މީގެ ކުރިން މާސްއަށް ފޮނުވި އުޅަނދުތަކުން ލިބުނު ވަރަށްވުރެ މާފުރިހަމަ މައުލޫމާތުތަކެއް ހޯދުމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން މާސްއަށް ފޮނުވި އުޅަނދު "ޕާސިވިއަރެންސް" ރޯވާ މާސްގެ ބިމަށް ތިރިކޮށް އެއުޅަނދުން ނެގި ފުރަތަމަ ފޮޓޯ ދުނިޔެއަށް ފޮނުވައިފިއެވެ.

މާސްގައި ދިރުން ހުރިތޯ އާއި އެއީ އިންސާނުން ދިރިއުޅެން ކަމުދާ ޕްލެނެޓެއްތޯ ބަލަން ސައިންސްވެރިން ކުރަން ބޭނުންވާ ދިރާސާތައް ކުރުމަށް ނާސާ އިން މާސް އަށް ފޮނުވި އުޅަނދު މާސް އަށް ތިރިކޮށްފައި ވަނީ ރާއްޖޭ ގަޑިން ރޭ މެންދަމު 02:00 ގައެވެ.

ޕާސިވިއަރެންސް ރޯވާ ތިރިކޮށްފައި ވަނީ މާސްގެ މާސްގެ ޖެޒޭރޯ ވަޅުގަނޑު އޮތް ސަރަހައްދަށެވެ. އެސަރަައްދަކީ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އެއް ޒަމާނެއްގައި ކޯރެއް އޮތް ސަރަހައްދެކެވެ. އެއްވެސް އިރެއްގައި މާސްގައި ދިރުމެއް ވީ ނަމަ އެކަމުގެ ހެކިތައް ފެނުން އެންމެ ކައިރި ސިފަތައް ސެޓެލައިޓްގެ ފޮޓޯތަކުން ކަށަވަރުކޮށްދެނީ ވެސް އެ ސަރަހައްދުން ކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ.

ޕާސިވިއަރެންސް ރޯވާ މާސް އަށް ތިރިކުރުމާއި ގުޅިގެން ނާސާގެ އެކްޓިން އެޑްމިނިސްޓްރޭޓަރ ސްޓީވް ޖާސީކް ވިދާޅުވީ މިހޯދުނީ އާދަޔާއި ހިލާފު ބޮޑު ކާމިޔާބެއް ކަމަށެވެ. "މާސްގެ ބިމުގައި އުޅަނދު ޖެއްސުމަކީ ވެސް އޭގެ ޒާތުގައި އާދަޔާއި ހިލާފު ބޮޑު ކާމިޔާބެއް. މިކާމިޔާބު މިހޯދުނީ ކޮވިޑްގެ ސަބަބުންނާއި އަދި އެހެން ގޮތްގޮތުން ވެސް ކުރިމަތިވި އެތައް ގޮންޖެހުމެއް ކަޑައްތު ކޮށްފައި." ސްޓީވް ވިދާޅުވިއެވެ.

ޕާސިވިއަރެންސް ރޯވާ އިން ބިން ތޮރުފައިގެން ތަފާތު ސާމްޕަލްތައް ނަގައި ކުދިކުދި ޓިއުބުތަކުގައި ރައްކާކޮށް ބިމަށް އެސާމްޕަލްތައް ފޮނުވާނެއެވެ. އެ އެއްޗެހި ބަލައި، ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) ގުޅިގެން އުޅަނދެއް މާސްއަށް ފޮނުވަން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ އުޅަނދު ދުނިޔެ އިން މާސް އަށް ފުރާނެ ކަމަށް ބެލެވެނީ 2026 ގަ އެވެ. ޕާސިވިއަރެންސްއިން ނެގި ސާމްޕަލްތައް މާސް އިން ދުނިޔެއަށް ގެނެވޭވަރު ވާނެ ކަމަށް ލަފާކުރަނީ 2031 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުޒަމް

    މާސްގެ ފުރަތަމަ އޭއާކްރާފްޓް އިންޖިނުއިޓީ ހެލިކޮޕްޓަރ ކުރިއަށް އޮތް ދުވަސްތަކުގަަ މާސްގަ އުދުއްސައިގަންނަން ތައްޔާރުވަމުންދާ ކަމަށް ނާސާއިން ބުނި ، މީ ގިނަބައެއްގެ ސަމާލުކަން މިއުޅަނދަށް ހުއްޓިގެންދާނެކަމެއް

    9
    1