އެމެރިކާގެ ލޮސް އެންޖެލެސްގައި ދިރިއުޅުނު އަންހެނަކު އިސްތަށިގަޑު ރީތި ކުރަން ތެރަސް ބޭނުން ކުރުމުން އޭނާ އަށް މިވަނީ ހިތުން ނުފިލާ ވަރުގެ ބޮޑު ލަނޑެއް ލިބިފައެވެ. ފަސް ކުދިންގެ މަންމަ އެއް ކަމަށްވާ ޓެސިކާ ބްރައުން އޭނާގެ ބޮލުގައި އުނގުޅާފައި ވަނީ ގޮރިއްލާ ގްލޫ ކިޔާ ވަރަށް ތަތް ގަދަ ތެރަހެކެވެ. އެ ތެރަސް އުނގުޅުމަށް ފަހު އިސްތަށިގަނޑު އޮމާން ކުރި ފަހުން އޭނާގެ އިސްތަށިގަނޑު އެ ނޫން ގޮތަކަށް ބަދަލެއް ނުކުރެވުނެވެ.

އިސްތަށިގަނޑު ހަރުވެ އިސްތަށިގަނޑު ރަނގަޅު ނުކުރެވިގެން އޭނާ އަށް ވަނީ ޕްލާސްޓިކް ސަޖަނުންގެ އެހީ ހޯދަން މަޖުބޫރުވެފައެވެ. އޭނާ އަށް މި ކަމުގެ ސަބަބުން ބޮލުގައި ރިއްސުން ފަދަ ކަންކަން ދިމާވާ އިރު މިކަމާ ގުޅިގެން އޭނާގެ ބޮލަށް ދާއިމީ ގެއްލުންތަކެއް ލިބޭނެ ކަމަށް ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ.

އޭނާ އަށް މިފަދަ ކަމެއް ދިމާވިކަން އެނގުނީ އިސްތަށިގަނޑަށް ވީގޮތް ކިޔައި ދިނުމަށް އޭނާ ޓިކްޓޮކްގައި ވީޑިއޯ އެއް ހިއްސާކުރި ހިސާބުންނެވެ.

" މިދިޔަ އެއް މަސް ދުވަހު އަހަރެންގެ އިސްތަށިގަނޑު ހުރީ މިހެން. މިއީ އަހަރެން ބޭނުންވެގެން ހުރި ގޮތެއް ނޫން މިހާރު. ރަނގަޅެއް ނުވޭ،" އޭނާ ބުންޏެވެ.

ޓެސިކާ ބުނީ އޭނާ ބޮލުގައި ތެރަސް އުނގުޅީ ވަރަށް ބޮޑަށް ލަސްވެފައި ހުރުމުން ކަމަށެވެ. އޭނާ ވަނީ ސެލޫން އަށް ގޮސް އެސިޓޯން ބޭނުންކޮށްގެން އިސްތަށިގަނޑު މަޑު ކުރުމަށް މަސައްކަތްކޮށްފައެވެ. އޭނާގެ އިސްތަށިގަނޑަށް އެސިޓޯން އަޅައިގެން ކޮންމެވެސް ވަރަކަށް އިސްތަށިގަނޑު މަޑުވި ނަމަވެސް އިސްތަށިގަނޑު ރަނގަޅެއް ނުކުރެވުނެވެ.

އެހިސާބުން ޓެސިކާގެ އިސްތަށިގަނޑު ކޮށާލަން މަޖުބޫރުވިއެވެެ. މިހާރު ޑރ.މައިކެލް އޮބެންގް ވަނީީ ޓެސިކާ އަށް އެހީ ހުށަހަޅައިފައެވެ. މީހުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނު ނަމަވެސް ބައެއް މީހުން ޓެސިކާ އާއި ދަރިންނަށް ފާޑުކިޔާތީ އުނދަގޫވާކަން އޭނާ ފާހަގަކުރެއެވެ. މީސްމީޑިއާގައި ވަނީ ޓެސިކާ އަށް އިސްތަށިގަނޑެއް ހަދިޔާ ކުރުމަށް ކެމްޕެއިން އެއް ވެސް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު