މިއީ އާއްމުކޮށް ދިމާވާ ކަމެކެވެ. އާއްމުކޮށް ދެ ލޯބިވެރިއެއްގެ ދެމެދުގައި ޖެހޭ މައްސަލަތަކުގެ ތެރޭގައި ދެކެވޭ ބައެއް ވާހަކަތަކުގައި ކުރީގެ ލޯބިވެރިޔާ މާ ރަނގަޅުކަމަށް ބުނެ ވާހަކަދެކެވެއެވެ.

މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ގުޅުމަށް ހީނަރުކަން އާދެއެވެ. އަދި ވަރަށް އަވަހަށް ބްރޭކްއަޕް އަކަށް ދިޔުމުގެ ފުރުސަތުވެސް ބޮޑެވެ. ތިމާ އެގޮތަށް ބުނުމުން ތިމާގެ ލޯބިވެރިޔާއަށް ހީކުރެވެނީ އޭނާއަށްވުރެ ތިމާގެ ކުރީގެ ލޯބިވެރިޔާ މާ ރަނގަޅު ކަމެވެ. އަދި ތިމާ އުފާކޮށް ބެހެއްޓުމަށް އޭނާއަށް އެއްވެސް ކަމެއް ނުކުރެވޭ ކަމެވެ.

އެހެންކަމުން ތިމާ ވިސްނަންވީ މިހާރުގެ ލޯބިވެރިޔާގެ ފަރާތުން ފެންނަ ރަނގަޅު ކަންތައްތަކަށެވެ. އެ ކަންތައްތަކާއި ގުޅޭ ގޮތުން އޭނާއާ ވާހަކަދައްކާށެވެ. އެކަމަކީ ތިމާ ވަރަށް ހިތްހަމަ ޖެހޭ ކަމެއްކަމަށް ބުނާށެވެ. އެއިރުން ލޯބިވެރިޔާވެސް އުފާވާނެއެވެ. އަދި އެކުގައި އުޅެންވެސް ބޭނުންވާނެއެވެ.

އާއްމުކޮށް މިހާރުގެ ލޯބިވެރިޔާ އާއި ކުރީގެ ލޯބިވެރިޔާއާ އަޅާ ކިޔާނީ ގިނަ ކަންތައްތަކެއް ބޭނުންވެފައި ތިބޭ މީހުންނެވެ.

"އޭނާ ވަރަށް ގިނައިން ހަދިޔާ ދެއޭ. ނަމަވެސް މިހާރު އެއްވެސް އެއްޗެއް ނުލިބެއޭ". މިއީ ބައެއް ލޯބިވެރިންގެ ތެރޭގައި އެންމެ ގަދައަށް ޝަކުވާ ކުރެވޭ މައުޟޫތަކެވެ.

އެންމެންނަކީ އެއްގޮތް ބައެއް ނޫނެވެ. އެންމެންގެ މިޒާޖުވެސް ތަފާތުވާނެއެވެ. އެހެންކަމުން ވިސްނަންވީ އޭނާ ހަދިޔާއެއް ނުދެނީ ކަމުގައިވާނަމަ، އެއީ ހަދިޔާ ދޭ ވައްތަރުގެ ލޯބެރިވެރިއެއް ނޫން ކަމެވެ. ނަމަވެސް ލޯބި ދޭ ވަރު މަދު ނަމަ އެކަމުގެ ޝަކުވާ ކުރުން ރަނގަޅެވެ. އެ ޝަކުވާތައް ކުރާއިރުވެސް ކުރީގެ ލޯބިވެރިޔާއާ އަޅާ ނުކިޔާށެވެ.