ގޭމް އޮފް ތްރޯންސް ގެ ޕްރީކުއަލްގެ ޝޫޓިން އަންނަ އޭޕްރީލް މަހުގައި ފަށަން ތައްޔާރުވެއްޖެ އެވެ.

ޓީސީއޭ ޕެނަލް އެއްގައި ވާހަކަ ދައްކަމުން އެޗްބީއޯ އަދި އެޗްބީއޯ މެކްސް ގެ ޗީފް ކޮންޓެންޓް އޮފިސަރ ސާސީ ބްލޮއިސް ބުނީ އަންނަ އޭޕްރީލް މަހުގައި ގޭމް އޮފް ތްރޯންސްގެ ޕްރީކުއަލް ހައުސް އޮފް ދަ ޑްރެގަން ގެ ޝޫޓިން ފަށާނެ ކަމަށެވެ.

ޖީއޯޓީ އަށް ކުދިބޮޑު އެތައް ލައްކަ ބައެއްގެ ތަރުހީބު ލިބިގެން ދިޔައިރު ޖީއޯޓީގެ ކޮންމެ ސީޒަނެއް އަންނަންދެން އެތައް ބަޔަކު މަޑުކޮށްގެން އަދި ކުރީގެ ސީޒަން ތަކުގެ ވާހަކަ ތަކާއި އަންނަން އޮތް ސީޒަނުގައި ކަންކަން ވާނޭ ގޮތާއި މެދުގައިވެސް މީސް މީޑިޔާގައި ހިޔާލުފާޅުކުރަމުން ދިޔަ އެވެ.

މި ސީރީސް އަކީ ދުނިޔޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޯޖް މާޓިންގެ ހިޔާލީ ވާހަކައެއް ކަމަށްވާ ފަޔާ އެންޑް ބްލަޑްގެ މައްޗަށް ކުޅެފައިވާ ސިލްސިލާ އެކެވެ. މި ސިލްސިލާގެ ބައެއް އެޕިސޯޑުތައް ޑައިރެކްޓު ކޮށްފައި ވަނީ މިގުއަލް ސެޕޮޗްނިކް އެވެ.

ހައުސް އޮފް ދަ ޑްރެގަން ގައި ފެނިގެން ދާނީ ގޭމް އޮފް ތްރޮންސްގައި ފެނިގެންދާ މަންޒަރުތައް އަދި ވާހަކަތަކުގެ 300 އަހަރު ކުރީގައި ހިނގާފައިވާ ކަންކަމެވެ. މި ސިލްސިލްގައި ފެނިގެންދާނެ ތަރީންނަކީ އޮލީވިޔާ ކޫކް، އެމާ ޑީއާސީ، މެޓް ސްމިދް ފަދަ ތަރީން ކަމަށް އެޗްބީއޯ އިން ބުނެ އެވެ.