ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ބޭރުކޮށްލި ކަމަށް ދާދި ފަހުން ނެރުނު އޭނާގެ ބަޔޮގްރަފީ ''އަންފިނިޝްޑް'' ގައި އޭނާގެ ހަޔާތުގައި ދިމާވި ގިނަ ކަންކަން ހިއްސާކޮށްފައި ވެއެވެ. އެގޮތުން އެ ވާހަކަތަކުގެ ތެރެއިން އޭނާ ި ވަނީ ފިލުމު އެކްޓަރއާއި އެއްވަރެއްގެ އުޖޫރައެއް ދޭން ބުނުމުން ފިލުމުގެ ސެޓުން ބޭރުކޮށްލި ވާހަކަވެސް ހިއްސާ ކޮށްފައި ވެއެވެ.

ޕްރިޔަންކާގެ ''އަންފިނިޝްޑް'' ގައި ވާގޮތުން، ޗެކްގައި ލިޔެފައިވާ އަދަދަށް ފައިސާ ގަބޫލު ކުރުމަށާއި ނޫންނަމަ ޕްރިޔަންކާ ކުޅުމަށް ހަމަޖެހިފައިވާ ރޯލު އެ އަގުގައި ކޮށްދޭނެ އެތައް ފަންނާނުންނެއް ތިބޭނެ ކަމަށް އެ ފިލުމުގެ ޑައިރެކްޓަރ ބުނެފައިވެއެވެ.

އެ ދުވަހު ޕްރިޔަންކާގެ މަގާމުގެ ގޮތުން އެކަމާއި ގުޅިގެން އެއްވެސް ކަމެއް އޭނާއަށް ނުކުރެވުނު ކަމަށް ޕްރިޔަންކާ ބުނެފައި ވެއެވެ. އެކްޓިންގެ ދާއިރާގައި މަސައްކަތް ކުރުމަށް ބޭނުންވާ ނަމަ އެމީހުން ބުނާ ގޮތަށް ކަންތައް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާގެ ފޮތުގައި ލިޔެފައިވެއެވެ.

އަމިއްލަ ނަފުސުގެ ދިފާއުގައި ކުރިމަތިލެވޭނެ ފަދަ މަގާމަކަށް ވާސިލުވުމަށް 15 އަހަރު ނެގި ކަމަށާއި މިހާރު އެހެން އަންހެން ފަންނާނުން ވެސް ޕްރިޔަންކާގެ ދިފާޢުގައި ތެދުވެ ވާހަކަ ދައްކާ ކަމަށް ވެސް އެ ފޮތުގައި ލިޔެފައިވެއެވެ.

ޕްރިޔަންކާގެ ބަޔޮގުރަފީ ''އަންފިނިޝްޑް'' ގައި އޭނާގެ އެކްޓިން ކެރިއާރގައި ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާއި ހުރަސްތަކުގެ ވާހަކަތައް ހިއްސާ ކޮށްފައިވެއެވެ. ޕްރިޔަންކާގެ ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ ސާޖަރީ ހެދުމަށް ބައެއް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ބުނެފައިވާ ކަމަށް ވެސް ޕްރިޔަންކާ ފާހަގަ ކޮށްފައިވެއެވެ.

މިފަދަ ކަންތައްތަކުގެ ސަބަބުން ތިމާގެ އަގެއް ނެތްކަން އިހްސާސް ކުރެވުނު ކަމަށާއި ހަށިގަނޑުގެ ގުނަވަންތަކަށް ބަދަލު ނުގެނެސްފި ނަމަ ކާމިޔާބު އެކްޓަރަކަށް ނުވެވޭނެތޯ ވެސް ސުވާލު އުފައްދާފައިވެއެވެ.