(ފުރަތަމަ ބައި)

(މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

ނަވާރަ ސަތޭކަ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ހަނދުގެ އަލިކަމެއްނުވާ އަނދިރި ރެއެކެވެ. ރަށުތެރެއަށް ވެރިވެފައިވަނީ ކަޅުފޮއި އަނދިރިކަމެވެ. މެންދަމުގެ ވަގުތުކަމުން ރަށުތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ކުދިކުދި ފަނިފަކުސާތަކާއި ދޫނިސޫތްޕާއިސޫފި ތޮރުތޮރު ލައްވާލާ އަޑުނޫން އެހެން އަޑެއް ފަޒާގެ ތެރެއަކުނުވެއެވެ.

ރަށު ތެރޭގައި ހުރި ފަންގިން ހާދާފައި ހުރި ގެތަކުގައި ފުޅި ބައްތީގެ ރީނދޫ އަލި ނޫން އެހެން އައްޔެއްނުވެއެވެ. ފަނުން ފަންގި ވިދެ، ގެތައް ހަދާފައި ހުއްޓެއްކަމަކު ފުރާޅު އަޅާފައި ހުރީ ދަނގަޑު ޓިނުންނެވެ. ފުރާޅު މައްޗަށް އެއްލައިފައި އޮންނަ ފީ ފަންގަނޑުތަކުގެ ސަބަބުން ދުރުން ބަލައިލާ މީހަކަށް އެކަން ނޭނގިދާނެއެވެ. ގޭގެ ބިންގާ ބަހައްޓާފައި ހުރީ ތެޅިގަލާއި އުވައިން ރާނައިފައެވެ.

މަޑުމަޑުން އެއިން ގެއެއްގެ ދޮރު އެއްއަރިއަކަށް ޖެހުނެވެ. އެ ގޭގެ ދޮރު ހުރީ ދިގުއަކަވާގޮތަށް ފެހި ސަތަރިއަޅައި، ވަށައިގެން ހިމަ ދަނޑި ލައިގެން ތައްޔާރުކޮށްފައެވެ. ގޭގެ އޮޅިގަނޑު ގިރާކޮށްލައި ފުޅިބައްތިއެއް ހިފައިގެން އާދަމްފުޅު ނުކުތީ ކުދި ގޮޅިޖެހި ނޫކުލައިގެ މުންޑެއް އަނދެލައިގެންނެވެ.

އާދަމްފުޅުގެ އޮޅަލި ހަންގަނޑުން އެއީ ރަށުގައި މަސްވެރިކަންކޮށް އުޅޭ މެދު އުމުރުފުރާގެ މީހެއްކަން އެނގެއެވެ. އޭނާގެ އިލި އިސްތަށިގަނޑާއި، ތުބުޅީގައި ހުރި ކަޅު އިސްތަށިތައް ހުދުވެ، ޖަހަމުންދިޔަ ނުރަތައް އިސްތަށިތަކުގެ ކަޅުކަން ފޮހެލަމުން ހުދުކަން ފަތުރަމުންދެއެވެ. މޭމަތީގައްޔާއި ބުރަކަށީގެ ހާލަކީވެސް ހަމަ އެއީއެވެ.

ފުޅިބައްތި އަތުގެ ދިގުމިނަށް ދަމައިލައި އާދަމްފުޅު މަގުގެ ދެފަރާތް ތޫނު ނަޒަރަކުން ބަލައިލިއެވެ. އިރުކޮޅެއް ވަންދެއް ދޮރުމަތީގައި ހުރެފައި އަވަސް ހިނގުމެއްގައި އޭނާ ހިނގައިގަތީ ފުޅިބައްތި ގޭތެރޭގައި ބަހައްޓާފައެވެ.

ބަބުކެޔޮގަސްތަކުންނާއި ހިނރުދުގަސްތަކުން ވެއްޓިފައިވާ ފަތްތަކާއި މާތައް، ޖެހެމުންދިޔަ ވައިން މަގުގެއް އެއްފަރާތަށް ބޮޑިވަމުންދިޔައެވެ. ބޮޑެތި ގޯތިތަކުގެ މެދެއް ހިސާބުގައި ފަނުން ހަދާފައިވާ ގެތައް ހުރެއެވެ. ގޭގެއަށްވީ ބިން ނަގާފައި ބާކީ ހުރި ކޮންމެ ތަނެއްގައި ކަހަލައިން ބިޔަ ބޮޑެތި ގަސްތައް ހެދި ފޯދިފައިވެއެވެ. އެ ބިޔަ ގަސްތަކުގެ ސަބަބުން ހަނދުވަރު ދިނަސް ކޮކާހަނދުވަރު ނޫން އަލިކަމެއް މަގުމައްޗަށް ފަސޭހަކަމާއެކު ލިބުމަކީ މުސްތަޙީލްކަމެކެވެ. ކޮންމެ ގެއެއް ވަށައިގެން ދަނޑިފަނުން ފޫޓޫ ފާރެއް ތައްޔާރުކޮށް އެ ގެއެއްގެ ފޫޓް ވަކިކޮށްފައި ހުއްޓެވެ.

އެއްވެސް ޖެހިލުމެއްނެތި އަވަސް ހިނގުމެއްގައި އާދަމްފުޅު ރަށުގެ ބޮޑުމަގުން ލާފައި އަތިރިމައްޗާ ދިމާއަށް މިސްރާބު ބަހައްޓާފައި ހުއްޓެވެ. އަވަސްކޮށް ދުރު ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމުގައި މުންޑުގަނޑު ހުރީ ދެފަށް ޖަހާލައި މައްޗަށް އަރުވައި ޖަހާފައެވެ. އަތިރިމަތިން ލާފައި އާދަމްދުޅު ގޮނޑުދޮށަށް ފޭބީ އަތިރިއަކަށް ދިއުމަށެވެ.

މުޅިތަނަށް ވެރިވެފައިވާ އަނދިރިކަމާއި އެއްވަރަށް ހަމަހިމޭންކަންވަނީ އިންތިހާއަށެވެ. ރަށުގެ އަތިރިމަތީގައި ހުރި ބިޔަ މިދިލިގަސް ވަށައިގެން ހޮޅުއަށްޓެއް އަޅާފައި އޮތެވެ. އެކިއެކި ކަންކަމުގައި ހޮޅުއަށްޓަށް އައިސް އުޅޭ މީހުންގެ ތެރެއިން އެތަނުގައި ތިބީ ނިދިފައި ތިބި މީހުން އެކަންޏެވެ.

އެހެން ނަމަވެސް، ދަންވަރު އަނދިރީގެ އިންތިހާކަމުން ހޮޅުއަށީގައި ނިދާފައި ތިބި މީހުންނަކީ ކޮބައިކަމެއްވެސް ނޭނގޭނެއެވެ. ގޮނޑުދޮށަށް ބީއްސާލައި ރާޅުތަކުން ގެންނަ ވައިގައި އެކުލެވިފައިވަނީ ތެތްފިނިކަމެކެވެ. އެ ތެތްފިނިކަންވަނީ އަތިރިމަތީގެ މުޅި މާހައުލުގައި އެކީ އެކެއްޗަކަށް ހިފައިފައެވެ.

އާދަމްފުޅު މުންޑު ރަނގަޅުކޮށްލަމުން މޫދު ކައިރިން އެއްގަމާ ދިމާއަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް އައިސް ކުއްލިއަކަށް މީހާ ހުއްޓުން އެރިއެވެ. މަޑުމަޑުން ދޮންވެލިގަނޑު މަތީގައި ދެ ފައި ކުރުކޮށް އުޑުފައިން އިށީނެވެ. ފެނުނު މަންޒަރު ރަނގަޅަށް ސިފަވޭތޯ، އޭނާގެ ލޯ ބޮޑުކޮށްލައި އެ ދިމާއަށް ހޭރިޔާކޮށްލިއެވެ.

އޭރު ދަންވަރުގެ އަނދިރިކަން އޮބި އަލިކަމުގެ ސާލު ދުނިޔެމަތީގައި ފެތުރުމުގެ ކުލަވަރު އުޑުމަތިން ފެންނަން ހުރީ ވަރަށް ފަނޑުކޮށެވެ. އާދަމްފުޅު ދެފަރާތް ދެފަރާތަށް ނަޒަރު އުކަމުން، ލޯ ކުޑަކޮށްކޮށްފައި ދުރުން އަންނަމުން އައި އަންހެނާއާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ.

އެ އަންހެންމީހާގެ ކޮނޑުމަތީގައި އޮތް ފަންބޮނޑިން އޭނާއަށް އެއްވެސް ބުރަހެލިކަމެއް ނުދެއެވެ. އެ އަންހެންމީހާ ސާފު ސީދާކޮށް ވަރުގަދަކަމާއެކު ހުރި ސީދަލަށް ހިނގަމުން އައީއެވެ. އެ އަންހެންމީހާ އާދަމްފުޅާ ގާތްވަމުން ދިޔަވަރަކަށް އޭނާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ.

ހިނދުތަކެއް ނުވެ އާދަމްފުޅުގެ ހިތުގެ ވިންދު އަރައިގެން ދިޔައީ ރޯ މަހެއް ތެޅޭހެން، އޭނާގެ ހިތް ތެޅެން ފެށުމުންނެވެ. ކުއްލިއަކަށް އޭނާގެ ހިތް ބިރުގަންނަން ފެށިއެވެ. ދެލޯ ބޮޑަށް ހުޅުވުނެވެ. އެއީ އެ އަންހެންމީހާގެ އިސްކޮޅު މަޑުމަޑުން ދިގުވަމުން ދެމެމުން ދިޔުމުންނެވެ. ގަންފައިވާ ބިރެއްގެ ބޮޑުކަމުން ކަޅި ޖަހައި ނުލައި އެ އެއްޗާއި ދިމާއަށް ބަލަހައްޓައިގެން އާދަމްފުޅަށް އިނދެވުނީ އަނގަ ތަންމިނަށް ހުޅުވައިގެންނެވެ. އެ އެއްޗެއް އާދަމްފުޅާ ގާތްވަމުން އައިސް އޭނާއާ ދިމާއަށް ބަލައިލިއެވެ.

އިސާހިތަކު އާދަމްފުޅުގެ ހެޔަށް ގޮތްވެ، އެނބުރިގެން ދޮންވެލިގަނޑު މައްޗަށް ބަނޑު ވަތަށް ނުވެއްޓުނީ ހަމަކިރިޔާއެވެ. ބަޔޯ ގޮވަމުން ގޮވަމުން އޭނާ އެއްގަމާ ދިމާއަށް ދުއްވައިގަތެވެ. ފަސް އެނބުރި ބަލައިވެސް ނުލައެވެ. އެހެންނަމަވެސް އިޚްތިޔާރުން ބޭރުގައި ފަހަތާ ދިމާއަށް ކަޅި ހިންގައިލެވެނީ މީހަކު އޭނާގެ ފަހަތުން އަންނަހެން ހީވާތީވެއެވެ.

އާދަމްފުޅު އެދިޔަ ބާރުމިނުގައި ގޮސް އަތިރިމަތީގައި ހަދާފައިހުރި ބޮޑު އުނދޯލީގައި އޭނާ އިށީނީ ކަމެއް ނުވާކަމަށް ހަދާފައެވެ. މަޑުމަޑުން އުނދޯލި ހެއްލައިލަ ހެއްލައިލާ އިންއިރު އޭނާގެ ހިތް ނެގިނެގިފައި މޭގައި ޖެހެމުންދިޔައީ ނިކަން ބާރަށެވެ. ހިންދިރުވާލަން ނޭނގިފައި އިންދައި އަނގައަށް ޖަމާވަމުންދިޔަ ކުޅުތައް އިރުކޮޅުކޮޅުން ކަރުބުޑަށް ދިރުވައިލަނީ ގަދަކަމުންނެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ
  2. ދޮންބެ

    ކޮންމެ ގޯއްޗެއްގެ ވަށާ ދަނޑި ފަނުން ފުޅަށްއަޅާ އެގޯއްޗެއްގެ އިން ވަކިކޮށްފައި ހުރެއެވެ. މިގޮތް ވާހަކައިގަ ބެނުންކޮށްފަ އޮތް ގޮތަށްވުރެ ރަނގަޅު ކަމަށް ފެންނާތީ ދަންނަވާލީ.

    • ރިޕްލައި ގިވާ

      ހަމަ އަސްލަސް