(ސޯޅަވަނަ ބައި)

"ނޫން! ނޫން! ތިހެން ނުބުނޭ! އަހަރެން އަބަދުވެސް ބަލަން އަހަރެން މިއީ ރަނގަޅު މީހަކަށް ވެވޭތޯ! އަހަރެން އަބަދުވެސް ވަރަސް މަސައްކަތްކުރަން އަހަރެންގެ ރުޅި ކޮންޓްރޯލް ކުރެވޭތޯ! އެކަމަކު... އެކަމަކު... އެކަމަކު..." ލުކްޝާން އޭނާގެ އަމިއްލަ ޟަމީރާ ވާހަކަދައްކަމުން ދިޔައެވެ.

"ކޮން އެކަމަކެއް؟ ކަލޭ އަބަދުވެސް ހުންނަނީ ރުޅިއައިސް! އަދި އެކަމެއް ކަލޭއަކަށް ހައްލެއް ނުކުރެވޭނެ! ކަލޭ ޖެހޭނީ ރުޅި އައިސްގެން އުޅެން! ކަލެޔަށް އެއްވެސް ކަމެއް ނުވާނެ!" ރީތިވާ ލޯގަނޑު ކުރިމަތީގައި ހުރެގެން ލުކްޝާން ވާހަކަދައްކަމުން ދިޔައީ މޮޔައެއް ފަދައިންނެވެ.

"އަހަރެންނަށް ފުދިއްޖެ! އަހަރެންނަށް ފުދިއްޖެ! މި ބުނީނުން ހުއްޓާލާށޭ!" ރީތިވާ މޭޒުމަތީގައި ހުރި ސެންޓުފުޅި ލުކްޝާން ރީތިވާ ލޯގަނޑާ ދިމާއަށް އެއްލައިލީ ރުޅިއައިސް ރަތްވެގެން ހުރެއެވެ.

އަހްލާމް އިނީ ޤައުމީ ކުތުބުޚާނާގައެވެ. ފޮތް ކިޔުމުގެ މަސައްކަތާގެންނެވެ. އޭނާއާ ކުރިމަތިވާ ގޮތަށް ނަފާޒާވެސް ފޮތް ކިޔުމާގެން އަވަދިވަނީއެވެ. ދެ ކުދިން ދެ ކުދިންނަށް ވާހަކަތައް ހިއްސާކޮށް ހެދިކަމުގައި ވީނަމަވެސް ފޮތް ކިޔުމުގެ ވަގުތުގައި އިތުރު އެހެން އެއްވެސް ވާހަކައެއް ނުދައްކައެވެ. އެ ކުދިން ފޮތް ކިޔަނީ އެކަން ކުރާ ހިތުންނެވެ. އެކަމަށް ނިކަން ޝައުޤުވެރިވެގެންނެވެ. އެކަމަށް ވަރަށް ކަމޭހިތައިގެންނެވެ.

އަހްލާމް ފޮތް ބާއްވާފައި ކައިރީގައި ހުރި ފެންފުޅިން ފެންކޯވަރެއް ބޮއެލިއެވެ. އެޔާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އެ މީހުންނާ ދިމާއަށް ބަލަހައްޓައިގެން އިން މިފްޒާލެވެ. އޭނާ ކަޅި ޖަހާވެސް ނުލައި އެ މީހުންނާ ދިމާއަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އޭނާގެ ކުރިމަތީގައި ގަނޑު ގިނަ ބޯ ފޮތެއް ހުޅުވާލާފައި އޮތެވެ. އެހެނަސް އެ ފޮތާ ދިމާއަށް އޭނާ އެއްގޮތަކަށްވެސް ބަލައެއް ނުލައެވެ.

އަހްލާމް ކުއްލިއަކަށް ފޮތް ކިޔަންވެސް ފޫހިވިއެވެ. އޭނާ އަންނަ ކޮންމެ ތަނަކުން މިފްޒާލް ފެންނާތީ އޭނާގެ ހިތް ބިރުގަންނަނީއެވެ. މީހާއަށް ހިތް ހަމަނުޖެހުން ވެރިކުރުވަނީއެވެ. އަހްލާމް މަޑުމަޑުން ނަފާޒާގެ ފައިގައި ކޮއްޓާލިއެވެ. އެޔާއެކު ނަފާޒާ އޭނާއާ ދިމާއަށް ބަލައިލިއެވެ.

"ކިހިނެއްވީ؟" ނަފާޒާ ވާހަކަ ދެއްކީ ވައި އަޑަކުންނެވެ.

"ބަލައިބަލަ! އެ އިނީ އެއްކަލަ މީހާ!" އަހްލާމް ލޮލުގެ އިޝާރާތުން މިފްޒާލް ދެއްކިއެވެ.

"ކޮން މީހެއްތަ؟" ނަފާޒާއަކަށް އެ މީހެއް ނަގައެއް ނުގަނެވުނެވެ.

"އަހަރެން ބުނީމެއްނުން، ކޮލެޖްގަވެސް ބަލަނީއޭ!" އަހްލާމް އިތުރަށް ތަފްޞީލްކޮށް ދިނެވެ.

"އޯ! މިފްޒާލްދޯ؟" ނަފާޒާ މިފްޒާލާ ދިމާއަށް ބަލައިލިއެވެ.

"އޭ ކިހިނެއްވީ؟" އަހްލާމް ނަފާޒާގެ ގައިގާ އުޅަބޮށިން ޖަހައިލިއެވެ. "ކީއްވެ، އެ ދިމާއަށް ތި ބަލަނީ؟"

އަހްލާމް ބުނި އެއްޗެއް ނަފާޒާއަށް އަޑު އިވުނު ކަމަކަށް ނުވިއެވެ. އޭނާއަށް ބެލެނީ މިފްޒާލާ ދިމާއަށެވެ. ކަޅި ޖަހައިވެސް ނުލައެވެ. މިފްޒާލްގެ މޫނު މަތީގައި ނަފާޒާ ހިތްހަމަޖެހޭ އެތައް ސިފައެއް ވެއެވެ. އަހްލާމް، މިފްޒާލް ސިފަކޮށްދިން ގޮތް ނަފާޒާއަށް ކަމަކު ނުދެއެވެ. ނޫނީ އެއީ އަހްލާމަށް މިފްޒާލް ފެންނަ ގޮތް ކަމަށްވެސް ވެދާނެއެވެ.

އެއީ ހެދި ހުރި ދިގު އިސްކޮޅެކެވެ. ހެޔޮވަރަކަށް އޭނާގެ ހަށިގަނޑު ހިއްކެވެ. މޫނު މަތީގައި އެއްވެސް ކަޅު ކަމެއް ނުވައެވެ. ސާފު ރީތި ދޮންދޮން މޫނެކެވެ. މަޑުމަޑު ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. ދިގު ނޭފަތެކެވެ. ވަރުގަދަ ދެ ބުމައެވެ. ފަންފަން އިސްތަށިގަނޑު އޮތީ ރީއްޗަށް ފުނާ އަޅައި އޮމާން ކޮށްފައެވެ. ނަފާޒާގެ ހިތް މިފްޒާލްގެ ރީތިކަމަށް ލެނބެމުން ދިޔައެވެ. މިފްޒާލްވެސް ނަޒަރު ހުއްޓިފައި ހުރީ ނަފާޒާއާ ދިމާއަށެވެ.

އަހްލާމް އިނީ ނަފާޒާއާ ދިމާއަށް ބަލާށެވެ. ހައިރާންކަންމަތީގައެވެ. ވާން އުޅޭ ގޮތެއް އޭނާގެ ހިތަށް އެނގޭ ފަދައެވެ. އަދި އޭނާގެ ހިތް އެކަމަށް އާބަސް ބުނާކަށް ބޭނުމެއް ނުވެއެވެ. އެއީ މިފްޒާލްގެ ގޮތް ނޭނގޭ ބެލުމުގެ ފަހަތުގައި އަހްލާމަށް ފެންނަން އޮތީ ނާމާން ކަމެވެ. ނޫނީ ބިރުވެރިކަމެވެ. އަދި އަނިޔާވެރިކަމާއި ކެކުޅުމެވެ. އޭގެ އިތުރުން ކަރަށް ބެދެމުން އަންނަ ބޮޑު މަޅިއެކެވެ. އެ މަޅި ކަރަށް މެހި ބެދިއްޖެނަމަ އެއިން ސަލާމަތް ނުވެވޭނެކަން އަހްލާމްގެ ސިކުނޑި ބުނަމުން ދިޔައެވެ.

"އޭ! ހިނގާ ދާން! އޭނާ ނުދާނެ އަހަރެމެން މި ތަނުގައި ތިބޭހާ ހިނދެއްގައި!" އަހްލާމް މޭޒުމަތީގައި ހުރި ފޮތްތައް އެއްކޮށްލިއެވެ.

"އަހްލާމް ދޭބަލަ މިފްޒާލާ ވާހަކަ ދައްކަން!" ނަފާޒާ އިނީ ދާން ބޭނުންވެފައެއް ނޫނެވެ.

"ކީއްކުރަން؟" އަހްލާމަށް ލިބުނީ ކުއްލި ސިހުމެކެވެ.

"މިފްޒާލް ކޮންމެފަދަ މުހިއްމު ވާހަކައެއްވެސް އަހްލާމްގެ ގާތުގައި ބުނަން ބޭނުން ވެދާނެއެއްނުން." ނަފާޒާގެ ހިތުގައި މިފްޒާލާ ދޭތެރޭ ހަމްދަރުދީ އުފެދުނެވެ.

"ނޫޅެން! އަހަރެންނަށް ހީވަނީ އޭނާ ކޮންމެވެސް އެހެން ބޭނުމެއްގައި އުޅޭހެން." އަހްލާމް ގޮނޑިން ތެދުވިއެވެ. "އަހަރެން މިދަނީ ގެއަށް."

އަހްލާމް ހިނގަގަތުމުން ނަފާޒާ ފޮތްތައް ހިފައިގެން އަހްލާމްގެ ފަހަތުން ހިނގައިގަތެވެ. އޭރުވެސް މިފްޒާލް ނަފާޒާއާ ދިމާއަށް ހުއްޓުމެއް ނެތި ބަލަމުން ދިޔައެވެ. ނަފާޒާއަށް ވެސް ވީއެވަރެވެ. އިރުއިރުކޮޅުން އޭނާއަށް މިފްޒާލާ ދިމާއަށް ބަލައިލެވެއެވެ. އެޔާއެކު ހިނިތުންވެލެވެއެވެ. އޭނާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ނަފާޒާގެ ހިތް މިފްޒާލަށް އެދޭތީއެވެ.

"އަސްލުވެސް! އަހަރެންނަކަށް ނުފެނޭ މިފްޒާލްގެ މޫނުމަތިން މަކަރުވެރިކަމެއް!" ނަފާޒާ އިނީ އަހްލާމާއެކު ރަސްރަނި ބަގީޗާ ތެރޭގައެވެ.

"އަހަރެން ޤަބޫލެއްނުކުރަން! އަހަރެންގެ ހިތް ބުނަނީ އޭނާ ބޭނުންވެގެން އުޅެނީ އެހެން ކަމެކޭ!" އަހްލާމް އިނީ ހިތްހަމަނުޖެހިފައެވެ. "އަހަރެންނަށް އެ ބެލުމުގެ ފަހަތުން ފެންނަނީ ހުސް މަކަރުވެރިކަން!"

"އަހޫ! މީހުންނާ ދިމާއަށް ތިހެން ބުނާކަށް ނުވާނެ." ނަފާޒާގެ މޫނު މައްޗަށް ވެރިވީ ދެރަވުމުގެ ކުލަވަރެވެ. "އަހަރެމެންނަށް އެއީ ކާކުކަމެއް އަދި ނޭނގެއެއްނުން."

"ނޭނގޭ މީހުންގެ އަމަލުތަކަށް އަހަރެމެން ޖެހޭނެ ވަރަށް ވިސްނަން!" އަހްލާމް މިފްޒާލާ ދިމާއަށް އެއްޗިހި ކިޔަމުން ދިޔައެވެ.

"އަހޫ! އައި ޑޯން ލައިކް ދަ ވޭ ޔޫ އާރ ޓޯކިން!" އަހްލާމް ވާހަކަދައްކާ ގޮތުން ނަފާޒާ ހިތްހަމަނުޖެހުނެވެ. "އައި އެމް ގޮއިން ހޯމް! ބައި!"

"ނަފާ!" ނަފާޒާ ގެއާ ދިމާއަށް ހިނގައިގަތުމުން އަހްލާމަށް ވާހަކަދެއްކުނީ އެންމެ ރަނގަޅަށް ނޫންކަން އޭނާއަށް ވިސްނުނެވެ.

(ނުނިމޭ)