ޓެލެވިޜަން އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް ޝޯކަމަށްވާ ބިގް ބޮސްއަކީ މިހާތަނަށް ވަރަށް ކާމިޔާބު ޝޯއެކެވެ. މިހާރު ދައްކަމުންދާ ބިގް ބޮސްގެ 14 ސީޒަންއާއި ނިމިފައިވާ 13 ސީޒަނަކީ ވެސް ވަރަށް ކާމިޔާބު ސީޒަންތަކެކެވެ.

މި ޝޯ ހުށަހަޅައިދޭ ބޮލީވުޑުގެ މެގަސްޓަރ ސަލްމާން ޚާން ވަނީ ބިގް ބޮސް 15 ވަނަ ސީޒަން ކުރިއަށް އޮތް 8 މަސްދުވަސް ތެރޭގައި ފަށާނެ ކަމަށް ބުނެފައެވެ. އަންނަ ހަފްތާގައި އޮންނަ ބިގް ބޮސް 14 ވަނަ ސީޒަންގެ ފިނާލޭއަށް އެތައް ބަޔަކު އިންތިޒާރު ކުރަމުންދާއިރު މި ޝޯގެ 15 ވަނަ ސީޒަން އޮންނާނެ ކަމަށް ސަލްމާން ޔަގީން ކޮށްދީފައިވަނީ އެންމެ ފަހުން ދައްކާފައިވާ އެޕިސޯޑުގައެވެ.

މިދިޔަ ހަފްތާގެ ''ވީކެންޑް ކާ ވާރް'' އެޕިސޯޑުގައި މި ސީޒަން ނިމޭތީ ސަލްމާންގެ އިހްސާސްތައް ހުރިގޮތް ބުނެދެމުން ސަލްމާން ޔަގީން ކޮށްދީފައިވަނީ އަށް މަސް ފަހުން ބިގްބޮސް 15 ވަނަ ސީޒަން ފަށާނެ ކަމަށެވެ. މީގެ އިތުރަށް ޝާހުރުކް ޚާން މިހާރު ކުޅޭ ފިލުމު ''ޕަތަން'' އިން ހާއްސަ ފެނިލުމަކުން ފެންނާނެ ކަމަށް ވެސް ސަލްމާން ވަނީ ޔަގީން ކޮށްދީފައެވެ.

ބިގް ބޮސްގެ 15 ވަނަ ސީޒަން ފެށޭކަން އެނގުމުން މި ޝޯ ބެލުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން ވަނީ އެކަމާ އުފާ ފާޅުކޮށް އަދި ސީޒަން 15 އަށް އިންތިޒާރު ކުރާ ކަމަށް ބުނެފައެވެ.

ބިގް ބޮސް 14 ގެ ފައިނަލް ޔަގީން ކޮށްފައިވަނީ ރާކީ ސާވަންތުއާއި ނިކީ ޓަމްބޯލީއެވެ. އަދި ރުބީނާ ޑިލައިކް، އަލީ ޣޮނީ، ރާހޫލް ވެއިދިޔާ އަދި ޑެވޮލީނާ ބެޓަޗަރްޗީ ވަނީ އެލިމިނޭޝަން ލިސްޓުގައި ހިމެނިފައެވެ.

ބިގް ބޮސް 14 ކާމިޔާބު ކުރާނެ ފަރާތެއް އަންނަ ހަފްތާގެ ފިނާލޭ އެޕިސޯޑުގައި އެނގިގެންދާނެއެވެ.