ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިހާރު ފެތުރިފައިވާ ކޮވިޑް-19 ގެ ޢާލަމީ ވަބާއިން ސަލާމަތްނުވެވި ގިނަ ދުވަސްތަކެއް ވަނީ ވެގެން ގޮސްފައެވެ. މި ބަލިމަޑުކަމުގައި ދުނިޔޭގެ ހާލަތާއި ބަލީގެ އެންމެ ފަހުގެ މަޢުލޫމާތުތައް އެންމެ ފަސޭހަކަމާއެކު ލިއްބައިދެނީ އިންޓަނެޓުގެ ޒަރިއްޔާއިންނެވެ. ނަމަވެސް މި ދަނޑިވަޅުގައި ވެސް، އިންޓަނެޓު ބޭނުންކުރާ ފަރާތްތަކަށް އޮޅުވާލުމާއެކު ގެއްލުން ދިނުމުގެ މަސައްކަތް ގިނަ ބަޔަކު ކުރަމުން ދެއެވެ. ހަމަ އެއާއެކު ގިނަ ބަޔަކު އިންޓަނެޓުގެ ވަސީލަތަށް ބަރޯސާވަމުންދާ ވަރަކަށް އެފަދަ މީހުންގެ މަސައްކަތް އިތުރަށް ފުޅާކޮށް އިންޓަނެޓުގެ ތެރެއިން ފޭރުންފަދަ ކަންކަން ކުރުން ވަނީ ޢާންމު ވެފައެވެ.

އިންޓަނެޓު މެދުވެރިކޮށް، މި ވަސީލަތް ބޭނުންކުރާ ފަރާތްތަކަށް ގެއްލުން ދިނުމަށް ކުރާ މަސައްކަތުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އެޅިދާނެއެވެ. މިގޮތުން "ވަގުތު" އިން ދިވެހިންނަށް ޚާއްސަކޮށްގެން މީގެ ކުރިން ތަޢާރަފްކޮށްފައިވާ "ޑީއެންއެސް ރިޒޯލްވާ" އަކީވެސް މި ބޭނުމަށް ޚާއްސަކުރެވިގެން އުފައްދާފައިވާ ރައްކާތެރި ޑީއެންއެސް އެކެވެ.

ޑީއެންއެސް ރިޒޯލްވާއަކީ އިންޓަނެޓުގައި ހިމެނޭ ހުރިހާ ވެބްސައިޓެއްގެ ޑިރެކްޓްރީތަކަށް އެކްސެސްވުމަށް ނުވަތަ އިންޓަނެޓް އިން ހޯދާ ޚިދުމަތްތަކުގެ މެދުވެރިޔަކަށް ވާ ސިސްޓަމެކެވެ. "ވަގުތު" ގެ ޑީއެންއެސް ރިޒޯލްވާއަކީ ވައިރަސް ފަތުރާ ސައިޓުތަކާއި، "ފޭކް" މަޢުލޫމާތު ފަތުރާ ސައިޓުތަކާއި ގިނަ ބަރަހަނާ ސައިޓުތައް، އެއް ސިސްޓަމް މެދުވެރިކޮށް "ބްލޮކް" ވާގޮތަށް ފަރުމާކޮށްފައިވާ ޑީއެންއެސް އެކެވެ.

އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތައް ހިމެނޭހެން އިންޓަނެޓުގެ ވަސީލަތް ހޯދާ ކޮންމެ އާލާތެއްގައި ވެސް ބޭނުންކުރެވޭ މި ޑީއެންއެސް ރިޒޯލްވާ އަކީ ގެއްލުންހުރި ސައިޓުތައް ބްލޮކް ކޮށްދިނުމުގެ އިތުރުން ދިވެހިންގެ މެދުގައި މަޤުބޫލު "ޕަބްޖީ" ފަދަ އޮންލައިން ގޭމްތައް ކުޅުމުގައި ވެސް ދިމާވާ ބައެއް ކަހަލަ ޓެކްނިކަލް މައްސަލަތަކަށް ހައްލުގެނެސްދޭ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ.

މީގެ އިތުރުން ސައިޓުތައް އަވަހަށް ލޯޑުކޮށްދީ އިންޓަނެޓުގެ ޚިދުމަތަށް އިތުރު ލުއިފަސޭހަކަމެއް ގެނެސް ދިނުމުގައި ވެސް މި ރިޒޯލްވާއިން މުޙިންމު ދައުރެއް އަދާކުރެއެވެ.

"ވަގުތު" އިން ރާއްޖެއަށް ތަޢާރަފްކުރި މި ޑީއެންއެސް ރިޒޯލްވާގެ އެންމެ ބޮޑު އެއް އަމާޒަކީ ރައްކާތެރިކަމާއި އެކު އިންޓަނެޓުގެ ޚިދުމަތަށް އިތުރު ހަލުވިކަމަކާއި ލުއިފަސޭހަކަމެއް ހޯދައިދިނުމެވެ. ހަމައެކަނި ރާއްޖެއިން އިންޓަނެޓްގެ ވަސީލަތް ހޯދާ މީހުންނަށް ޚާއްސަކޮށްގެން އުފައްދާފައިވާ މި ރިޒޯލްވާ އިން "ބްލޮކް" ކުރާ ސައިޓްތައް ހިމެނޭ "ބްލެކްލިސްޓް" އަކީ ޤަވާއިދުން އަދާހަމަ (އަޕްޑޭޓް) ވަމުންދާ ލިސްޓެކެވެ.

މި ޑީއެންއެސްގެ އިތުރު ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، ޑީއެންއެސް ބޭނުންކުރާ ފަރާތްތަކުން އިންޓަނެޓް ބޭނުންކުރާ އާލާތްތައް ރައްކާތެރިކޮށްދީ "ޓްރެކް" ކުރުމަށް ހުރަހަކަށްވެ ސްޕޭމް އަދި ސްކޭމް އިޝްތިހާރުތައް ބްލޮކް ކުރެއެވެ. އަދި މާކެޓިން ބޭނުމުގައި ދައުރުކުރާ "ފޭކް" ޕްރޮމޯޝަންތައްވެސް މި ޑީއެންއެސް މެދުވެރިކޮށް ބްލޮކް ކުރާނެއެވެ. އެހެންކަމުން މައިގަނޑު ގޮތެއްގައި އޮޅުވާލައިގެން ހެކަރުންނާއި އެނޫންވެސް ފަރާތްތަކުން އިންޓަނެޓްގެ ނާޖާއިޒު ފައިދާ ނެގުމަށްކުރާ ހުރިހާ މަސައްކަތަކަށް މި ޑީއެންއެސް ހުރަހަކަށް ވާނެއެވެ.

ރާއްޖޭގައި ބޭނުންކުރާ އެހެން ހުރިހާ އާންމު ޑީއެންއެސްތަކުން، ޚިދުމަތް ބޭނުންކުރާ މީހުންގެ މަޢުލޫމާތު "ލޮގް" ކުރެއެވެ. ނަމަވެސް ވަގުތު ރިޒޯލްވާ ބޭނުންކުރާ ފަރާތްތަކުގެ އައިޕީ އެޑްރެސް އާއި ޑީއެންއެސް ކްއެރީ އަދި އެނޫންވެސް އެއްވެސް މަޢުލޫމާތެއް ރެކޯޑް ނުކުރެވޭނެއެވެ. އެހެންކަމުން މިއީ އިންޓަނެޓުގެ ޚިދުމަތް ބޭނުންކުރުމުގައި މިވަގުތު ރާއްޖޭގައި ބޭނުންކުރެވޭނެ އެންމެ ރައްކާތެރި އެއް ސިސްޓަމަށް ވެގެންދާނެއެވެ.

އަދި މިއީ ދިވެހިން އިންޓަނެޓްގެ ޚިދުމަތް ބޭނުންކުރާއިރު، ބޭނުންވާ މިންގަނޑުތަކަށް ފެތޭހެން އެންމެ އެކަށީގެންވާ ގޮތެއްގައި ފުޅާދާއިރާއެއްގައި ބޭނުންކުރެވޭނެހެން ތައްޔާރުކުރި ފުރަތަމަ ޑީއެންއެސް ރިޒޯލްވާވެސް މެއެވެ.


"ވަގުތު" ޑީއެންއެސް ރިޒޯލްވާގެ މަޢުލޫމާތު:


އިންޓަނެޓް ބޭނުންކުރާ އާލާތްތަކުގައި މި ޑީއެންއެސް ސެޓްކުރާނެ ގޮތް:


ބޭރުގެ ބައެއް ސައިޓުތަކެކޭވެސް އެއްފަދައިން ފާއިތުވެދިޔަ ދުވަސްތަކުގައި ދިވެހީންގެ ތެރެއިންވެސް ކޮވިޑް-19 ޤަބޫލު ނުކުރާ ބަޔަކު އަންނަނީ ބަލީގެ ހާލަތު އޮޅުވާލުމާއެކު މިބަލިން ދިފާޢުވުމަށް އުފައްދާފައިވާ ވެކްސިނާއި ދެކޮޅަށް އެކި ލިޔުންތައް ޢާންމުކޮށް އޮޅުވާލުމުގެ މަސައްކަތް ކުރަމުންނެވެ. މިފަދަ ބައެއް ވެބްސައިޓުތައް މީގެ ކުރިން ރާއްޖޭގައި ބްލޮކް ކޮށްފައިވެސް ވާއިރު، ފަހުން އާ އެޑްރެސްތައް މެދުވެރިކޮށްވެސް އެ މަސައްކަތް ކެނޑިނޭޅި ކުރެވެމުން ދެއެވެ. އެހެންކަމުން "ވަގުތު" ޑީއެންއެސް ރިޒޯލްވާއަކީ ރާއްޖޭގައި ހިންގޭ މިފަދަ ސައިޓުތައްވެސް އަދާހަމައަށް ބްލޮކްކޮށް ވަސީލަތް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ރައްކާތެރި ދޮރެކެވެ.

ޓެކްނިކަލް މަޢުލޫމާތު: މި ރިޒޯލްވާއަށް ބޭނުންކުރެވެނީ "ނޮޓް ރިޒޯލްވާ" އަދި "އުބުންޓޫ 20.04" އެވެ. އައި މި ސިސްޓަމްގެ ސާވާ ހުންނަނީ ސިންގަޕޫރުގައެވެ. އެހެންކަމުން ރާއްޖެއަށް މި ރިޒޯލްވާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެފައި، އެހެން ސިސްޓަމްތަކާއި ޚިލާފަށް ބޭނުންކުރަން ފަސޭހަވެ ސްޕީޑް ރަނގަޅުވާނެއެވެ.

ނޯޓް: "ވަގުތު"ގެ މި ޑީއެންއެސް ބޭނުންކުރާ ފަރާތްތަކުން ބްލެކްލިސްޓަށް އިތުރުކުރަން ޖެހޭ ލިންކްތައް [email protected] އަށް ފޮނުވުމުން ލިސްޓް އަދާހަމަ ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ސާބަސް ދެން!

  ތިއީ މުޖުތަމަޢަށް ވަގުތުން ކޮށްދޭ އަގުނުކުރެވޭނެ، މަސައްކަތެއްކަން ޔަޤީނެވެ. ފިޠުނަވެރިކަމާއި، ފަސާދައިގެ ދޮރުތައް ބަންދު ކުރުމަކީ ވަގުތު ނޫހަށް ﷲގެ ދަރުމަޔަށް ހުޅުވާލެވޭ ފުޅާ ދޮރެކެވެ. ވަގުތު ނޫހަށް ސާބަހާއި އައްސަރިބަސް ރައްދު ކުރަނީ ހިތުގެ އެންމެ ފުނުންނެވެ!

  8
  3
  • ޜަޟީ

   ފަރަންޖީ ކާފަރުން ހަދާ އެއްޗެހި ބޭނުން ކުރަނީ ކީއްވެބާ