ނެޓްފްލިކްސްގެ އެންމެ މަގްބޫލް އެއް ޝޯ އަކީ ހަމަގައިމުވެސް "މަނީ ހެއިސްޓް"އެވެ. މި ސީރީޒް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ މޮޅު ސީރީޒްއެއް ކަމަށް ވާއިރު، މި ސީރީޒްގެ ޑައިރެކްޓިން އާއި ވާހަކަ އަދި އެކްޓަރުންގެ ގާބިލްކަމާ ހުރެ އެ ސީރީޒްއަށް ބޮޑު ތަރުޚީބެއް ލިބިފައިވެއެވެ.

މި ސީރީޒްގެ ކުރިއަށް އޮތް ބަޔަށް އެތައް ބަޔަކު މިހާރުވެސް އިންތިޒާރު އެބަ ކުރެއެވެ. މިއީ އިނގިރޭސި ބަސް ނޫން ބަހަކުން ކުރިއަށް ގެންދާ ސީރީޒްއަކަށް މިފަދަ ބޮޑު ތަރުޚީބެއް ލިބުނު ފުރަތަމަ ފަހަރުކަމަށް ވާއިރު ސްޕެނިޝް ނަމުން ނަމަ "ލަ ކާސާ ޑި ޕަޕެލް" ނަމަކަށް ކިޔާ މި ސީރީޒް އަކީ އެތައް މިލިއަން ބަޔަކު ބަލަމުންދާ ކާމިޔާބު ފްރެންޗައިޒްއެކެވެ.

މި ސީރީޒްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތީ ޓޯކިޔޯގެ ރޯލުން ފެންނަ ކުޅަދާނަ ބަތަލާ އުރުސެލާ ކޯބެރޯއެވެ. އޭނާ އަކީ މި ސީރީޒްގެ ގިނަ ބަަޔަކަށް އެންމެ ކަމުދިޔަ އެއް ކެރެކްޓައެވެ.

އެހެންކަމަށް ވާއިރު ފޭނުން ވަނީ ކުރިއަށް އޮތް ސީޒަންގައި ޓޯކިޔޯ މަރުވަނީތޯ ސުވާލު އުފައްދަން ފަށާފައެވެ. އާއްމުކޮށް ސީރީޒް އެއް ކުރިއަށް ދާއިރު އެކްޓަރުން އެ މީހުންގެ އިސްތަށިގަނޑަށް ބަދަލެއް ނުގެނެއެވެ. އެހެންނަމަވެސް ދާދިފަހުން އުރުސަލާ އޭނާގެ އިސްތަށިގަނޑުގެ ސްޓައިލް ބަދަލްކޮށްފައިވާތީ ޓޯކިޔޯގެ ކެރެކްޓަރ މަރުވީތޯ އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ.

މި ސީރީޒުން ފެނިގެން ދަނީ، ޕްރޮފެސަރެއްގެ މާސްޓާ ޕްލޭންގެ ދަށުން ކުށްވެރިންތަކެއް ފައިސާ ހޯދައި، އޭގެ ފަހުން ފުލުހުންނާއި ދެމެދު ހިނގާ ކަންކަމެވެ. މި ސީރީޒްގެ ތަރިންނަށް ނަން ދީފައި ވަނީ ދުނިޔޭ އެކި ގައުމުތަކުގެ ސިޓީތަކަށް ކިޔާ ނަމެވެ. މަނީ ހައިސްޓުގައި ގިނަ ބަޔަކު ދަހިކޮށްލާ ކަމަކީ ކޮންމެ ސީރީޒް އެއްވެސް ނިމޭއިރު ދެން ވާނެ ގޮތެއް އާދަޔާ ޙިލާފަށް ބޮޑަށް ބަލަން ބޭނުންވެފައި ތިބުމެވެ.

ތަފާތު އެކި އިހުސާސްތައް ދައްކުވައިގެން އުފައްދާފައިވާ މަނީ ހެއިސްޓް ނުވަތަ ލަ ކަސާ ޑެ ޕަޕެލް ގެ ފަސްވަނަ ސީޒަން އަދި އެންމެ ފަހުބައި ނެރޭނެ ކަމަށް ބެލެވެނީ 2021 ގެ މެދުތެރޭގައިއެވެ. ފަހު ސީޒަންގައި 10 އެޕިސޯޑް ހިމެނޭއިރު މި އެޕިސީޑްތައް ކުޅެފައި ވަނީ ސްޕެއިން، ޕޯޗުގަލް އަދި ޑެންމާކުގައިއެވެ. މި ސީރީޒް އަކީ އެލެކްސް ޕިނާ ލިޔެފައިވާ އަދި އޭނާ ޑައިރެކްޓުކުރާ ސީރީސްއެކެވެ.

ސްޕެނިޝް ސީރީސްއެއް ކަމަށްވާ މަނީ ހެއިސްޓްގެ ފުރަތަމަ ސީޒަން ރިލީޒް ކުރީ 2017 ވަނަ އަހަރުގެ މެއި 2 ގައިއެވެ. ބެލުންތެރިންގެ ސަމާލުކަން ލިބިގެންދާގޮތަށް ކުޅެފައިވާ މި ސީރީސްއަށް މިހާތަނަށް ގިނަ އެވޯޑުތަކެއް ލިބިފައިވާ އިރު އޭގެ ތެރޭގައި އެމީ ގެ ބެސްޓް ޑްރާމާ ސީރީޒް 2018 ފަދަ އެވޯޑްތައް ހިމެނެއެވެ.