ޗައިނާގައި މިހާރު ކައިވެނިކޮށްގެން އުޅޭ މީހުން ވަރިވާން އުނދަގޫތަކާއި ކުރިމަތިލާން ޖެހޭތީ، ވަރިވާން ބޭނުންވެފައި ތިބި ގިނަބަޔަކު އެ މަސައްކަތް ފަށައިފިއެވެ.

މިދިޔަ އަހަރު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސް ކުރި އާ ގާނޫނުގައި ވާގޮތުން، ކައިވެނި ރޫޅާލަން ބޭނުންވާ މީހުން ވަރިވުމަށް ފޯމް ލާ ފަހުން މައްސަލަ ހައްލު ކުރުމަށް މަސް ދުވަސް ދީ، އެ މީހުންގެ ކައިވެނި ދަމަހައްޓަން ފުރުސަތު ދޭނެއެވެ.

އަދި އެ 30 ދުވަސް ފަހުން، އެ މީހުން ސިވިލް އެފައާސް ބިއުރޯއަށް ގޮސް ދެވަނަ ފަހަރަށް ވަރިއަށް އެދެން އޮފިޝަލް ޑޮކިއުމެންޓްތައް ލެވޭނެއެވެ.

މިދިޔަ އަހަރުގެ މޭއި މަހު ފާސް ކުރި އެގާނޫނަށް އަމަލު ކުރަން ފެށީ މިއަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ.

ވަރީގެ ކަންކަމުގައި ހަރަކާތްތެރިވާ ގާނޫނީ ވަކީލުންނަށް މިހާރުވެސް ދަނީ ވަރިވާ މީހުންގެ 30 ދުވަސް ހަމަވުމުންް، ވަރިއަށް އެދި ހުށަހަޅާ ހުށަހެޅުންތައް ފޮނުވާ މީހުންގެ އަދަދުތައް އިތުރުވަމުންނެވެ.

އެ ގައުމުގެ ސިޓީއެއް ކަމަށްވާ ގުއަންގޒޯގައި ވަރިވާ މީހުންނަށް ހާއްސަ ވަކީލުންވެސް މިހާރު މިކަމުން ބޮޑު ފައިދާ އެއް ހޯދާ ކަމަށް ވެއެވެ. އެގޮތުން އެކަމަށް ބޮޑު އަދަދަކުން ފައިސާ ނަގާ ކަމަށްވެސް ވެއެވެ.

މި މަރުހަލާއަކީ އުނދަގޫ ބޮޑު މަރުހަލާއަކަށް ވަނީ ވެފައެވެ. ބައެއް މީހުން ބުނާގޮތުގައި، މިއީ އެ މީހުންގެ ޒާތީ ދިރިއުޅުމާއި ބެހުމަށްޓަކައި ފާސްކޮށްގެން އުޅޭ ގާނޫނެެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، 30 ދުވަސް ހަމަވުމުގެ ކުރިން ވަރިއަށް އެދޭ ދެމަފިރިންގެ ތެރެއިން އެކަކު ވަރިވާން ބޭނުން ނުވެގެން ފޯމު ބާތިލު ކޮށްފިނަމަ، އަނެއްކާ އަނެއް މީހާ ޖެހޭނީ، އަލުން 30 ދުވަސް ގުނަން ފަށާށެވެ. އެހެންކަމުން ވަރީގެ ކަންކަން ނުނިމި ގިނަ ދުވަސް ހިނގައިދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު