އިޒްރާއީލްގައި އަންހެނަކު ވިހެއި ދަރިފުޅު މަރުވެފައި ވަނީ ކޮވިޑްގެ ސަބަބުން ކަމަށް ޑޮކްޓަރުން ބުނެފިއެވެ.

އުމުރުން 29 އަހަރުގެ އަންހެނަކު ވިހެއުމަށް ބަނޑުގައި ރިއްސާތީ އިޒްރޭލުގެ އައްސުޓާ ހޮސްޕިޓަލުގައި އެނދުމަތި ކުރީ މިދިޔަ ހަފްތާގައެވެ.

އޭނާ ޓެސްޓު ކުރި އިރު ކޮވިޑް އަށް ފައްސި ވެފައިވާ އިރު، އޭނާގެ ދަރިފުޅުގެ ގައިގައި ވެސް ކޮވިޑްގެ ވައިރަހުގެ އަސަރު ހުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއީ މުޅި ދުނިޔޭގައި ވެސް މަދުން ނޫނީ ނުފެންނަ ކަމަކަށްވާ އިރު މިއީ މިފަދަ ވޭދަނައެއް އިޒްރޭލުން ފެނުނު ފުރަތަމަ ފަހަރެވެ.

އެ އަންހެންމީހާ ވިހެއި އިރު ދަރިފުޅު އޮތީ މަރުވެފައެވެ. އަދި ދަރިފުޅު ބަނޑުގައި އޮއްވައި ކޮވިޑްގެ އަސަރު ދަރިފުޅަށް ކޮށްފައިވާ ކަމަށާއި ދަރިފުޅު މަރުވީ ވައިރަހުގެ ޝިކާރައަކަށް ވެގެން ކަމަށް ވެސް ޑޮކްޓަރުން ފާހަގަކުރެއެވެ.

އެ އަންހެން މީހާ ވިހެއި ހޮސްޕިޓަލުގެ އިންފެކްޝިއަސް ޑިޒީސް ޑިޕާޓްމެންޓުން ބުނީ ދަރިފުޅަށް ވައިރަހުގެ އަސަރު ކުރީ ޕްލެސެންޓާ މެދުވެރިކޮށް ކަމަށެވެ.

އޭނާ ބެއްލެވި ޑޮކްޓަރު ބްރޮޝް ވިދާޅުވީ މީގެ ކުރިން އެފަދަ ވޭދަނަ އެއް ފެނިފައި ނުވާ ކަމަށެވެ.

ބަނޑުގައި އޮތް ދަރިފުޅަށް ކޮވިޑް ވައިރަހުގެ އަސަރުކޮށްގެން ދަރިފުޅު މިގޮތަށް މަރުވި މިއީ ފުރަތަަމަ ވޭދަނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ބަލި ޖެހުނު އަންހެން މީހާ އަކީ ކޮވިޑުން ރައްކާތެރިވުމަށްޓައި ފިޔަވަޅުތައް އަޅައިގެން ވަރަށް ބަލައިގެން އުޅުނު މީހެއް ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.

އާއްމުކޮށް ކުދިންނަށް ކޮވިޑްގެ އަސަރު ކުރަނީ ވިހެއުމަށް ފަހުގައި ކަމަށާއި ބަނޑުގައި އޮއްވާ ދަރިފުޅަށް ބަލި ޖެހެނީ ވަރަށް މަދު ފަަހަރެއްގައި ކަމަށް ޑޮކްޓަރުން ބުނެއެވެ. އެ އަންހެން މީހާ ވިހެއި ދަރިފުޅު މަރުވުމުގައި އިތުރު ސަބަބެއް އޮތްކަން ނުވަތަ ނޫންކަން ހޮސްޕިޓަލުން ފާހަގަކޮށްފައެއް ނުވެއެވެ.

އިޒްރޭލުގައި ދެމުންދަނީ ފާއިޒާ ވެކްސިން ކަމަށް ވާއިރު އެ ގައުމަކީ އެންމެ ކާމިޔާބު ކަމާއެކު ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ އެއް ގައުމެވެ.