ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ހޮލީވުޑްގެ ކުޅަދާނަ ފިލްމީ ތަރި ޓޮމް ކްރޫޒްގެ މިޝަން އިމްޕޮސިބަލްގެ ޝޫޓިން އަނެއްކާ ހުއްޓާލަން މަޖުބޫރު ވެއްޖެއެވެ. ފިލްމުގެ ޝޫޓިން އަށް މެދުއިރުމައްޗަށް ގޮސް ތިބި މިޝަން އިމްޕޮސިބަލްގެ ތަރީންނާއި ކްރޫއިން މިހާރު ވަނީ އެނބުރި އެމީހުންގެ ގައުމަށް ދާން މަޖުބޫރު ވެފައެވެ.

ކޮވިޑާ ގުޅިގެން މިޝަން އިމްޕޮސިބަލްގެ ތަރީންނަށް ޔޫއޭއީން ފުރައިގެން އެނބުރި އިނގިރޭސި ވިލާތަށް ދިއުމުން ދިހަ ދުވަހަށް ކަރަންޓީންގައި ތިބެން ވަނީ މަޖުބޫރު ވެފައެވެ. އެއީ އިނގިރޭސި ވިލާތުން އެކުލަވާލި ކޮވިޑްގެ ނުރައްކާ އޮތް 33 ގައުމުގެ ތެރޭގައި ޔޫއޭއީ ވެސް ހިމެނޭތީއެވެ.

މިޝަން އިމްޕޮސިބަލްގެ ތަރީން ރައްކާތެރިކަމާއެކު އެނބުރި އެ ފަރާތްތަކުގެ ގައުމަށް ދާން ވެސް ޖެހުނީ ޕްރައިވެޓް ޖެޓަކުންނެވެ. ކްރޫންގެ ތެރޭގައި މަދު އާމްދަނީއެއް ލިބޭ ކްރޫނަށް ބޮޑު ހަރަދެއް ކޮށްފައި މި ދަނޑިވަޅުގައި ހޮޓެލްއެއްގައި ދިހަ ދުވަހަށް އެކަހެރިވުން އެއީ ދަތި ކަމަކަށް ވެފައިވާ ކަމަށް ބޭރުގެ ނޫސްތަކުން މަޢުލޫމާތު ދެއެވެ.

މިޝަން އިމްޕޮސިބަލްގެ ޝޫޓިން ފާއިތުވި އަހަރުގައި ފެށި ނަމަވެސް އެކި މައްސަލަތަކާ ހެދި އެތައް ފަހަރެއްގެ މަތީން ފިލްމުގެ ޝޫޓިން ވަނީ މެދުކަނޑާލަން ޖެހިފައެވެ. މި ފިލްމުގެ ޝޫޓިން ފުރަތަމަ ފެށީ 2020 ގެ ފެބްރުއަރީ މަހުއެވެ. އެއީ ފުރަތަމަ ފަހަރަށް ފުރަބަންދު އިއުލާން ކުރުމުގެ ކުރިންނެވެ.

އުމުރުން 58 އަހަރުގެ ޓޮމް ކްރޫޒްގެ މިޝަން އިމްޕޮސިބަލް ރިލީޒް ކުރާނެ ކަމަށް ބެލެވެނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި ފިލްމުގެ ޝޫޓިން ނެގުމަށް ޓޮމް ކްރޫޒް ކޮވިޑް-19 އިން ރައްކާތެރި ސްޓޫޑިއޯ އެއް ތައްޔާރުކުރާ ކަމަށް ވެސް ވަނީ އަޑުފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު