ބޮލީވުޑުގެ ފިލުމު ''އޯމް ޝާންތި އޯމް'' ގެ ބަތަލާ ދީޕިކާ ޕާޑުކޯންއަށް އިންސްޓަގުރާމުގައި ހަޑިހުތުރު ބަހުން މެސެޖުކޮށް އުޅުނު މީހަކަށް ދީޕިކާ ރައްދު ދީފިއެވެ.

ސަހިލް ޝާހްގެ ނަމުގައި ހަދާފައިވާ އެކައުންޓަކުން ދީޕިކާއަށް ހަޑި ހުތުރު ބަސްތައް ބޭނުން ކުރަން ފެށުމުން އެ މީހާގެ މެސެޖުތަކުގެ ސްކްރީން ޝޮޓަކާއި އެކު އެ މީހާއަށް ރައްދު ދީ ދީޕިކާގެ އިންސްޓަގުރާމު އެކައުންޓުގެ ސްޓޯރީގައި ޕޯސްޓެއް ހިއްސާ ކޮށްފައިވެއެވެ.

މި ސްކްރީން ޝޮޓް ހިއްސާކޮށް ދީޕިކާ ބުނެފައިވަނީ އެ މީހާގެ އާއިލާ މީހުންނާއި ރަހުމަތްތެރިން އޭނާގެ މިފަދަ ޢަމަލުތަކަށް ވަރަށް ފަޚުރުވެރިވާނެ ކަމަށެވެ.

އެ މީހާ އެ ކޮށްފައިވާ ކަންތައް ނުސީދާ ގޮތެއްގައި ކުށްވެރިކޮށް މަލާމާތްކޮށް ދީޕިކާ ވަނީ އޭނާއަށް ހަޑި ހުތުރު ބަހުން މެސެޖު ކުރަމުން ދިޔަ މީހާ ފަޅާއަރުވާލައިފައެވެ.

ދީޕިކާއަކީ ކޮންމެ ހާލަތެއްގައި ވެސް އޭނާގެ ދިފާޢުގައި ވާހަކަ ދައްކަން ކެރޭ އަދި ވާހަކަ ދައްކާފައިވާ ފަންނާނެކެވެ. މިފަހަރު ވެސް އޭނާއަށް ހަޑި ހުތުރު ބަސްތަކުން މެސެޖު ކުރި މީހާގެ ނަން އާއްމުކޮށް އޭނާގެ ދިފާޢުގައި ތެދުވެ އޭނާގެ ސަޕޯޓަރުންނަށް އެކަން ޔަގީން ކޮށްދީފިއެވެ.

ދީޕިކާގެ ފިލުމީ މަސައްކަތަށް ބަލާއިރު މިހާރު މަސައްކަތް ކުރަމުންދަނީ ޝަކުން ބެޓްރާގެ ފިލުމުގައި އަނަންޔާއާއި ސިދާތު ޗަތުރަވޭދީއާއި އެކުގައެވެ. އަދި މީގެ އިތުރުން ޝާހުރުކް ޚާނާއި ޖޯން އަބްރަހަމްއާއި އެކު ފިލުމު ''ޕަތަން'' ގެ މަސައްކަތްތައް ވެސް ކުރަމުންދެއެވެ.

ރިތިކްއާއި އެކު ފުރަތަމަ ފަހަރަށް ދީޕިކާ ފެނިގެންދާ ފިލުމު ''ފައިޓަރ'' ގެ ޕްރޮޖެކްޓް ވެސް އޮތީ ކުރިއަށެވެ.