށް އެދިފައެވެ. އެހެން ނަމަވެސް އެގޮތަށް އަމަލު ނުކޮށް އެންމެ ފަހުން އާއިލާއަށް އަޑިއިވިގެން ގޮސްފައިވަނީ މައުރީން ވެއްޓި އޭނާގެ އުނަގަނޑު ބިންދައިގެން ދިޔަ ވާހަކައެވެ.

"އަޅުގަނޑުމެން ބުނިން ވަރަށް ބަލައިގެން އުޅޭށޭ. އެއީ ވެއްޓިއްޖެއްޔާ އެކަހަލަ ކޮންމެވެސް ކަމެއް ވެދާނެތީ" އާއިލާގެ ފަރާތުން މީހަކު ބުންޏެވެ.

އޭގެ ފަހުންވެސް އެކި ކަހަލަ ސިއްހީ މައްސަލަތައް އޭނާއަށް ވަނީ އެ ހޮސްޕިޓަލުގައި ލިބިފައެވެ. މައުރީން ވެއްޓުމާއި ގުޅިގެން އޭނާ ވަނީ އެހެން ވޯޑަކަށް ބަދަލު ކޮށްފައެވެ.

މައުރީންގެ ހާލު ގޯސްވަމުން އަންނާތީ އެ ހޮސްޕިޓަލުން ވަނީ އާއިލާ ކައިރީ އޮޕަރޭޝަނެއް ނުކޮށްފިނަމަ އެގޮތަށް އެނދުގައި އޮވެގެން މަރުވެދާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ޑޮކްޓަރު ބުނެފައިވަނީ އެއީ 50/50 ގެ އޮޕަރޭޝަނެއް ކަމަށެވެ.

އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުން އެގޮތަށް ބުނިތާ ހަތަރު ވަނަ އަށްވީ ދުވަހުއެވެ. އެއީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހެވެ.

މަންމަ އާއި ބައްދަލުކޮށްލުމަށް އެދުމުން ވަކި ގަޑިއެއް ހޮސްޕިޓަލުން ދިން ކަމަށާއި އެގަޑިއަށް ދިޔައިރު، މަންމަ އޮތީ ބިންމަތީގައި ގޮދަޑިއެއް އަޅައި އޭގެ މަތީ ބާއްވާފައި ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.

މިކަމާއި ގުޅިގެން އެއާއިލާއިން ވަނީ ހޮސްޕިޓަލާއި މެދު ފިޔަވަޅު އެޅުމަށް މައްސަލަ ހުށަހަޅާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު