(ދެވަނަ ބައި/ ފަހުބައި)

(މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

އިސާހިތަކު އާދަމްފުޅުގެ ހެޔަށް ގޮތްވެ، އެނބުރިގެން ދޮންވެލިގަނޑު މައްޗަށް ބަނޑު ވަތަށް ނުވެއްޓުނީ ހަމަކިރިޔާއެވެ. ބަޔޯ ގޮވަމުން ގޮވަމުން އޭނާ އެއްގަމާ ދިމާއަށް ދުއްވައިގަތެވެ. ފަސް އެނބުރި ބަލައިވެސް ނުލައެވެ. އެހެންނަމަވެސް އިޚްތިޔާރުން ބޭރުގައި ފަހަތާ ދިމާއަށް ކަޅި ހިންގައިލެވެނީ މީހަކު އޭނާގެ ފަހަތުން އަންނަހެން ހީވާތީވެއެވެ.

އާދަމްފުޅު އެދިޔަ ބާރުމިނުގައި ގޮސް އަތިރިމަތީގައި ހަދާފައިހުރި ބޮޑު އުނދޯލީގައި އޭނާ އިށީނީ ކަމެއް ނުވާކަމަށް ހަދާފައެވެ. މަޑުމަޑުން އުނދޯލި ހެއްލައިލަ ހެއްލައިލާ އިންއިރު އޭނާގެ ހިތް ނެގިނެގިފައި މޭގައި ޖެހެމުންދިޔައީ ނިކަން ބާރަށެވެ. ހިންދިރުވާލަން ނޭނގިފައި އިންދައި އަނގައަށް ޖަމާވަމުންދިޔަ ކުޅުތައް އިރުކޮޅުކޮޅުން ކަރުބުޑަށް ދިރުވައިލަނީ ގަދަކަމުންނެވެ.

އެއްވެސް މީހެއްގެ ހިލަމެއް ނުވެ އިރުތަކެއްވުމުން އާދަމްފުޅުގެ ހިތުގެ ތެޅުން ހަމައަކަށް އެޅުން ފެށިއެވެ. ނިތްމައްޗަށް ޖަމާވަމުންދިޔަ އޮށް ދާތިކިތައް ޖެހެމުންދިޔަ ތެތްފިނީގެ ވައިން އޮބެމުންދިޔައެވެ. އޭނާ އެތެރެހަށިން ބޭރަށް ފުން ނޭވައެއް ދޫކޮށްލިއެވެ.

އެގޮތުގައި އިރުކޮޅަކު އިނުމަށްފަހު މަޑުމަޑުން އާދަމްފުޅު ފަހަތް ބަލައިލިއެވެ. ފަހަތް ރަނގަޅަށް ބެލޭގޮތެއް ނުވިއެވެ. މޫނު ފަހަތަށް އަނބުރާލަން އުޅެނިކޮށް މީހަކު އޭނާގެ ބުރަކަށީގައި އަތްއަޅައި ކޮށްޕައިލިއެވެ. އާދަމްފުޅު ބިން މަންޗަށް ގުޅަވީ މޫނު ވަތަށެވެ. އޭނާ ވެއްޓުމާއެކު ފެވެމުންދިޔަ ބިރު އަނބުރާ އޭނާގެ މޫނުމައްޗަށް ވެރިވެގަތެވެ.

އާދަމްފުޅު މުންޑުގައި އެއް އަތުން ހިފައި ދުއްވައިގަތީ އަތިރިމަތީގައި ހުރި ބިޔަ މިދިލިގަހާ ދިމާއަށެވެ. އެތަނުގައި ތިބި މީހުންތައް ތިބީ ގަދަ ނިންޖަށް ޣަރަގުވެފައެވެ. އާދަމްފުޅު ދިޔަ ބާރުމިނުގައި ގޮސް އެންމެންގެ ތެރެއަށް ވަދެ އޮށޯތެވެ. ބަނޑުވަތަށް އޮށޯވެގެން އޮވެ ނިދޭތޯ މަސައްކަތްކުރަން ފެށިއެވެ. އެއީ ނުވާނޭ ކަމެއްކަން އެނގިހުރެއެވެ. ގަންފައިހުރި ބިރެއްގެ ބޮޑުކަމުންނެވެ. ފެނިގެންއުޅޭ ބިރުން ސަލާމަތްވުމުގެ ބޭނުމުގައެވެ. އެ މުސީބާތުން ސަލާމަތްވޭތޯއެވެ.

އިރުތަކެއް ނުވެއެވެ. ގަހުގެ މަތީގައި ނިދާފައި ތިބި އެކި ކަހަލަ ދިރޭ ދޫނިސޫފާސޫފި ގޮވަން ފެށިއެވެ. އެތަކެތި ގޮވަން ފެށުމުން ތަނުގެ ހަމަހިމޭންކަން ނަގައިލައި މުޅި ތަނަށް ވެރިވަމުން ދިޔައީ ނާމާންކަމެވެ. އެތަކެއްޗަށްވެސް އެތަނާ ދިމާއަށް އަންނަމުން އައި އެއްޗެއް ފެނި އެކަމާ ބިރުން ގޮވަނީކަމަށް ވެދާނެއެވެ.

އެތަކެތީގެ ގޮވެލީގެ އަޑު ބާރުވުމުން އެތަނުގައި އާދަމްފުޅަށް އޮންނާކަށް ނުކެރުނެވެ. އަދި އެތަނުން އެއްވެސް މީހަކަށް ގޮވައިލަންވެސް ނުކެރުނެވެ. އެއީ ހަމައެކަނި އެއަޑުތައް އެ އިވެނީ އާދަމްފުޅަށްކަން ޚުދު އޭނާއަށް އެނގޭތީވެއެވެ. އެހެން ނަމަ، ދޫނިތަކުގެ ގޮވެލީގެ އަޑުން އެތަނުގައި އިންސާނަކަށް ނިދާފައި އޮންނާކަށް ނުކެރޭނެއެވެ.

އާދަމްފުޅުގެ މިސްރާބު ހުރީ އަތިރިމަތީގައި ހުރި ކުޑަކުޑަ ފަން ޖިފުޑި ގަނޑެއްފަދަ ބަނޑަހަގެއަށެވެ. އެތަނުގެ ފަން ދޮރުފަތް އެއް ކައިރި ކޮށްލުމަށްފަހު އޭނާ އެތަނުގެ ތެރެއަށް ދެމިގަތެވެ. މީހަކު ދެލޮލަށް އިނގިލި މަހައިލިއަސް ނޭނގޭހާ އެތަނުގެ ތެރެ ކަޅު އަނދިރިއެވެ. އެ ކުޑަކުޑަ ބަނޑަހަގޭގައި އާދަމްފުޅު ބިތަކާ އެއް އިންވެގެން ހުރިއިރު އޭނާއަށް މާނޭވައި ލެވެމުންދެއެވެ. ބިރުން މީހާގެ ގައިގާ ތުރުތުރު އަޅައަޅައި ހުއްޓެވެ. އިރުކޮޅުކޮޅުން އެތަނުން ބައިގަނޑެއް ހަދައިލައި އާދަމްފުޅަށް އަތިރިމައްޗާ ދިމާއަށް ބަލައިލެވެއެވެ.

ބަލައިލި އެންމެ ފަހަރަކުވެސް އެއްވެސް މީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ. އެހެން ނަމަވެސް އާދަމްފުޅުގެ ހިތް ބިރުން ތެޅި ފޮޅެނީއެވެ. އެ ބަނޑަހަގޭގެ އަނދިރީގައި އޭނާގެ ގާތުގައި އެހެން މީހަކު ހުންނަހެންވެސް އާދަމްފުޅަށް ބައެއް ފަހަރަށް ހީވެއެވެ. އެ ތަނުގެ ބިތުން ފީވެގެން ހަލާކުވެފައިވާ ފަންކޮޅެއް މީހާގެ ގައިގާ ޖެހެލިޔަސް، މީހާ ދަނީ ސިއްސަ ސިއްސައިގެންނެވެ.

އެފަދަ ހާލެއްގައި އާދަމްފުޅު ހުއްޓައި އެތަން ގުޑަން ފެށިއެވެ. ހީވީ މުޅި ތަނަށް ބިން ހެލުމެއް އައިހެންނެވެ. އެތަން ހެލެމުން ދިޔަލެއް ބާރުކަމުން އެތަން ބޯ މައްޗަށްވެސް ވެއްޓިދާނޭ ހީވާ ފަހަރުވެސް އާދެއެވެ. އާދަމްފުޅު މަސައްކަތްކުރީ ވީއެންމެ އަވަހަކަށް އެތަނުންވެސް ނުކުމެގެން ދާށެވެ.

އެހެން ނަމަވެސް އެތަން ގަދައަށް ހެލުމާ އެއްވަރަށް ބިމަށް އަންނަ ލޮޅުމުގެ ސަބަބުން ތަނަކަށް ފަރާތަކަށް ގުޑައިލާކަށް އޭނާއަކަށް ނުކެރުނެވެ. ހުރިތަނުގައި ހުރެވުނީއެވެ. ލޮޅުން އިންތިހާއަށް ދިއުމުން އާދަމްފުޅުގެ ބޮލަށް އެނބުރުން އަރަން ފެށިއެވެ. ހީވީ މީހާ އަނބުރައިގަނެގެން ބިންމައްޗަށް ވެއްޓޭ ހެންނެވެ.

އިރުތަކެއްނުވެ އެ ބަނޑަހަގެ އާދަމްފުޅުގެ ބޮލާ ހަމަވެގެން ދާން ފެށިއެވެ. އޭރު އޭނާގެ ހެޔަށް ގޮތްވެގެން ބިންމައްޗަށް ވެއްޓެން ދަނީއެވެ. އޭނާވެސް އެތަން ދަށުވެގެން ދިޔައީއެވެ. ދެން ވީގޮތެއް އާދަމްފުޅަކަށެއް ނޭނގެއެވެ. އޭނާ ޚަބަރު ހުސްވެގެން ވެއްޓުނީއެވެ.

އާދަމްފުޅުގެ ލޯ މަޑުމަޑުން ހުޅުވުނެވެ. ފެންނަން ހުރި ކުލަތަކުގެ ފުސްކަން އޮބި ތަންތަނާއި ވަށައިގެން ތިބި މީހުންތައް ވަކި ވާން ފެށިއެވެ. އޭނާ އޮތީ ގަދަފެހި ކުލައިގެ ސަތަރި ފަތްޖެހި އެނދެއްގައެވެ. އޭރު އޭނާގެ ބޮލައި ދިމާގައި މުދިމްބެ ތުންތަޅުވަން އިނެވެ. އޭނާގެ ފައިގައި އޮޅުލައޮޅުލާފައި އާދަމްފުޅުގެ އަންހެންނުން ރޯން އޮތެވެ. އޭނާގެ ފަހަތުގައި ހިތްވަރު ދިނުމަށް ކަތްދަގެ ޢާއިލާގެ މީހުން ތިއްބެވެ.

އާދަމްފުޅު މަސައްކަތްކުރީ ތެދުވާށެވެ. އެހެންނަމަވެސް އަތެއް ފައެއް ގުނޑުވައިލެވޭ ގޮތެއް ނުވިއެވެ. އެއްވެސް ވަރަކަށް ހަށިގަނޑުގައި ބާރުނެތީއެވެ. މީހާ ދާހިއްލާ ފޯވަން ފެށިއެވެ. ލޮލުން ކަރުނަ ނީރައިލިއެވެ. އަނގައިން އާޚްގެ އަޑެއް ނެރެލުމަށްޓަކައި އަނގަވެސް ހުޅުވާނުލެވުނެވެ. ލޯ ފުރިގެން ކަރުނަތައް ބަންޑުންވަނީއެވެ.

އާދަމްފުޅުގެ ބުރަ މަސައްކަތުން ކައްދަޔަށް ގޮވައިލެވުނެވެ. އެހެން ނަމަވެސް އަތެއް ފައެއް ގުނޑުވައި ނުލެވުނެވެ. ކައްދަގެ މޫނު މައްޗަށް އައި އުފާވެރިކަމުގެ ކުލަވަރު ބަނަވީ އާދަމްފުޅުގެ ހާލު ދެކެފައެވެ. މާ ބާރަށް އަޑުންއަޑުނަގައި ކައްދަ ރޯންފެށިއެވެ. އެހެންނަމަވެސް ބަލީގެ ބޭހަކީ ކަރުނައެއް ނޫނެވެ. ކިތަންމެ ވަރަކަށް ކަމަކާ ދޭތެރޭ ހިތާމަކޮށް ރުޔަސް ވީކަމެއް ބަދަލެއް ނުކުރެވޭނެއެވެ. އެކަމަށް އޮތް ފަރުވާއެއް ހޯދުން ނޫން ގޮތެއް ނޯންނާނެއެވެ.

މުދިމްބެއަށް ކަންތައް ވީގޮތް އާދަމްފުޅު ތަފްޞީލްކޮށްދިނުމުން ބުނިހާވެސް އެއްޗަކީ ބަނޑިއެދުރުކަލޭގެފާނެވެ. އާދަމްފުޅުގެ ކޮނޑުގައި ހިފައިލީ ހިތްވަރުކުރާށޭ ބުނާ ބީދައިންނެވެ. އިތުރަށް އެހެން އެއްޗެއް ނުބުނެއެވެ. ކައްދަވެސް އެންމެފަހުން އެކަން ޤަބޫލުކޮށް އެންމެންގެ އެހީތެރިކަމާއެކުގައި ދުނިޔޭގައި ދުވަސްތައް ހޭދަކުރަމުން ދިޔައީ ހިތްވަރާއެކުގައެވެ. އެކަމުން ފަހުން މަންފާ ކުރާނެކަން އެނގޭތީއެވެ. އެނޫން މޮޅު ބޭހެއް ނެތުމުންނެވެ.

އެގޮތުގައި އަހަރުތަކެއް ހޭދަކުރުމަށްފަހު އާދަމްފުޅު މި ފަނާވަނިވި ދުނިޔެއާ ޢަލްވަދާޢު ކިއީއެވެ. "މަހްރޫމްގެ ފާފަތައް ފުއްސަވާދޭވެ!" ކޮންމެ ވާހަކައެއްގެ ނިމުމެއް ފޮންޏެއް ނުވާނެއެވެ. ބައެއް ވާހަކަތަކުގެ ނިމުން އެއީ ވަރަށް ހިތި އެއްޗަކަށްވެސް ވެދާނެއެވެ. އެހެނަސް ކޮންމެ ވާހަކައެއްގެ ނިމުމުން އެތަކެއް އިބްރަތްތަކެއް ލިބިގެން ދާނެކަމީ ސަތޭކަ އިންސައްތަ ޔަޤީން ކަމެކެވެ.

(ނިމުނީ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮނާ

    100% ފްލޯކު ވާހަކައެއް........

  2. މުދިންބެ

    މީ ކިހިނެތްވީ ވާހަކައެއް ބާ؟

  3. ކޮސް ހީވޭ

    ހަމަ ވާނުވާ