އެކްޝަން ފިލުމުތަކުން އެންމެ ފާހަގަ ކޮށްލެވޭ އެކްޓަރ ޖޯން އަބްރަހަމް މިހާރު ކުޅެމުންދާ ފިލުމު ''އެޓޭކް'' ގެ އެކްޝަން ސީންއެއްގެ ތެރެއިން އަނިޔާވެއްޖެއެވެ. ސީންގެ ތެރެއިން އަނިޔާވުމުގެ ކުރީގެ ފޮޓޯއަކާއި އޭގެ ފަހުން ނަގާފައިވާ ވީޑިއޯއެއް ޖޯން ވަނީ އޭނާގެ އިންސްޓަގުރާމު އެކައުންޓްގައި ހިއްސާ ކޮށްފައެވެ.

މި އެކްޝަން ސީންގައި ފެނިގެންދަނީ މީހަކު ހޮޅިބުރިއަކުން ޖޯންގެ ގައިގާ ޖަހައި މަންޒަރެވެ. އަދި އޭގެ ފަހުން ފެންނަނީ ޖޯންގެ ކަންފަތް ކައިރިން ހަލާކުވެފައިވާ ތަނުން އައިސްފައިވާ ލޭތައް ޓީމުގެ މެމްބަރެއް ފުހެދޭ މަންޒަރެވެ.

މި ފޮޓޯއާއި ވީޑިއޯ އިންސްޓަގުރާމުގައި ހިއްސާކޮށް ޖޯން ބުނެފައިވަނީ މިއީ އެކަން ފެށުނު ގޮތާއި ނިމުން ގޮތް ކަމަށެވެ. އަދި އެއީ އޭނާ ވަރަށް ލޯބިކުރާ ކަމެއް ކަމަށާއި އެކްޝަންގެ ހުރިހާ ކަންތައްތަކަކީ ވެސް އޭނާއަށް ވަރަށް މަޖާ ކަންތައްތައް ކަމަށެވެ.

ޖޯންއަކީ އޭނާގެ ފިލުމު ޝޫޓިން ތަކުގައި އުޅޭއިރު ދިމާވާ ކަންތައްތައް އާއްމު ގޮތެއްގައި މީސް މީޑިޔާގައި ހިއްސާ ކުރާ މީހެކެވެ. ޖޯން ވަނީ ދާދި ފަހުން ވެސް އޭނާގެ ސައިކަލް ދުއްވުމުގެ އެކްޝަން ސީންއެއްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކަކާއި ވީޑިއޯތަކެއް އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ.

ފިލުމު ''އެޓޭކް'' ގެ ޝޫޓިންތައް ފެށުމުގެ ކުރިން ޖޯން ވަނީ ''ސަތުޔަމެވާ ޖަޔަތޭ 2'' ގެ ޝޫޓިންތައް ނިންމާލާފައެވެ. ޖޯންގެ ކުރިއަށް ހުރި ފިލުމުތަކުގެ ތެރޭގައި ހިމެނެނީ ސަންޖޭ ގުޕްތާގެ ''މުމްބާއީ ސާގާ'' އާއި ''ޕަތަން'' އެވެ. ފިލުމު ''ޕަތަން'' އިން ޖޯން ފެނިގެންދާނީ ޝާހުރުކް ޚާނާއި ދީޕިކާ ޕާޑުކޯންއާއި އެކުގައެވެ.