(ފުވައްމުލައް ސިޓީ) މިޒަމާނުގައި ގިނަ މީހުންގެ އަތުގައި އަގު ބޮޑު ކެމެރާއެއް އޮންނަ އިރު، ކުރާ ހިތުން ޝައުގުވެރިކަމާ އެކު ފޮޓޯ ނަގާ އުޅެނީ މަދު ބައެކެވެ. އެކަމަކު، ފުވައްމުލަކަށް އުފަން މުހައްމަދު ލީވާން ލަތީފް 14، ގެ ހުނަރު ތަފާތެވެ. އެހާ ޅަ އުމުރުގައި އޭނާ ދައްކަނީ ކުޅަދާނަ ކަމެވެ. ފޮޓޯ ނެގުމަށް ވަރަށް ބޮޑަށް ގަޔާވެ، ކުރާ ހިތުން އެ މަސައްކަތް ކުރުމަކީ ލީވާންގެ ކަށީގައި މިއަދު ހަރުލާފައި ހުރި ކަމެކެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ލީވާންއަކީ އުމުރުން 12 އަހަރުގައި ފޮޓޯ ނެގުމުގެ ދާއިރާ އަށް ޝައުގުވެރިވި ކުއްޖެކެވެ. ތައުލީމީ ގޮތުން ހުނަރު ހުރި ލީވާން ފޮޓޯގްރަފީގެ ދާއިރާ އަށް ވަދެވުނީ ރައްޓެއްސެއްގެ ކެމެރާ އިން ނެގި ރީތި ފޮޓޯތަކާ އެކުގައެވެ.

މިއަދު ލީވާންއަކީ ފޮޓޯ ނަގާ "ޕްރޮފެޝަނަލް"ް މީހުންގެ ތެރެއިން އޭނާ އަށް ވުރެ އުމުރުން ދޮށީ މީހުންނަށް ދޫކުރާ ވަރުގެ ކުއްޖެއް ނޫނެވެ.

14 އަހަރުގެ ފޮޓޯގްރާފަރު ލީވާން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ރައްޓެހިންނާއެކު އުޅެނިކޮށް އެއް ދުވަހު މި ފެންނަނީ ރައްޓެއްސެގެ އަތުން ކެމެރާއެއް، އެ ދުވަހު ކެމެރާ ނަގައިގެން ކުޅެމުން ގޮސް، އެ ދުވަހުގެ ވަރަށް ރީތި ގަޑެއް ނެގުނު، އެ ދުވަހު ހިތަށް އެރީ މިއީ ކުރަންވީ ކަމެކޭ، އެ ދުވަހު ވަރަށް ޝައުގުވެރިކަން އުފެދިއްޖެ،" ލީވާން ބުންޏެވެ.

ލީވާން ބުނީ، އެ ދުވަހު ގޮސް އާއިލާ މީހުން ކައިރީގައި ވެސް އެ ވާހަކަ ހިއްސާ ކުރި ކަމަަށެވެ. އަދި ވަރަށް ބޮޑަށް ފޮޓޯގްރަފީ އަށް ޝައުގުވެރިކަން ދަމައިގަތް ކަމަށް އޭނާ ބުންޏެވެ.

ލީވާން ނަގާފައިވާ ފޮޓޯއެއް

"ދެން އެގޮތަށް ފޮޓޯ ނަގަމުން އައިސް، ރަނގަޅުވާ ތަން ފެނުނީމަ ދެން ހަމަ ކުރަން ފެށީ މި،" ލީވާން ކިޔައި ދިނެވެ.

އޭނާ ފޮޓޯ ނަގައި އުޅެނީ ނިކޮން D3400 އަކުންނެވެ. އަދިވެސް އޭނާ ބޭނުން ކުރަނީ އެ ކެމެރާއެވެ.

އޭނާ އެންމެ ފުރަަތަމަ ނެގި ފޮޓޯއަކީ ހޭންޑް ބޯލް މުބާރަތެއްގެ ފޮޓޯއެކެވެ. މިހާރު ލީވާންގެ ވިސްނުން ހުރީ މިކަން ކެރިއާއެެއްގެ ގޮތުގައި ފަށައިގެން ކުރިއަށްގެންދާށެވެ. އާމްދަނީއެއް ހޯދުމުގެ ބަދަލުގައި ޕްރޮފެޝަނަލް މަސައްކަތެއް ކުރާށެވެ.

ލީވާން ނަގާފައިވާ ފޮޓޯއެއް

ލީވާންގެ އުމުރުން ހަގުކަމުން އޭނާ އަދި ޕެއިޑް ޝޫޓް އެއްޗެހި ނަގަން ބޭނުން ނުވެއެވެ. އޭނާ ބޮޑަށް ބޭނުން ވަނީ ނަގާ ފޮޓޯތަކުގައި ކޮލެޓީ ދެމެހެއްޓުމާއި، އިތުރަށް ދަސްކުރުމާއި، ޕްރޮމޯޓް ކުރުމަށެވެ. އެގޮތަށް އެ މަސައްކަތް ކުރަމުންދާ އިރު، އޭނާ އެއްވެސް ވަރަށް ޗާޖެއް ނުނަގައެވެ. ޝޫޓްތައް އަދި ނަގަނީ ހިލޭއެވެ.

ކޮންމެ ދާއިރާއެއްގައި މަސައްްކަތް ކުރިޔަސް މީހުންގެ މަލާމާތް ރައްދުވެއެވެ. އެއީ އެއްބަޔަކަށް ކުރިއަށް ދާން ލިބުނު ހިތްވަރަަކަށްވެސް ވެގެން ދެއެވެ. ލީވާން ފޮޓޯ ނަގަން ފެށުމުން ވެސް އޭނާއަށް މަލާމަތް ކުރި އެތައް ބަޔަކު ތިއްބެވެ. އެކަން ނުވާނެ ކަމަށް ބުނި އެތައް ބަޔަކު އެބަތިއްބެވެ. ފޮޓޯތައް އެހާ ރީތި ނޫންކަމަށް ވެސް ބައެއް މީހުން ބުންޏެވެ. އެކަމަކު އޭނާ ހިތްވަރު އެލުވައެއް ނުލިއެވެ. އޭނާއަށާއި، އޭނާގެ މަސައްކަތްތަކަަށް އަމާޒުވި އެ ވިހަަގަދަ ބަސްތައް ވެފައި ވަނީ އޭނާ ދާއިރާއިން ކުރިއަށްދާން ލިބުނު ބޮޑު ހިތްވަރަަކަށެވެ.

ލީވާން ނަގާފައިވާ ފޮޓޯއެއް

"ފުރަތަމަކޮޅު އެހެން އަޑުއިވުނީމަ ހުއްޓާލާ ހިސާބަށް ދިޔަ، އެކަމަކު އަމިއްލައަށް ފެށި ކަމެއްވީމަ، ހިތަށް އެރީ އަމިއްލައަށް ކުރީމަ މިކަން ވާނެއޭ،" ލީވާން ބުންޏެވެ.

ފޮޓޯގްރާފީ ދާއިރާއިން ކުރިއަށްދާން ރާއްޖޭގައި ފުރުސަތު އޮތް ކަމަށް ލީވާން ގަބޫލު ކުރެެއެވެ. އޭނާ ފާހަގަކުރިގޮތުގައި، މިއީ ރަނގަޅު އާއްމުދަނީއެއް ލިބޭ، ކުރިއަރައިގެން ދެވޭނެ ދާއިރާއެކެވެ.

އޭނާގެ ވިސްނުން ހުރީ ގްރޭޑް 10 ނިންމާފައި ފޮޓޯގްރަފީ ދާއިރާ ނަގައިގެން، ހަމަ ސީދާ އެ ދާއިރާއިން ކުރިއަށް ދިއުމަށެވެ. އެ ދާއިރާއިން އޭނާ ކިޔަވަން ބޭނުންވަނީ ރާއްޖެއިން ބޭރަށް ގޮސްގެންނެވެ. ވިސްނުން ހުރީ އެ ދާއިރާއަށް ކިޔަވަން ސްރީ ލަންކާއަށް ދިއުމަށެވެ.

ލީވާން ނަގާފައިވާ ފޮޓޯއެއް

ފޮޓޯ އާއި ވީޑިއޯވެސް ނަގައި އުޅޭ ލީވާންގެ ވިސްނުން ހުރީ ދާއިރާއިން ކިޔަވައިގެން އައިސް ފޮޓޯ ނެގުމުގެ ކަންކަން ރަނގަޅު ފެންވަރެއްގައި ކުރުމެވެ.

އޭނާ ބޮޑަށް ޝައުގުވެރިކަން ހުންނަނީ އެކްޝަން ފޮޓޯގްރަފީ އަށެވެ.

ލީވާން ނަގާފައިވާ ފޮޓޯއެއް

މިކަމުގައި އޭނާ ކުރިިއަށްދާން އާއިލާ އާއި ރައްޓެހިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެއެވެ. އެގޮތުން އޭނާ ކުރަން ބޭނުންވާ ކަމެއް ކުރުމުގެ ފުރުސަތު އާއިލާއިން ދީފައިވާ އިރު، އެންމެ ބޮޑު މޯޓިވޭޝަންއަކަށް ވެފައި ވަނީވެސް ބައްޕަ ކަމަށް އޭނާ ބުންޏެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރި "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިސްޓާރ ޓޭ

    ބެސް އޮފް ލަކް ފޮ ޔޯ ފިއުޗާރ.

  2. ޙަސަން އަޙްމަދު

    ރަތްވިލާގެ ފަސްމަންޒަރރެއްގައި ތިބި ދެހިޔަނީގެ ފޮޓޯއާއި ވިނަގަނޑެއްގައި އިށީނދެގެން ތިބި ތިން ކުދިންގެ ފޮޓޯ ބަލާ ފޫހި ނުވޭ.

    8
    1