ބޮލީވުޑުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ފަންނާނުން އަނުޝްކާ ޝަރުމާއާއި އިންޑިޔާގެ އެންމެ މަޝްހޫރު އެއް ކުރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އެންމެ ފުރަތަމަ ފަހަރަށް ބައްދަލުވުމުން ވަރަށް ހާސްވި ކަމަށް ވިރާޓް ބުނެފައިވެއެވެ.

އަނުޝްކާއާއި ވިރާޓް އެންމެ ފުރަތަމަ ދިމާވީ ޝޭމްޕޫ އިޝްތިހާރަކުންނެވެ.

އެމެރިކާގެ ކުޅިވަރު ރިޕޯޓަރަކަށް ދިން އިންޓަވިއުއެއްގައި ވިރާޓް ބުނީ، އެ ދުވަހު ހާސްވެގެން އޭނާ އަނުޝްކާއާއި ކުރި ސަމާސާއިން އިތުރަށް ލަދުގަނެ، މޮޔައެއް ކަމުގައި ހީކުރެވުނު ކަމަށެވެ،

އެ އިޝްތިހާރު އަނުޝްކާއާއި އެކު ކުޅެން ލިބުމުން އެހާ މަޝްހޫރު ބަތަލާއާއި އެކު އެއް ފްރޭމަކުން ފެނުމުން ވިރާޓް ހީވާނީ މޮޔައެއްހެން ކަމަށް އޭނާގެ މެނޭޖަރު ގާތު ބުނެފައިވެއެވެ.

އިޝްތިހާރުގެ ސެޓުން އަނުޝްކާ ފެނުނުއިރު، އޭނާ ފެނުނީ ވަރަށް ދިގުކޮށް ކަމަށް ވިރާޓް ބުންޏެވެ. އަދި އޭނާ ކުރުކަމަށާއި އަދި އަނުޝްކާ އަރައިގެން ހުރި ހީލްއަށް ޖެހުނު ޖޯކުން އިތުރަށް ލަދުގަންނަން ޖެހުނު ކަމަށް ވެސް ވިރާޓް ބުނެފައިވެއެވެ.

''ތިއަށްވުރެ އުސް ހީލްއެއް ނުލިބުނީތަ'' ހާސްވެފައި ހުރި ވިރާޓް މަޖަލަކަށް ހަދާފައި އަނުޝްކާ ގާތު މިހެން ބުނީ ހިތްހަމަ ނުޖެހެނެވެ. އޭގެ ފަހުގައި ވިރާޓް އެބުނި އެއްޗެއް ރަނގަޅަށް އޮޅުންފިލުވައިދީ ހާސްވެފައި ހުރި ވަރުން ބުނެވުނު އެއްޗެއްކަން އަނުޝްކާއަށް ކިޔައިދިނެވެ.

ފުރަތަމަ ފަހަރަށް ފެނުމުން ހާސްވެ މޮޔައެއް ކަމުގެ އިހްސާސް ކުރެވުނު ނަމަވެސް މިހާރު ވިރާޓްއާއި އަނުޝްކާއަކީ ވަރަށް ލޯބިން އުޅޭ ދެމަފިރިންނެވެ. މި ދެމަފިރިންނަށް މިހާރު ވަނީ އަންހެން ކުއްޖަކު ވެސް ލިބިފައެވެ.