އެޕަލްގެ ކޯ-ފައުންޑަރ ސްޓީވް ޖޮބްސް 1973 ވަނަ އަހަރު އަތުން ލިޔެފައިވާ ވަޒީފާއަށް އެދޭ ފޯމު ނީލަމަށްލުމަށް ނިންމައިފިއެވެ.

މި ފޯމު ވަނީ 2018 ވަނަ އަހަރު ވެސް ނީލަމަށްލައި 175،000 ޑޮލަރު ލިބިފައެވެ.

2018 ވަނަ އަހަރު މި ބިޑް ކާމިޔާބު ކޮށްފައިވަނީ އިނގިރޭސި ވިލާތުގެ އިންޓަނެޓް ވިޔަފާރިކުރާ މީހެކެވެ. އަދި އޭނާ އަކީ ކާކުކަން ހާމަކުރަން ބޭނުމެއް ނުވެއެވެ.

މި އެޕްލިކޭޝަންގައި ސްޓީވް އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ކަމެއްގެ ގޮތުގައި ލިޔެފައިވަނީ އިގިރޭސީގެ ލިޓްރެޗަރއެވެ. އަދި އޭނާގެ އެޑްރެހެއްގެ ގޮތުގައި ލިޔެފައިވަނީ ރީޑް ކޮލެޖުއެވެ. މިއީ ހަމަސް ދުވަސް ވަންދެން ސްޓީވް ކިޔަވަން ދިޔަ ކޮލެޖެކެވެ.

ސްޓީވްގެ މި ފޯމުގައި އޭނާގެ ހުނަރެއްގެ ގޮތުގައި ލިޔެފައިވަނީ ކޮމްޕިޔުޓަރާއި ކަލްކިޔުލޭޓަރ ބޭނުން ކުރުމުގެ ހުނަރު ކަމަށާއި އަދި ޑިޒައިން ކުރުމާއި ޓެކްނޮލޮޖީ ހިމަނާފައިވަނީ ހާއްސަ ހުނަރުގެ ގޮތުގައެވެ. އިލޮކްޓްރޯނިކްއާއި ޑިޖިޓަލް އަދި ޑިޒައިނިންގއާއި ޓެކް ފާހަގަ ކޮށްފައިވެއެވެ.

ސްޓީވް ޖޮބްސް އަތުން ލިޔެފައިވާ ވަޒީފާއަށް އެދޭ މި ފޯމު މި ފަހަރު ނީލަން ކިޔުން އޮތީ މި ފެބްރުއަރީ މަހުގެ 24 ން ފެށިގެން އަންނަ މާރިޗު މަހުގެ 24 އަށެވެ. މި ނީލަން ކުރިއަށް ދާނީ ޗާޓަރ ފީލްޑްސް ވެބްސައިޓުގައެވެ.

މި ފޯމަކީ ސްޓީވް ރީޑް ކޮލެޖު ދޫކޮށްލުމަށްފަހު ވަޒީފާއެއް ހޯދުމަށް ލިޔެވުނު ފޯމެވެ. މީގެ އެއް އަހަރު ފަހުން އަޓާރީގައި ޓެކްނީޝަނެއްގެ ގޮތުގައި ސްޓީވް ވޮޒްނިއަކްއާއި އެކު މަސައްކަތް ކޮށްފައިވެއެވެ. އަދި އެޕަލް ކުންފުނި ތަޢާރަފް ކުރެވިފައިވަނީ 1976 ވަނަ އަހަރުއެވެ.