އަތުގައި އޮތީ ފުދޭވަރެއްގެ ފަލަ ވާގަނޑެކެވެ. ދެލޯ ދުޅަވެ ރަތް ވެފައި ވަނީ ކަރުނަ އަޅަ އަޅައި ހުސްވެގެން ކަން ނޭނގެއެވެ. އިމާރާތުގެ 11 ވަނަ ފަންގިފިލާއަށް އަރަން ލިފްޓު ހުއްޓެއް ކަމަކު ބޭއިޚްތިޔާރުގައި ނަމަވެސް އަހަންނަށް އަރަން ދިމާކުރެވުނީ ސިޑީންނެވެ. އަހަރެން ސިޑިން އަރަމުން ދިޔައިރުވެސް ހިޔާލުގައިވަނީ އަހަރެންގެ މުޅިހަޔާތް ހިތާމަ އާއި ހިތްދަތިކަމުން ފުރިފައިވާވަރެވެ. ޖެހިފައިވާ ހިތާމައިގެ ބޮޑު ކަމެވެ. އަހަރެން ކުރަން މިއުޅޭކަމަކީ އެންމެ ރަނގަޅު ކަންތައްބާއޭ ހިތަކަށް ވެސް ނާރައެވެ.

މިހެން އަރަމުން ދަނިކޮށް ފުރަތަމަ ފަންގިފިލާއިން ފެނުނީ ރީތިކަމާއި ހިތްހެޔޮކަމުގެ މިސާލު ޖަހާލެވޭ އަންހެނާއެވެ. ދޮރުު ހުރީ ނުލެއްޕި ކަމުން ވަރަށް ރީތިކޮށް އެތެރެ ފެނެއެވެ. އޭނާގެ ފިރިމީހާ މަރުވިތާ މިހާރު މިވީ ހަތަރު އަހަރެވެ. އެންމެންވެސް ހީކުރަނީ އޭނާގެ ހިތާމަތައް ފިލައި ހިނގައިދާނެ ކަމަށެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ފެންނައިރު މޫނަށް ވެރިވެފައި ހުންނަ ހިނިތުންވުމާއި އެހެރަ ހުންނަ ހިތްހެޔޮކަމަކުން ހިތާމައިގެ ކަންފުޅެއްވެސް ނުފެނެއެވެ. އެކަމަކު މިހާރު ވެސް އޭނާ އެހުރީ މަރުވިފިރިމީހާގެ ފޮޓޯގަނޑެއް ހިފައިގެން ރޯށެވެ.

ފެނުނުމަންޒަރުން ކުޑަކޮށް ހައިރާން ވިއަސް މާބޮޑަކަށް އެކަމަކާ ނުވިސްނަމެވެ. އިމާރާތުގެ ދެވަނަ ފަންގިފިލާޔާ ގާތްވަމުން ދިޔައިރު އިވެމުން ދިޔައީ ޒުވާބެއްގެ އަޑެވެ. ދޮރާ ހަމައަށް އައިއިރު ކަމަކުދާކަށް ނެތެވެ. އެދެމީހުންގެ ލޯބީގެ ވާހަކަޔާއި ހަމަޖެހޭ ދިރިއުޅުމުގެ ވާހަކައިން މިސާލުޖަހާލެވޭ ދެމަފިރިން ޒުވާބުކޮށް ގަޔަށް އަތްލަނީއެވެ. ގޭގެ ސާމާނުތައްވެސް ތަޅާ ސުންނާފަތި ކުރަނީއެވެ. ހީވަނީ ހަމަދެންމެ ދެންމެ އެ ކައިވެނި ނިމުމަކަށް އައިސްދާނެހެނެވެ. ހަޤީގަތުގައި މީ އުފަލުގައި އުޅުނު ބައެއްނޫންތާއެވެ.

ތިންވަނަ ފަންގިފިލާޔާ ހަމަޔަށް އެރިއިރުު ފެނުނީ އެތާގައި އުޅޭ މުސްކުޅި ބޭބެއެވެ. ނިކަމެތި ބޭބެ އަބަދުމެ ހުންނަނީ އޭނާގެ ދަރިން އޭނާގެ ޙާލުބަލަން އަންނާނީ ކޮންއިރަކުންތޯ ބަލާލަ ބަލާލައެވެ. އެދަރީން އައިސް ބައްޕާއޭ ކިޔައި ގޮވާލާނޭ ކަމުގެ ފޮނި އިންތިޒާރުގައެވެ. ކާފަދަރީންނާއެކު ކުޅެ ސަމާސާ ކޮށްލެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެދަރީން ބިޒީ ކަމުން ނާދެވޭތާ ހާލުބަލާލަން ގުޅާނީ ކޮންއިރަކުންތޯ ފޯނު އަތަށް ލައިގެން ބަލަބަލައެވެ. ނަމަވެސް ދުވަހަކުވެސް އެއިން އެކަކުވެސް އެގޭގެ ދޮރުގައި ޓަކިވެސް ޖަހައިނުލާތާ ގުޅާވެސް ނުލައެވެ. އެމީހުން މާ ބޮޑަށްވެސް ބިޒީއީތާއެވެ. އެ މުސްކުޅި ބޭބެ އެ ފެންނަނީ ކިހާ ދެރަ ކޮށްހެއްޔެވެ.

ފަސްވަނަަ ފަންގިފިލާޔާ ހަމައަށް އައިއިރު ހީވަނީ ކަރަންޓު ނެތްހެނެވެ. ނަމަވެސް ޓީވީގެ އަލިކަން ކޮންމެވެސް ވަރަކަށް ހުރުމުން ލައިޓުތައް ހުރީ ނިއްވާލެވިފާކަން އެނގުނެވެ. ޓީވީ އަޅުވާފައި ހުއްޓަކަސް އެއްވެސް އަޑެއް ނީވެއެވެ. އެހެރީ މިޔުޓު ކޮއްފާތާއެވެ. ފަސްވަނަ ފަންގިފިލާއަކީ އެންމެން ދަންނަ އެންމެ ސަކަރާތްޖަހާ މީހާ އުޅޭ ފަންގިފިލާއެވެ. މަޖާކޮށް އެހެންމީހުން ހުނުމަށް މަޖުބޫރުވާފަދަ ކަންތައްތައް ކުރާ އޭނާ އެކަނިމާއެކަނި އިނދެ އެ ރޮނީއެވެ. އެފަދަ އުފާވެރި މީހެއްގެ ހިތާމަތައް ހަމަ އެހާ ބޮޑު ވެދާނެހެއްޔެވެ؟

އަރަމުން ގޮސް އަށްވަނަ ފަންގިފިލާގައި އެ އިމާރާތުގައި އުޅޭ އެންމެ ރީތި މީހާ ފެނުނެވެ. ފެންނަފެނުމަށް ހީވާނީ ހުރިހާ ބަލިތަކެއްވެސް އޭނާދެކެ ބިރުގަންނާނެހެނެވެ. އެހާވެސް ހަށިގަނޑުގެ ބައްޓަން ރީތިވެފައި ސްމާޓެވެ. އެންމެ "ސިއްހަތު ރަނގަޅު" އެންމެ "ހަށި ވަރުގަދަ" މީހާ މިފެންނަނީ މުޅިން އެހެންގޮތަކަށެވެ. ދޮރާދިމާއަށް ފެންނަންހުރި މޭޒުގައި އިނދެ އެކަނީ ހާދަހާވާ ގިނަ ބޭހެކެވެ. ދިރިވެސް އެހުންނަނީ ބޭހުގެ އެހީގައެވެ. އެފަކީރު ހަމައެހާ ބަލީހެއްޔެވެ؟

ނުވަ ވަނަ ފަންގިފިލާޔާ ހަމަޔަށް އާދެވުނުއިރު ފެނުނީ އަނެއްކާވެސް ތަފާތު މަންޒަރެކެވެ. އެފަންގިފިލާގައި އުޅޭ ދެފައިނެތް މީހާ އަހަރެންނާ ދިމާއަށް ހީލާފައި ސިޑިންފައިބަމުން ދިޔައެވެ. އަހަރެންނަށް ހުރެވުނީ އޭނައާ ދިމައަށް ބަލާށެެވެ. ދެފައިނެތް އިރުވެސް މާތް ﷲ އަށް ޙަމްދުކޮށް އޭނާ އެއުޅުނީ ކިހާ އުފަލެއްގައި ހެއްޔެވެ. އަހަރެންނަށް ރަނގަޅަށް ވިސްނާލެވުނީ ދެނެވެ. ކުރެވެން އުޅުނު ފާފައާމެދު ވިސްނާލެވުނެވެ. ކުރިން އަހަރެން ހީކުރީ މިދުނިޔޭގައި ހުރި އެންމެ ހިތްދަތި އެންމެ ހިތާމަވެރި މީހަކީ އަހަރެން ކަމުގައެވެ. އަހަންނަށް ޖެހިފައިވާވަރުގެ ހިތާމައެއް އެހެންމީހަކަށް ނެތްކަމަށެެވެ. އަހަރެން ދަންޖެހުމެގެ ނިޔަތް ބަދަލުވެ މާތް ﷲ އަށް ތައުބާވެ ޙަމްދު ކުރީމެވެ. އެއީ ފިނޑިއެއްގެ ގޮތުގައި ނިމިގެންދިއުމުން ސަލާމަތް ކޮށްދެއްވީތީއެވެ.


މިދުނިޔޭގައި އުޅޭ ކޮންމެމީހަކުވެސް އުޅެނީ ހަމަ ތަފާތުމައްސަލަތަކެއްގައި ފިކުރު ކުރުމުގައެވެ. ތިބާ ނުރޯށެވެ. ތިބާގެ މައްސަލަތަކާ އެހެންމީހުން އަޅާނުލިއަސް މާޔޫސް ނުވާށެވެ. އެމީހުންނަށް ރުޅި މޫނުނަހަދާށެވެ. ފަހަރުގައި އެމީހުންގެ މައްސަލަ ތިބާގެ މައްސަލައަށް ވުރެ ބޮޑު ކަމުގައި ވެދާނެއެވެ. ތިބާއަށް ދިމާވެފައިވާ މުޞީބާތްތަކާއި އުނދަގޫތަކަށްވުރެ އެހެންމީހުން ތަހަންމަލުކުރާ ހިތްދަތިކަމާއި އުނދަގޫތައް މާބޮޑުކަމުގައި ވިސްނާނަމަ، ތިބާ އުޅޭނީ ކިހާ އުފަލެއްގައި ހެއްޔެވެ. އަދި ހެއްދެވި ފަރާތަށް ކިހާ ޝުކުރެއް އަދާ ކުރާނެ ހެއްޔެވެ. ދަންނާށެވެ. މާތް ﷲ ތިމާއަށް ނޫފުލޭ ވަރުގެ ބުރައެއް ތިމާއަކަށް ނުޖައްސަވާނެވެ. އެހެންކަމުން ހިތްވަރުކުރާށެެވެ. ތިމާއަކީ ތިމާގެ އަމިއްލަ މައްސަލަތައް ނޫފުލޭވަރުގެ ފިނޑިއަކަށް ނުވާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބާރީ

    މިލިޔުމުން ރަނގަޅު މެސެޖެއް ލިބިގެންދޭ. އަޅުގަނޑުގެ ދަރިފުޅަށް މީތި ޝެއަރކޮށްލަން ނުކެރުނީ އެންމެ ސަބަބަކާއިހުރެ. އެއީ ދަންޖެހޭ ވާހަކަ އޮތުމުން ޑިޕްރެޝަން ތަހައްމަލްކުރަމުންދާ ކުއްޖަކަށް ދައްކަން ބިރުގަތުން.

  2. ބުރުތުގާލް

    މި ލި އުން ވަރައް ސަޅި ބައެއްފަހަރައް އިމްތިހާނު ކުރެވޭނެ އެކަމަކު ވެސް ހިނިތުންވާން ދަސްކުރަންޖެހޭނެ އަހަރެންނަކީ އެންމެ ޅަ އުމުރުގައި ހީ ނުކުރާ ހުވަފެނުންވެސް ނުދެކޭ ތަފާތު ކަންތައްތަކާ ކުރިމަތިވެ ގޮންޖެހުންތަކާ ކުރިމަތިވި މީހެއް އަހަރެން ނަށް ދިމާވި ގޮތައް ދިމާވި ދިވެހިން ވަރަށް މަދުވާނެކަންނޭގެ އެކަމަކު އެގޮންޖެހުންތަކާ ހާލަތު އަހަރެން ތަފާތު މީހަކަށް ހަދައިދިން ބޮޑާ ކަމާ ފައިސާއާ މަޝްހޫރުކަން އެއީ ކުރުނިސް ކުރަން ނުޖިހޭ އެއްޗެއްކަން ދަސްކޮށްދިން ހަގީގީ އިންސާނަކަށް އަހަރެން ބަދަލު ކޮށްދިން އިންސާނިއްޔަތުގެ އަގު ދަސްކޮށްދިން މިޔަދު އަހަންނަކީ ތަފާތުމީހެ