މޫނާއި ހަންގަނޑަށް އެންމެ ފައިދާ ހުރި އެއް ފަރުވާއަކީ ގުދުރަތީ ބާވަތްތައް ބޭނުން ކޮށްގެން ގޭގައި ދެވޭ ފަރުވާތަކެވެ. ނަމަވެސް ކެއްކުމަށް ބޭނުން ކުރާ ބާވަތެއް ކަމުގައިވާ ރީނދޫއަކީ ވެސް މޫނު ދޮން ކުރުމަށާއި އުޖާލާ ކުރުމަށް ތަފާތު ފޭސް މާސްކު ހެދުމަށް ބޭނުން ކުރާ ބާވަތެކެވެ.

މިގޮތަށް ބޭނުން ކުރެވޭ ބާވަތްތަކުގެ ތެރެއިން އެއްވެސް ބާވަތެއް މާގިނައިން ބޭނުން ކުރެވިއްޖެ ނަމަ ހަންގަނޑަށް ގެއްލުން ލިބެއެވެ. ވަކީން ހާއްސަކޮށް ރީނދޫ ގިނައިން ބޭނުން ކުރެވިއްޖެ ނަމަ ނަތީޖާ ތަފާތުވެއެވެ.

ސްކޮޓިޝްގެ ޓިކްޓޮކާ ލައުރެން ރެނީއަށް މި ކަންތައްތައް މާ ރަނގަޅަށް އެނގިފައިވާހެން ހިއެއް ނުވެއެވެ. އެއީ ލައުރެން މޫނުގެ ހަންގަނޑު ރީތި ކުރުމަށް ގޭގައި އަމިއްލައަށް ރީނދޫ ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ މާސްކު އެޅުމުގެ ސަބަބުން ހަންގަނޑަށް އައިސްފައިވާ ބަދަލުންނެވެ. ފޭސް މާސްކު ދޮވެލުމުން ވެސް މޫނުގެ ކުލަ ހުރީ ރީނދޫ ވެފައެވެ.

ލައުރެން މި ފޭސް މާސްކު އަޅާފައި ވަނީ އޭނާގެ މޫނުގެ ހަނގަނޑު ރީތިކޮށް އުޖާލާ ކުރުމަށެވެ. ނަމަވެސް އޭނާގެ މޫނު މިހާރު ވައްތަރީ ސިމްޕްސަންސް ކާޓޫނުގެ ކެރެކްޓާއަކާއި ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ލައުރެން ވަނީ އޭނާގެ ޓިކްޓޮކްގައި 17 މިލިއަން ފޮލާވަރުންނާ މި ވާހަކަ ހިއްސާ ކޮށްފައެވެ. އަދި މިހާރު މޫނުގައި ހުރި ރީނދޫ ކުލަ ނައްތާލުމަށް ކުރެވޭނެ ކަންތައްތައް ދަނީ ހޯދައި ބަލަމުން ކަމަށާއި ރީނދޫއަކީ މޫނުގެ އެކި ކަންތައްތަކަށް ވަރަށް ރަނގަޅު ފަރުވާއެކޭ ބުނާ އަޑު އިވޭތީ އޭގެ އަޖުމަ ބަލައިލީ ކަމަށް ވެސް ލައުރެން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު