ކޮވިޑް-19 އާއި ގުޅިގެން ގޭގައި ގިނަ ވަގުތު ބަންދުވެފައި ތިބެން ޖެހުމުން އެތައް ބައެއްގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ދަނީ ކުރަމުންނެވެ. މީހުންގެ މިޒާޖާއި ނަފްސާނީ ދުޅަހެޔޮކަމަށް ވެސް މިކަމުގެ އަސަރު ބޮޑަށް އަސަރު ކުރެއެވެ. އަބަދު އެއް ބަަޔަކާއި އެކު ވަގުތު ހޭދަަކުރަން ޖެހުމަކީ މީހާގެ ކެތްތެރިކަން އިމްތިހާންކުރުވާ ފަދަ ކަމެެވެ. އެއީ އެންމެ ހިތްގައިމު ތަޖުރިބާ އަކަށް ނުވެދާނެއެެވެ. ޚާއްސަކޮށް ގޭތެރޭގައި ބަންދުވެފައި ތިބޭ އިރު އެތައް ދަތިތަކެއް ދިމާވުން އެކަށީގެންވެއެވެ.

މި ފުރަބަންދުގެ އަސަރު ބައެއް މީހުންނަށް ކުރީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށްތާއެވެ.

މިއީވެސް ފުރަބަންދުގެދުވަސްވަރު ދިމާވި ހާދިސާ އެެވެ. ގޭގައި ހުންނަން ޖެހުމުން، އާއިލާ މީހުންގެ އުނދަގޫ ބޮޑުވެގެން އަލުން ޖަލަށް ދިޔަ މީހެކެވެ. އިނގިރޭސިވިލާތުގައި ފުލުހުންނަށް ފިލައިގެން އުޅުނު އެ މީހާ އަމިއްލަ އަށް ފުލުހުންނާއި ހަވާލުވީ އޭނާގެ ގޭމީހުންގެ އުނދަގޫ ބޮޑުވެގެންނެވެ. މިކަން ވިއީ މުޅި މީސްޑިއާ ކައްކުވާލި ތަފާތު ކަމަކަށެވެ. ބީބީސީ އިން ރިޕޯޓްކޮށްފައިވާ ގޮތުން އޭނާ ފުލުހުންނާއި ހަވާލުވީ ބުދަ ދުވަހުއެވެ.

އޭނާ ފުލުހުންނާއި ހަވާލުވީ ގޭގައި ތިބި މީހުންގެ ސަބަބުން ހިމޭން ވަގުތުކޮޅެއް ހޭދަކޮށް ނުލެވިގެން ކަމަށް އޭނާ ބުނެފައިވާ ކަމަށް އިންސްޕެކްޓަރ ޑެރެން ޓެއިލާ ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
" ހިނދުކޮޅެއްގެ ހަމަހިމޭނަކަމާއި ހަމަޖެހުމެއް ބޭނުމޭ އެނާ ބުނީ. އެ ގޭގެ މީހުންނާއި އެކު އުޅުމަށް ވުރެ ޖަލަށް އަނބުރާ ދިއުން ވެސް މާ ރަނގަޅުަކަމަށް އޭނާ ވަނީ ބުނެފައި." އިންސްޕެކްޓަރ ބުންޏެވެ.
އެ މީހާ އަކީ ކޮން ކުށަކާއި ގުޅިގެން ފުލުހުން ހޯދަމުން ދިޔަ މީހެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އޭނާ އަކީ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭ މީހެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އޭނާ އަކީ ފުލުހުންނަށް ފިލައިގެން އުޅޭތީ ހޯދަން އިޢުލާންކޮށްފައިވާ މީހެއް ކަން ފާހަގަކޮށްލެވެއެވެ.