(ސަތާރަވަނަ ބައި)
"އަސްލުވެސް! އަހަރެންނަކަށް ނުފެނޭ މިފްޒާލްގެ މޫނުމަތިން މަކަރުވެރިކަމެއް!" ނަފާޒާ އިނީ އަހްލާމާއެކު ރަސްރަނި ބަގީޗާ ތެރޭގައެވެ.
"އަހަރެން ޤަބޫލެއްނުކުރަން! އަހަރެންގެ ހިތް ބުނަނީ އޭނާ ބޭނުންވެގެން އުޅެނީ އެހެން ކަމެކޭ!" އަހްލާމް އިނީ ހިތްހަމަނުޖެހިފައެވެ. "އަހަރެންނަށް އެ ބެލުމުގެ ފަހަތުން ފެންނަނީ ހުސް މަކަރުވެރިކަން!"
"އަހޫ! މީހުންނާ ދިމާއަށް ތިހެން ބުނާކަށް ނުވާނެ." ނަފާޒާގެ މޫނު މައްޗަށް ވެރިވީ ދެރަވުމުގެ ކުލަވަރެވެ. "އަހަރެމެންނަށް އެއީ ކާކުކަމެއް އަދި ނޭނގެއެއްނުން."
"ނޭނގޭ މީހުންގެ އަމަލުތަކަށް އަހަރެމެން ޖެހޭނެ ވަރަށް ވިސްނަން!" އަހްލާމް މިފްޒާލާ ދިމާއަށް އެއްޗިހި ކިޔަމުން ދިޔައެވެ.
"އަހޫ! އައި ޑޯން ލައިކް ދަ ވޭ ޔޫ އާރ ޓޯކިން!" އަހްލާމް ވާހަކަދައްކާ ގޮތުން ނަފާޒާ ހިތްހަމަނުޖެހުނެވެ. "އައި އެމް ގޮއިން ހޯމް! ބައި!"
"ނަފާ!" ނަފާޒާ ގެއާ ދިމާއަށް ހިނގައިގަތުމުން އަހްލާމަށް ވާހަކަދެއްކުނީ އެންމެ ރަނގަޅަށް ނޫންކަން އޭނާއަށް ވިސްނުނެވެ.
އަހްލާމް އައިސް ގެއަށް ވަނީ އެކަނިމާ އެކަންޏެވެ. އޭނާގެ އިސް ހުރީ ތިރިވެފައެވެ. އޭނާގެ ސާދާ މޫނު ހުރީ މިލާ މޯޅިވެފައެވެ. ނަފާޒާ އެގޮތަށް ދިއުމުން އަހްލާމްގެ ހިތަށް އަސަރުކުރީއެވެ. އެއީ ކުޑައިރުންސުރެއް އެންމެ ރަހްމަތްތެރި ގާތް އެކުވެރިޔާއާއި އެގޮތަށް ވަރުގަދަކޮށް ދަޖަލުކުރެވުނު ފުރަތަމަ ފަހަރަށްވުމުން ކަމަށްވެސް ވެދާނެއެވެ.
އަހްލާމް އެނދުމައްޗަށް ވެއްޓިގަތީ ހެދުން ބަދަލުކުރުމެއް ނެތިއެވެ. ނަފާޒާގެ ފޯނަށް އަހްލާމް ދެތިން ފަހަރަކު ގުޅައިލިއެވެ. އެހެންނަމަވެސް އަހްލާމްގެ ކޯލަށް ނަފާޒާ ޖަވާބެއް ނުދެއެވެ. އަހްލާމް މަޢަފަށް އެދި ދެތިން މެސެޖް ނަފާޒާއަށް ފޮނުވައިލިއެވެ. އެހެނަސް މެސެޖްގެ ޖަވާބެއްވެސް އަހްލާމަށް ނުލިބެއެވެ. ފުން ނޭވާއެއް ލުމަށްފަހު ވުޟޫކޮށްލައިގެން އަހްލާމް އިޝާ ނަމާދަށް އެރިއެވެ.
ކުއްލިއަކަށް ވައިގަދަވެ ވިއްސާރަވެހެން ފެށިއެވެ. މާލޭގެ މަގުމަތީގައި ދުއްވަމުން ދިޔަ ސައިކަލުތަކާއި ކާރުތައް ރޫސްރޫސްލާފައި އެބައެއްގެ މަންޒިލަށް ދެވޭތޯ އުޅެން ފެށިއެވެ. ހިނގާބިގާވެ އުޅޭ ގިނަ ބަޔަކު އެބައެއްގެ ގެޔަށް ވަދެ ނިދުމާގެން އިންސާފުކުރަން ފެށީ މާދަމާއަކީ އާދިއްތަ ދުވަސްކަމަށް ވާތީއެވެ. އޮފީހަށް ދިއުމަށްޓަކައި އަވަހަށް ހޭލުމުގެ ބޭނުމުގައެވެ.
އަހްލާމް ހުރީ އޭނާ އުޅޭ ގޭގެ ދޮރުމަތީގައެވެ. މަގުމަތިން ކާރެއް ލިބޭތޯއެވެ. ނަފާޒާގެ ގެއަށް ގޮސް އޭނާއާ ވާހަކަދައްކާ ދެ މީހުންގެ ދެމެދުގައި ޖެހުނު މައްސަލަގަނޑަށް ފެންއަޅައި ހިހޫކުރުމުގެ ބޭނުމުގައެވެ. އެއީ ފޯނުން ގުޅައި ގުޅައި ނަފާޒާ ފޯނަށް ޖަވާބު ނުދިނުމުންނެވެ. ނަފާޒާގެ ފޯނަށް މެސެޖްކޮށްކޮށް ވަރުބަލިވީއިރުވެސް އެންމެ މެސެޖެއްވެސް އޭނާގެ ފަރާތުން ނުލިބުމުންނެވެ.
އަހްލާމް ދެތިން ކާރަކަށް އަތް ނެގިއެވެ. އެހެނަސް ވެހެމުންދިޔަ ބޯ ވިއްސާރާގެ ސަބަބުން އެއްވެސް ކާރެއް މަޑެއްނުކުރެއެވެ. ކޮންމެ ކާރެއްވެސް ނޭނގޭ ކަމަށް ހަދާފައި ދަނީއެވެ. އަހްލާމް އިރުކޮޅެއް ވަންދެއް އެތަނުގައި ހުރެފައި ދުރުގައި މަޑުކޮށްގެން އޮތް ކާރަކަށް އިޝާރާތްކޮށްލިއެވެ. އެޔާއެކު އެ ކާރު އަހްލާމްގެ ގޭ ދޮރާ ހަމައަށް އައިސް އޭނާ އެރުވިއެވެ.
"ޝުކުރިއްޔާ!" އަހްލާމް އަރާފައި ހަމަޖެހިލިއެވެ. "ތެލްސީމިއާ ސެންޓަރު ކައިރިއަށް!"
އަހްލާމްގެ ބަހަށް، ކާރު މިސްރާބުޖެހީ ތެލްސީމިއާ ސެންޓަރާ ދިމާއަށެވެ. ވެހެމުން ދިޔަ ވާރެއަށް އަހްލާމް ނަޒަރު ހުއްޓާލައިގެން އިނީ ކާރުގެ ފަހަތު ޝީޓްގައެވެ. ވާރޭގެ ތެރެއަށް އޭނާ ގެބެމުން ދިޔައީ ފުން ޚިޔާލަކުންނެވެ. އެއްވެސް ހުއްޓުމެއްނެތި ކާރު މަޑު ދުވެލީގައި ދުއްވާފައި ދިޔައީ ވެހެމުން ދިޔަ ވާރޭގެ ސަބަބުންނެވެ. އެގަޑީގައި މަގުތަކުގައިވެސް ދުއްވާ އެއްޗިހި މަދީއެވެ.
ކުއްލިއަކަށް ކާރުގެ ދުވެލި މަޑުކޮށްލިއެވެ. އަހްލާމް ދިޔައީ ސިހިގެންނެވެ. ދެކޮޅަށް ދެކޮޅަށް ބޯ ހޫރުވާލައި އަހްލާމް ބޭރު ބަލައިލިއެވެ. އޭނާ ދާން ބޭނުންވާ މަންޒިލަށް އާދެވުނުތޯ ޔަޤީންކޮށްލުމުގެ ބޭނުމުގައެވެ. ކާރު މަޑުކުރީ ތެލްސީމިއާ ސެންޓަރު ކައިރިއަށް ނޫންކަން އެނގުމުން އަހްލާމްގެ ނިތްކުރިއަށް ރޫޖެހުނެވެ.
"މާފައްނަކު ނޫނެއްނުން ތެލްސީމިއާ ސެންޓަރު އިންނަނީ؟" އަހްލާމަށް އިނީ ވާނުވާ ނޭނގިފައެވެ.
އޭރު ކާރު ކޮންމެވެސް ގެއެއްގެ ގަރާޖަކަށް ވައްދަނީއެވެ. އަހްލާމްގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ދުއްވަން އިން މީހާއަށް އޭނާ ބަލައިލީ އަވަސް އަވަހަށެވެ. އެޔާއެކު އަހްލާމަށް ގަދަކަމުން ހިންދިރުވައިލެވުނެވެ. ބޭއިޚްތިޔާރުގައި ކާރުގެ ދޮރުގައި އަހްލާމް ހިފައިލިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. ދެން އޭނާއަށް ބަލައިލެވުނީ ފަހަތަށެވެ. އޭރު ގަރާޖްގެ ދޮރު މަޑުމަޑުން ތިރިވަމުން ދިޔައެވެ.
"އަހްލާމް!"
"މިއަދު އަހްލާމް އޮފީހަކަށް ނުދުރުވެ!" ނަތާޝާ އަވަސް އަވަހަށް ބުނެލިއެވެ.
"އެހެންތަ؟ ސަލާމްގަ ހުންނެވީ ދެއްތޮ؟" އަލީފް އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
"މީ... އަހްލާމް ވަކި އެއްޗެއް ނާންގައި." ނަތާޝާ ދެފަރާތް ދެފަރާތަށް ނަޒަރު ހިންގައިލިއެވެ. "އެހެން ކުދިންގެ ގާތުގައިވެސް އަހާލިން އަހްލާމްގެ ޚަބަރެއްވިތޯ. ހުރިހާ ކުދިންވެސް ދެންނެވީ ޚަބަރެއް ނުވާކަމަށް."
"ހާދަ އަންޔޫޝުއަލް ކަމެކޭ ތިއީ؟ ދުވަހަކުވެސް އަޅުގަނޑުގެ މުވައްޒަފަކު ނެތް ތިގޮތަށް އަމަލުކޮށްފައެއް." އަލީފް ދެ ބުމަ ގޮއްޖަހައިލިއެވެ. "ނަތާޝާ! އަހްލާމަށް ގުޅައިލާފަ ބަލައިލަބަލަ ވެގެން އުޅޭ ގޮތެއް! އަދި ޤަވާޢިދުގައި އޮތް ގޮތް ރަނގަޅަށް ބުނެދޭތި."
ނަތާޝާ އަލީފާއި ދިމާއަށް ހިނިތުންވެލިއެވެ. އަހްލާމް އޮފީހަށް ނުނިކުތުމުން އަލީފަށް ޚިދުމަތްކުރުމުގެ ފުރުޞަތުތަކެއް ނަތާޝާއަށް ލިބުމުން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އެކަމާ އިންތިހާއަށް އުފާވެފައެވެ. ދެން ދުވަހަކު ހަޔާތެއްގައިވެސް އަހްލާމް އޮފީހަށް ނުނިކުންނާނެނަމައޭ ހިތާހިތާ ކިޔައިލަކިޔައިލައެވެ.
އަލީފް ގޮސް ގޮނޑީގައި އިށީދެލިއެވެ. އަހްލާމް އޮފީހަށް ނާންނާތީވެ އަލީފަށް އޮފީސް ފަޅުކަމަށް ފެންނަނީއެވެ. އަހްލާމް ސަލާމް ނުފޮނުވާތީވެ އެކަމާ އަލީފް ކަންބޮޑުވަނީއެވެ. އެކަމުގެ ސަބަބުން އޭނާ މަސައްކަތުގައި އަވަދިނެތި އުޅެން ފޫހިވަނީއެވެ. އެއްވެސް ކަމެއް ނުކޮށް ގެއަށް ދިއުމުގެ ޚިޔާލް އޭނާގެ ބޮލުގައި އެނބުރެން ފެށިއެވެ.
"ނަތާޝާ! ގެނެސްދީބަލަ ވޯރކްޝޮޕްގެ ރިޕޯޓްތައް!" އަލީފް ފޯނުން ނަތާޝާއަށް ގުޅައިލިއެވެ.
"ކޮން ރިޕޯޓެއްތޯ؟" ނަތާޝާ ބޭނުންވީ އަލީފާއި އިތުރަށް ވާހަކަދައްކާށެވެ.
"ބުރާސްފަތި ދުވަހު އަހްލާމް ވިދާޅުވި ރިޕޯރޓް ނިންމާނެ ކަމަށް! ޗެކްކޮށްލަބަލަ އޭނާގެ މޭޒުމަތި!" އަލީފް އެހެން ބުނެފައި ފޯން ބޭއްވިއެވެ.
ނަތާޝާ ތުންފަތުގައި ލިޕްސްޓިކް ޖައްސައި ކުލަ އާކޮށްލިއެވެ. އެޔާއެކު މޫނުމަތީގައި ފުންމާ ހާކާލައި ކެހެމުން ދިޔަ ފުށްތައް ހަމަޔަކަށް އަޅުވައިލިއެވެ. ފަރި ހިނގުމެއްގައި ރިޕޯޓް ހިފައިގެން ގޮސް އަލީފްގެ ކޮޓަރިއަށް ނަތާޝާ ވަނީ ދޮރުގައި ޓަކިދީ ހުއްދަ ލިބުމުންނެވެ.
"ލައްބަ! އިރާދަކުރެއްވިއްޔާ އަޅުގަނޑު ޖަލްސާއަށް ހާޒިރުވާނަން." ނަތާޝާ ވަނުމުން އަލީފް ފޯން ބޭއްވިއެވެ. "ކޮބައި އަހްލާމަށް ގުޅިއްޖެތޯ؟"
"ނޫން!" އަލީފް ކުރި ސުވާލުން ނަތާޝާގެ ފަރިވެ ފޮޅެމުން ދިޔަ މޫނު މޯޅިވީ އެއްލަކިންނެވެ.
(ނުނިމޭ)
މިހާ ދުވަސްކަޮށްފަވެސް ހާދަ ކުރުކަޮށް...
ދެން ތަންކޮޅެއް ދިގުކޮށް އަޕްލޯޑު ކޮށްބަ ޕްލީޒްޒްޒް
މާކުރީ