ބޮލީވުޑުގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާއި ކައިވެނި ކުރިއިރު އަޅައިގެން ހުރި ކައިވެނީގެ ހެދުމުގެ ސަބަބުން، ކައިވެންޏަށް ފަހުގައި ކަރަށް ތަދެއް އެރި ކަމަށް ޕްރިޔަންކާ ބުނެފިއެވެ.

2018 ވަނަ އަހަރު އުމެއިދު ބާވަން ޕެލަސްގައި ބޭއްވުނު ކައިވެނީގެ ހަފްލާގައި ޕްރިޔަންކާ ބޭނުންވީ ދުނިޔޭގެ އެންމެ ދިގު ވެއިލް ބޭނުން ކުރާ މީހަކަށް ވާށެވެ. އެހެންކަމުން 75 ފޫޓުގެ މި ދިގު ވެއިލް ބޮލުގައި އަޅައިގެން ހުރެ ކައިވެނީގެ ހަފްލާ ނިންމާލުމަށް ފަހު އޭނާގެ ކަރަށް ތަދެއް އެރި ކަމަށް ކައިލީ އެންޑް ޖެކީ އޯ ގެ ޝޯގައި ޕްރިޔަންކާ ބުނެފައިވެއެވެ.

ކައިވެނީގެ ހެދުމުގެ މަޝްވަރާތައް ކުރަން ފެށުމުން ގޫގުލް އިން އެންމެ ދިގު ވެއިލްއެއް ބޭނުން ކޮށްފައިވާ މީހުންގެ މަޢުލޫމާތު ބަލައިލި ކަމަށް ޕްރިޔަންކާ ބުންޏެވެ. އަދި އެންމެ ދިގު ވެއިލްއެއް ބޭނުން ކޮށްފައިވާ މީހާ ވެސް ވަނީ 15 ފުޓްބޯޅަ ދަނޑުގެ ދިގުމިނުގެ ވެއިލްއެއް ބޭނުން ކޮށްފައި ކަން ހާމަކުރަމުން ޕްރިޔަންކާ ވަނީ އެވަރު ނުވާނެކަމަށް ނިންމައި އެ ޗެލެންޖާއި ހުއްޓާލިކަން އެ ޝޯގެ ތެރެއިން ހާމަކޮށްފައެވެ/

ކައިވެންޏަށް ބޭނުންކުރި މި ވެއިލް މިހާރު ފެނުމުން ވެސް ޕްރިޔަންކާގެ ކަރަށް ތަދެއް އަރާހެން ހީވާ ކަމަށް ވެސް އެ ޝޯގައި ޕްރިޔަންކާ ބުނެފައިވެއެވެ.

ޕްރިޔަންކާ ވަރަށް ފަހުން ނެރުނު އޭނާގެ ބަޔޮގްރަފީ ''އަންފިނިޝްޑް'' ގައި ޕްރިޔަންކާގެ ކެރިއަރގެ އިތުރަށް އަމިއްލަ ބައެއް ވާހަކަތައް ވެސް ހިއްސާ ކޮށްފައިވެއެވެ. އެގޮތުން މިފޮތުގައި ޕްރިޔަންކާ ބުނެފައިވަނީ އޭނާ ނިކްގެ މުޅިން އައު ހެދުންތައް ވެސް ނިކްއަށްވުރެ ކުރިން ބޭނުން ކުރާ ކަމަށެވެ.