އެންމެ މަގުބޫލު ރިއަލިޓީ ޝޯ ކަމަށްވާ ބިގް ބޮސްގެ މިހާރު ދައްކަމުންދާ ސީޒަން 14 ގެ ދެ މެމްބަރުން ކަމުގައިވާ އަލީ ގޮނީއާއި ޖޭޝްމިން ބާސިން ދަނީ ކައިވެނީގެ ޕްލޭންތައް ކުރަމުންނެވެ.

ގާތް ދެ ރަހުމަތްތެރިންގެ ގޮތުގައި އުޅުމަށްފަހު އަލީ ބިގް ބޮސްއަށް ގޮސްފައިވަނީ ވައިލްޑް ކާޑު އެންޓްރީއަކުން، ޖޭޝްމިންއަށް ސަޕޯޓް ކުރުމަށެވެ. އަދި މި ޝޯގެ ތެރެއިން ގާތް ގުޅުމެއް އުފެދިގެން ގޮސްފައިވާ ކަމަށް ޖޭޝްމިން ބުނެފައިވެއެވެ.

ޝޯ ދޫކޮށް ދިޔުމަށްފަހު ޖޭޝްމިން ވަނީ އޭނާއާއި އަލީގެ ގުޅުމުގެ ވާހަކަ ދައްކާފައެވެ. އަދި މީގެ އިތުރުން ޖޭޝްމިން ވަނީ އަލީއާއި ކައިވެނި ކުރުމުގެ ވާހަކަ ވެސް ދައްކާފައެވެ.

އަލީ ވެސް ވަނީ ޖޭޝްމިންއާއި ކައިވެނި ކުރުމަށް ތައްޔާރު ވަމުންދާ ކަމަށް ބުނެފައެވެ. އަދި މި ކައިވެނީގެ ތައްޔާރީތައް އޭނާ ފަށައިފައިވަނީ ބިގް ބޮސްގެ މެމްބަރެއް ކަމުގައިވާ ރުބީނާ ދިލައިކްގެ އިރުޝާދުގެ ދަށުން ކަމަށް ވެސް އަލީ ބުނެފައިވެއެވެ.

''އަދި ކައިވެނީގެ ޕްލޭންތައް ގެންދާނެ ގޮތެއް ނުނިންމަން. ބިގް ބޮސް ނިންމާފަ ބޭރަށް ނިކުމެވުނީމަ ވަކި ގޮތެއް ނިންމޭނީ. ޖޭޝްމިންއާއި އަހަރެންނަކީ އެންމެ ގާތް ދެ ރަހުމަތްތެރިން. އަދި ލޯބީގެ ގޮތުން ވެސް ގުޅިގެން އުޅެނީ ޖޭޝްމިންއާ. މިއީ މުޅިން ތަފާތު ދެ ކަމެއް. އެހެންކަމުން މިކަމުގައި އަހަރެން ބަލައިގަންނާނީ ރުބީނާގެ އިރުޝާދު. ރުބީނާ އަހަރެން ގާތު ބުނީ ފުރަތަމަ ޑޭޓް ކުރުމަށް. ދެން އެންގޭޖްވުމަށް އޭގެފަހުގައި ކައިވެނި ކުރުމަށް'' ކައިވެންޏާއި ގުޅޭގޮތުން އަލީ ބުނެފައިވެއެވެ.