އާއްމުދަނީގެ ގޮތުގައި ލިބޭ ފައިސާތައް އެއްކުރުމުގައި އެކި މީހުން ގެންގުޅެނީ ތަފާތު އުކުޅުތަކެވެ. ބައެއް މީހުން ބޭންކަށް އެ ފައިސާތައް ލައެވެ. އަނެއްބައި މީހުން އެ ފައިސާތައް ގޭގައި ބަހައްޓައެވެ.

މިގޮތަށް ގޭގައި ބޮޑު ފޮށީގައި ފައިސާތައް ފޮރުވަމުންދިޔަ މީޖަކަށް މި ވަނީ ބޮޑު ލަޑެއް ލިބިފައެވެ.

އެ ލަޑު ލިބިފައި ވަނީ އިންޑިއާގެ އަންދްރާ ޕްރަދޭޝްގައި އޫރު ގެންގުޅެ އޭގެން ވިޔަފާރި ކުރާ މީހެކެވެ. އޭނާގެ އުމުރު ދުވަހު އެއް ކުރަމުންދިޔަ އެ ފައިސާތައް ކާލާފައި ވަނީ ފަނިފަކްސާތަކެވެ.

އޭނާ އެ ފައިސާތައް ބަހައްޓާފައި ވަނީ ފޮއްޓެއްގެ ތެރޭގައެވެ. އޭގެ ތެރޭގައި ފަސް ލައްކައަށްވުރެ ގިނަ އިންޑިއާ ރުޕީސް ހުއްޓެވެ. އޭނާ އުމުރުން ދުވަހު އެއްކުރަމުންދިޔަ ފައިސާތަކަށް ވެފައި ހުރި ގޮތް ފެނިފައި ލިބުނީ ބޮޑު ހައިރާން ކަމެކެވެ.

ބިޖްލީ ޖަމަލައްޔާ ނަމަކަށް ކިޔާ އެ މީހާ އާއި އޭނާގެ އާއިލާގެ އެއްވެސް މީހެއްގެ އަތުގައިވެސް ބޭންކް އެކައުންޓެއް ނުހުރެއެވެ. އޭނާ އެ ފައިސާތައް އެއްކުރަމުންދިޔައީ ގެއެއް އެޅުމުގެ ބޭނުމުގައެވެ.

އެހެން ނަމަވެސް މިދިޔަ އަންގާރަ ދުވަހު ކުއްލިއަކަށް ދިމާވި ކަމެއްގައި އޭނާ އެއްލައްކަ ރުފީސް ބޭނުން ވެގެން އެ ފޮށި ހުޅިވިއެވެ. ފެނުނުއިރު އޭނާ އެއްކުރި ފައިސާތަކުގެ އެއްބައި ހުރީ ކާލާފައެވެ.

އެ މަންޒަރު ބަލަން ކެއްނުވެގެން އޭނާ އަނބުރައިގެން ވެއްޓުނީ ކަމަށް ވެއެވެ. އަދި އެ ފައިސާތައް މުޅި ގޭތެރެއަށް އެޅިފައި ވެއެވެ.

މިކަން އަވައްޓެރިންގެ ސަމާލުކަމަށް އައިސްފައި ވަނީ ޖަމަލައްޔާގެ ދަރިން އެ ފައިސާތަކާއި ކުޅެން ތިއްބާ ފެނިގެންނެވެ. އެ މީހުން ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު