2011 ވަނަ ނިކުތް ފިލުމު ''ލޭޑީސް ވާރސަސް ރޮކީ'' އިން ބޮލީވުޑަށް ތަޢާރަފްވި ޕަރީނީތީ ޗޯޕްރާއަކީ މީސް މީޑިޔާގައި ވަރަށް ހަރަކާތްތެރި ފަންނާނެކެވެ. ފިލުމީ މަސައްކަތްތަކުގެ އިތުރުން އަސްލު ދިރިއުޅުމުގެ ކަންތައްތައް ވެސް ޕަރިނީތީ ދަނީ މީސް މީޑިޔާގައި އޭނާގެ ސަޕޯޓަރުންނާއި ހިއްސާ ކުރަމުންނެވެ.

ފިލުމު ''ދަ ގާރލް އޮން ދަ ޓްރެއިން'' ގެ ބަތަލާ ޕަރީނީތީ އޭނާގެ ކާރުގައި ދުއްވަމުން ދިޔައިރު އިންސްޓަގުރާމުގައި އޭނާގެ އެކައުންޓުގެ ސްޓޯރީގައި އޭނާގެ މޫޑު އޮފްވެފައި ހުރިކަމަށް ބުނެ ކޮށްފައިވާ ޕޯސްޓަކީ ގިނަ ބަޔަކު ވެސް މޫޑު އޮފްވާނެ ކަމެކެވެ.

އިންސްޓަގުރާމު ސްޓޯރީގައި ހިއްސާ ކޮށްފައިވާ ދެ ވީޑިއޯގެ ތެރެއިން އެއް ވީޑިއޯއިން ފެންނަނީ ކެމެރާ އޮންކޮށް ފޮޓޯއެއް ނަގަން އުޅުމުގެ ތެރޭގައި އޭނާގެ މޫނުމަތީގައި ނަގާފައިވާ ބިއްސެއް ފެންނަ މަންޒަރެވެ. އަދި މި ބިހި ފެނުމުން ޕަރިނީތީގެ މޫނު މަތީގެ ހަރަކާތްތައް ބަދަލުވެގެންދިޔަ ގޮތް ދައްކުވައިދޭ މި ވީޑިއޯގައި ބުނެފައިވަނީ މި ބިއްސަށް ދަޢުވަތު ދިނީ ކާކުތޯ ސުވާލު ކޮށްފައެވެ.

ދެވަނަ ވީޑިއޯއިން ފެންނަނީ އެކަމާ ޕަރިނީތީ ދެރަވެފައި ހުރި މަންޒަރެވެ. މި ވީީޑިއޯ ހިއްސާކޮށް ޕަރިނީތީ ބުނެފައިވަނީ މޫޑު އޮފްވެއްޖެ ކަމަށާއި އެ ވަގުތަށް ވަކިވެލީ ކަމަށެވެ.

މޫނުގައި ބިހި ނަގާފައިވީ ކަމަކު ވެސް ފިލުމު ''އިޝަގްޒާދޭ'' ގެ ބަތަލާ އަދި ވެސް ފެންނަނީ ވަރަށް ރީތިކޮށް ފުރިހަމަ ކޮށެވެ.

ޕަރިނީތީގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ މިހާރު ކުޅެމުންދާ ފިލުމު ''ދަ ގާރލް އޮން ދަ ޓްރެއިން'' އަކީ 2015 ވަނަ އަހަރުގެ ހޮލީވުޑުގެ ''ދަ ގާރލް އޮން ދަ ޓްރެއިން'' އަސްލަކަށް ބަލައިގެން ތައްޔާރު ކޮށްފައިވާ ފިލުމެކެވެ.