ސުޝާންތު ސިންގް ރާޖުޕޫތުއާއި ޝްރަދާ ކަޕޫރު ފެނިގެން ދިޔަ ފިލުމު ''ޗިޗޯރޭ'' އަށް ނިކަލޯޑިއަން ކިޑްސް ޗޮއިސް އެވޯޑް 2020 ގެ އެންމެ ކަމުދާ ފިލުމުގެ އެވޯޑު ލިބުމުން ޕްރޮޑިއުސަރ ސާޖިދު ނަޑިއަޑްވާލާ މި އެވާޑް ހާއްސަ ކުރީ ސުޝާންތު ސިންގް ރާޖުޕޫތަށެވެ.

ސުޝާންތަށް އެވޯޑު ހާއްސަކޮށް އަދި ވެސް ސުޝާންތު ދެކެ ލޯބިވާކަން ހާމަކޮށް ސާޖިދު ކޮށްފައިވާ ޓްވީޓްގައި އޭނާ ވަނީ މި ފިލުމުގެ އެހެން ފަންނާނުން ވެސް ޓެގް ކޮށްފައެވެ. ޝްރަދާ ކަޕޫރާއި ނިތޭޝް ތިވާރީ އަދި ޓީމަށް ޓެގް ކޮށްފައިވާ މި ޕޯސްޓުގައި ފިލުމުގެ ހުރިހާ ފަންނާނުންނަށް ޝުކުރު އަދާ ކޮށްފައިވެއެވެ.

ނިތޭޝް ތިވާރީ ޑައިރެކްޓް ކޮށްފައިވާ މި ފިލުމުން ދައްކައިދެނީ ފިލުމުގައި ސުޝާންތުގެ ފުރާވަރު އުމުރު ފުރައިގެ ދަރިފުޅު އިމްތިހާނަކުން ފެއިލްވުމުން އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ސުޝާންތުގެ ފެއިލްވެފައިވާ ދިރިއުޅުމުން އަލިކަމާއި ކާމިޔާބު ހޯދި ގޮތް ކިޔައިދޭ މަންޒަރުތަކެވެ.

ފިލުމު ''ޗިޗޯރޭ'' އަކީ 100 ކްރޯރް ރުޕީސްގެ ކާމިޔާބެއް ލިބިފައިވާ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ފިލުމެކެވެ. މި ފިލުމުން ދީފައިވާ މެސެޖަކީ މުޖުތަމައަށް ފައިދާ ހުރި މެސެޖެއް ކަމަށް ވެސް ގިނަ މީހުން ގަބޫލު ކުރެއެވެ.

މިދިޔަ އަހަރު މި ފިލުމަށް އެއް އަހަރު ފުރުން ފާހަގަ ކުރިއިރު ޕްރޮޑިއުސަރ ސާޖިދު، ޑައިރެކްޓަރ ނިތޭޝް އަދި ބަތަލާ ޝްރަދާ ވަނީ މަރުވެފައިވާ ސުޝާންތުގެ ހަނދާންތައް އައު ކޮށްފައެވެ.

ސުޝާންތު މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ.