އޯވަޑޯޒް އަށްފަހު ހިތް ހުއްޓި ތިންފަހަރު ސްޓްރޯކް ޖެހުނު ކަމަށް ޑިޒްނީ ވޮލްޑްގެ ކުރީގެ ތަރި ޑެމީ ލޮވާޓޯ ބުނެފި އެވެ.

28 އަހަރުގެ ޑެމީ ލޮވާޓާ 2018 ވަނަ އަހަރު އޭނާ އޯވަޑޯޒް ވުމަށްފަހު އޭނާގެ ހަޔާތުގައި ކަންކަން ހިނގައިދިޔަ ގޮތް ކިޔައިދީފައި ވަނީ ޔޫޓިއުބްގެ ޑޮކިއުމެންޓަރީ ޑެމީ ލޮވާޓޯ: ޑާންސިން ވިތް ދަ ޑެވިލްގެ ޓްރެއިލާގައި އެވެ.

ޑެމީ ލޮވާޓޯގެ ހަޔާތުގެ ވާހަކަތައް ގެނެސްދޭ މި ޑޮކިއުމެންޓަރީގެ ޓްރެއިލާ މިހާރު ޔޫޓިއުބަށް ލާފައިވާއިރު އޭނާ އޯވަޑޯޒް އަށް ފަހު ކަންކަން ހިނގައިދިޔަގޮތް ފޭނުންނަށާއި ލަވަކިޔުމުގެ ދާއިރާގެ ފަރާތްތަކަށް އެނގިގެން ދާނެ އެވެ.

ޑެމީ ލޮވާޓޯގެ ބުނީ އޭނާ އޯވަޑޯޒް އަށް ފަހު ދިމާވި ކަންތަކުގެ އަސަރު އަދިވެސް އެބަހުރި ކަމަށާއި މިހާރުވެސް އޭނާ އަށް ކާރު ވެސް އެކަމުގެ ސަބަބުން ނުދުއްވޭ ކަމަށެވެ. އެއީ ބައެއް ފަހަރު އަނދިރިވާގޮތްވެސް ދިމާވާތީ ކަމަށް އޭނާ ބުނެފައި ވެއެވެ.

ބައެއް ފަހަރު ލޮލަށް ފެނުން އަނދިރި ވުމުގެ ފޮތް ކިޔަން ވެސް އުނދަގޫ ކަމަށް ޑެމީ ލޮވާޓޯ ވަނީ ބުނެފަ އެވެ. އޮވަޑޯޒް އަށްފަހު ވަރަށް ގިނަ ކަންކަން ތަހައްމަލް ކުރަން ޖެހުނު ކަމަށް އޭނާ ބުނެފައި ވެއެވެ. ނަމަވެސް އެކަންކަން ދިމާވި ކަމަށް ވިޔަސް ރިހެބިލިޓޭޓް ކުރުމުގެ ކަންކަން އެހާ ގިނައިން ކުރަން ނުޖެހޭތީ ވަރަށް އުފާވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

އޮވަޑޯޒް އަށް ފަހު ޑޮކްޓަރުން އޭނާ ދިރިނުހުންނާނެ ކަމަށްވެސް ބުނެފައިވާ ކަމަށް ޑެމީ ވަނީ ބުނެފަ އެވެ. ޑެމީގެ ވާހަކަތައް ހިމަނައިގެން ހަދާފައިވާ މި ޑޮކިއުމެންޓަރީ މާރިޗް 23 ހުގައި ޔޫޓިއުބުން ފެންނާނެ އެވެ.

ޑެމީ އަކީ އެމެރިކާގެ ލަވަކިޔުންތެރިއެއްގެ އިތުރުން ލަވަ ލިޔެ، ޕްރޮޑިއުސް ކުރާ އަދި އެކްޓުވެސް ކުރާ ފަންނާނެކެވެ.