2002 ވަނަ އަހަރު ރާމް ގޯޕާލް ވަރުމާގެ ފިލުމު ''ކޮމްޕެނީ'' އިން ބޮލީވުޑަށް ތަޢާރަފްވި ވިވެކް އޮބްރޯއީ ދާދި ފަހުން، އައު ސައިކަލެއް ގަނެގެން އޭނާގެ އަނބިމީހާއާއި އެކު އެ ސައިކަލް ދުއްވާ ވީޑިއޯއެއް އިންސްޓަގުރާމުގައި ހިއްސާ ކުރުމުން އެ ވީޑިއޯގެ ސަބަބުން ފުލުހުން އޭނާ ޖޫރިމަނާ ކޮށްފިއެވެ.

މީނޫ ވަރްގަސީ ނަމަކަށް ކިޔާ ސޯޝަލް އެކްޓިވިސްޓެއް ވިވެކްގެ މި ވީޑިއޯ އަލުން ހިއްސާކޮށް މަހަރާޝްތުރާގެ ހޯމް މިނިސްޓަރ އަނިލް ދޭޝްމުކްއާއި ފުލުހުންގެ ފަރާތުން އެދިފައި ވަނީ ވިވެކްއަށް ފިޔަވަޅު އެޅުމަށެވެ.

މި ވީޑިއޯގައި ވިވެކް ސައިކަލް ދުއްވާފައިވަނީ ހެލްމެޓް ނާޅައެވެ. އެހެންކަމުން ޓްރެފިކް ގަވާއިދުތަކާއި ޚިލާފުވުމުން އެކަމަށް ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓަރަށާއި ފުލުހުންނަށް ހުށަހެޅި ހުށަހެޅުން ބެލުމަށް ފަހު ފުލުހުން ވަނީ ވިވެކް އަބްރޯއީ ޖޫރިމަނާ ކޮށްފައެވެ.

ވިވެކް އިންސްޓަގުރާމު އެކައުންޓުގައި އޭނާއާއި އޭނާގެ އަންހެނުން ސައިކަލް ދުއްވާ މި ވީޑިއޯ ހިއްސާ ކުރަމުން ބުނެފައިވަނީ ލޯބިވެރިންގެ ދުވަސް ފެށަން މިއީ ކިހައި ރަނގަޅު ގޮތެއް ކަމަށާއި ވިވެކްއާއި އޭނާގެ އަންހެނުންނާއި އެކު ދުއްވާލެވޭ މަޖާ އަދި ހިތްހަމަ ޖެހޭ ދުއްވާލުމެއް ކަމަށެވެ.

500 އިންޑިޔަން ރުޕީސްއަށް ޖޫރިމަނާ ކުރި ނަމަވެސް ވިވެކްއާއި އޭނާގެ އަންހެނުންނަށް އިތުރު މައްސަލަތަކެއް ވެސް ވަނީ މި ވީޑިއޯގެ ސަބަބުން ކުރިމަތިވެފައެވެ. މި ވީޑިއޯގައި ވިވެކްއާއި އޭނާގެ އަންހެނުން މާސްކު ނާޅާއި ތިބުމުން ކޯވިޑުގެ ގަވާއިދުތަކާއި ޚިލާފުވެފައިވާ ކަމަށް އާއްމު ރައްޔިތުންގެ އިތުރަށް ފުލުހުން ވެސް ވަނީ ފާހަގަ ކޮށްފައެވެ.