ހަބޭސް ބޮޑުބެރު ގްރޫޕުން މަޝްހޫރުވި، ކުރީގެ ބޮޑުބެރު ލަވަކިޔުންތެރިޔާ އަބްދުއްރާޒިގު އަލީގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރާޒިގު އޭނާގެ ފޭސްބުކް ޕޭޖުގައި އާއްމު ކުރި މެސެޖެއްގައިި ވަނީ މީހަކު އޭނާގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ އެކަން އާއްމުންގެ ސަމާލުކަމަށް ގެނެސްފައެވެ. އޭނާ ބުނީ ފިލާތިބެގެން ބަޔަކުދަނީ އަޅުގަނޑުގެ ނަމުގައި ވީޑިއޯ އަދި ފޮޓޯ ބޭނުންކޮށްގެން އޮޅުވާލުންތައް އޮޅުވާލަމުން ދާކަމަށާ އެއީ ވަރަށް ދެރަކަމެއް ކަމަށެވެ. "ވަގުވަގަށް ފިލާތިބެކުރިޔަސް ﷲ މޮޅަށް ބައްލަވާ ވޮޑިގެންވޭ! ތިކަން ހުއްޓާލާ ﷲ އަށް ބިރުވެތިވުމަށް ބުނަމެވެ." އެ މެސެޖުގައިވެއެވެ.

އަބްދުއްރާޒިގުގެ ނަމުގައި ހަދާފައިވާ ފޭކު އައިޑީއެއް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާފައިވާ ބައެއް މުއާމަލާތްތައް ފެންނަ ސްކްރީންޝޮޓްތައް ވެސް އޭނާ ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ. އެ ސްކްރީންޝޮޓްތަކުން ފެންނަ މެސެޖުތަކުގައި ވަނީ އަލީގެ ވީޑިއޯ އަކަށް "އަލީ" ޖެހުމަށް ފަހު ކޮމެންޓު ކުރާ ފުރަތަމަ 300 މީހުންނަށް 500 ރުފިޔާ ދޭނެ ކަމަށް ބުނެފައެވެ. އެ ކޮމެންޓް ކުރުމުން ރެޖިސްޓްރޭޝަނަށް ކަމަށް ބުނެ ފޮނުވާފައިވާ ލިންކެއް ވެސް އެ މެސެޖުތަކުން ފެނެއެވެ.

އެ މެސެޖުތަކުގައި ބުނާ ކަންކަން ފުރިހަމަ ކުރުމުން މީހާގެ އައިޑީކާޑާއި ބޭންކު ކާޑުގެ ފުރިހަމަ މައުލޫމާތު އެ މުއާމަލާތް ހިންގާ ފަރާތައް ލިބޭނެއެވެ.

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ އަހުމަދު މާޖިދުގެ ނަމުގައި ފައިސާ ހޯދަން ވެސް ބޮޑު ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ފެބްރުއަރި މަހު ކުރީކޮޅު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ފެންނަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މާޖިދު ލަވަކިޔާ މަންޒަރެވެ. ފޭސްބުކް މެދުވެރިކޮށް ލަައިވްއެއް ގޮތަށް އެ ވީޑިއޯ ފެނުނު ނަމަވެސް އެ ވީޑިއޯ އިން ފެނުނު މަންޒަރަކީ މާ ކުރިން މީރާ ކިޔާފައިވާ ލަވައެއްގެ ވީޑިއޯއެވެ. އެ ވީޑިއޯ އާއެކު ހިއްސާ ކުރި މެސެޖުގައި ވަނީ އެ ވީޑިއޯއިން ފެންނަ ނަމްބަރު ދިމާ ކުރާ ފަރާތަކަށް 10،000 ޑޮލަރު ދޭނެ ކަމަށެވެ.

މީގެ އިތުރުން މީގެ ދުވަސްކޮޅެއް ކުރިން ފޭސްބުކްގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ނަމުގައި ފައިސާ ހޯދުމަށް އޮޅުވާލައިގެން ބޮޑު ހަރަކާތެއް ވެސް ހިންގާފައިވެއެވެ. ފޭސްބުކުން އެ ވީޑިއޯ އަކީ ލައިވް ވީޑިއޯއެއްގެ ގޮތުގައި ފެނުނު ނަމަވެސް އެއީ އެފަދަ ވީޑިއޯއެއް ނޫނެވެ. އެއީ އިސްލާމިކް މިނިސްޓްރީގެ ޗެލެންޖެއް ގަބޫލުކޮށް، މީގެ ކުރިން އޭނާ އާންމު ކުރި ގުރުއާން ވީޑިއޯއެކެވެ.

މި ހުރިހާ ވީޑިއޯއެއްގައި ވެސް ދޭނެ ކަމަށް ބުނާ ފައިސާ ހޯދުމަށް ކޭޝްކާޑުގެ މައުލޫމާތު ހޯދަން އެދިފައިވެއެވެ. މިއީ ކާޑުގެ މައުލޫމާތު ހޯދަން ހިންގާ ޖަރީމާއެއްކަން ފަޅާ އެރުމުން މިހާރު މިފަދަ އެހެން ވީޑިއޯތައް ބޭނުންކޮށްގެން އޮޅުވާލަން ދަނީ މަސައްކަތް ކުރަމުންނެވެ. މި ވީޑިއޯތަކަށް ކޮމެންޓް ކުރުމުން އެ ޕޭޖްގެ ފަރާތުން ލިބޭ މެސެޖުގައި ބުނެފައި ވަނީ 15 ގްރޫޕަކަށް އެ ވީޑިއޯ ޝެއާކުރުމަށް ފަހު "އޯކޭ" މިހެން ލިޔުމުން ރެޖިސްޓްރީ ވެވުނީ ކަމަށެވެ.

އެ ކޮމެންޓު ފޮނުވުމުން ލިބޭ ލިންކަށް ފިއްތާލުމުން އެއީ ގިވްއަވޭ އެއް ކަމަށް ބުނެ ދައްކަނީ އިނާމު ލިބުނު ކަމަށް ބުނާ މީހުންގެ ފޭކު ކޮމެންޓުތަކެކެވެ. އެއަށް ފަހު އީމެއިލް އާއި ކާޑުގެ މައުލޫމާތު ހޯދަން އެދެއެވެ. މިއީ އަނެއްކާވެސް މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ނަމުގައި ހިންގާ ބޮޑު ޖަރީމާއެކެވެ. މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި ދޭތެރެ ދޭތެރެއިން ދަނީ ފެންމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާމިނާ

    ރާޒިގުގެ ފޭސްބުކްޕޭޖް ޕރޮފައިލުން މިޔުޒިކް ބޭންޑް ޕްރޮމޯޓްކުރުން ހުއްތާލާ. އޭގައޮންނަގޮތުން އަދިވެސް އެކަމާ ފަހުރުވެރިވާހެން ހީވަނީ. ދީނުންބޭރުވާ މީހުން އެކުސްމުސްލިމް ޖަހާފަ އޮންނަގޮތަށް.
    ހަރާމް ކަމަކަށްވެގެން ހުއްތާލައިފަ، ކުރީގަ އުޅުނުގޮތުގެ ވާހަކަ ލަވަޔާ ބޭންޑާ... ގެނައުމަކީ ފުރެދުމެއް.

  2. ފަރުމާ މީހާ

    ރާޒިގު މަޝްހޫރުވީ ހަބޭސް އަކުން ނޫން. ފަރުމާ އިން