2010 ވަނަ އަހަރު ނިކުތް ކުޅަދާނަ ފުލުސް އޮފިސަރެއްގެ ވާހަކަތައް ކިޔައިދޭ ފިލުމު ''ދަބަންގް'' އަކީ ކާމިޔާބު ފިލުމެކެވެ. މި ފިލުމުގެ ކާމިޔާބީގެ ސަބަބުން މީގެ ސީކުއަލް އެއްވެސް ވަނީ ތައްޔާރު ކުރެވިފައެވެ. ދަބަންގެ 2، އަދި 3 ވެސް ވަނީ ނެރެފައެވެ.

މި ފިލުމުގެ ވާހަކައިގެ އިތުރަށް ފިލުމުގައި ސަލްމާން ދައްކުވައިދީފައިވާ ޗުލްބުލް ޕާންޑޭގެ ކެރެކްޓަރ ވެސް ބެލުންތެރިންނަށް ވަރަށް ކަމުދިޔައެވެ. މީގެ އިތުރަށް މި ފިލުމުގައި ސަލްމާންގެ ނެށުން ވެސް ވަރަށް ތަފާތުވެ، ބެލުންތެރިންނަށް ވަނީ ކަމުގޮސްފައިވެއެވެ.

ފިލްމު ''ދަބަންގް'' ގެ ''ހުކް ސްޓެޕް'' ކަމުގައިވާ ބެލްޓް ސްޓެޕްއަކީ ވެސް މިހާރު ވަރަށް މަޝްހޫރު ވެގެން ގޮސްފައިވާ ސްޓެޕްއެކެވެ. މި ފިލުމާއި މި ސްޓެޕަށް ދިހަ އަހަރުވެގެން ދިޔައިރު އަދިވެސް މިއީ ފަނޑުވުމެއް އައިސްފައިނުވާ ސްޓެޕްއެކެވެ.

މި ސްޓެޕްގެ ޚިޔާލު އައިސްފައިވަނީ ކައިވެނި ހަފްލާއެއްގެ ތެރެއިންނެވެ. ސަލްމާނާއި މިޔުޒިކު ކޮމްޕޯސާ ސާޖިދުއާއި އިތުރު ރަހުމަތްތެރިންތަކެއް އެކުގައި ދިޔަ މި ކައިވެނި ހަފްލާގައި ބައިވެރިވެފައިވަނީ ކައިވެނި ކުރި ފިރިހެން ކުއްޖާގެ ފަރާތުންނެވެ. އެމީހުންނާއި އެކު މަގުމަތީގައި ނަށަމުން ދަނިކޮށް އެތަނަށް ވަރަށް ބައިވަރު މީހުން އެއްވިއެވެ. އެހެންކަމުން ސާޖިދުގެ ބޭބެއެއް އެމީހުން އެއްފަރާތް ކުރަން އަތުން ކުރި ހަރަކާތާއި އެހެން މީހަކު އޭނާގެ ބެލްޓުން ހެދި ސްޓެޕާއި އެއްކޮށްލައިގެން ސަލްމާނަށް މި ޚިޔާލު އައީ ކަމަށް ސާޖިދު ބުނެފައިވެއެވެ.

ދެ ހަރަކާތެއް އެއްކޮށްލައިގެން ސަލްމާން ގެނައި މި ސްޓެޕަކީ މިއަދާއި ހަމައަށް ވެސް ފާހަގަ ކޮށްލެވޭ ސްޓެޕެކެވެ.

ކިޔުންތެރިންގެ ހިޔާލު