މެންދަމުގެ މަރު ހިމޭންކަން ވެރިވެފައިވާ ރެއެކެވެ. މަގެއްގެ މަތިން ދިރޭ އެއްޗެއްގެ ހިލަމެއްވެސް ނުވެއެވެ. ނަމަވެސް ކުއްލިއަކަށް މަގުގެ އެއްފަރާތެއްގައި ހުރި ފަޅުގެއަކުން މީހެއްގެ ހިލަން ވާންފެށިއެވެ. އެގޭގެ ދޮރު ބޭރަށް ނުކުމެ މަގުމަތިން އެއްވެސް މީހެއް ފެނޭތޯ ބެލުމަށްފަހު އެމީހާ ހިގައިގަތީ އެއްވެސް މީހަކު ނޫޅޭކަން ޔަޤީންވީމައެވެ. އަނދިރިކަމުން ފުރިފައިވާ ގޯޅީގެ އެއްފަރާތަކަށް ޖެހިލި މީހާ އަކީ އަންހެނެއްނެއްކަން އެނގުނީ ގެއެއްގެ އަސްކެނިން މަގުމައްޗަށް އެޅިފައިވާ އަލި އޭނަގެ ގަޔަށް އެޅިފައިވާތީއެވެ. ހިނގުން ބާރުކޮށްލަމުން ފަހަތަށް އެނބުރި ބަލަމުން އެމީހާ ކުރިއަށް ހިނގަމުންދެއެވެ. އިރުއިރުކޮޅާ ބޮލުގެ އިސްތަށިގަނޑުގައި އަތް ކާއްތާލާ އިސްތަށިތައް ހަމައަކަށް އަޅުވާލައެވެ. އެއްގޯޅިން އަނެއް ގޯޅިން އަޅަމުންގޮސް ގެއެއްގެ ކުރިމައްޗަށްގޮސް ހުއްޓި އަނެއްކާވެސް މަގުމައްޗަށް އަވަސް ކަޅިއެއް އެއްލާލިއެވެ. އެއަށްފަހު ގޯތި ތެރެއަށް މަޑުމަޑުންވަދެ ބޮޑުދޮރު ކައިރީގައި ހުރުމަށްފަހު ޖިންސުގެ ޖީބުން ތަޅުދަނޑި ނެގުމަށްފަހު ދޮރު ހުޅުވައި އެތެރެއަށް ދެމިގަތެވެ.

މިކިޔައިދެނީ އާލާގެ ވާހަކައެވެ. އާލާއަކީ މަޔަކާ ބަޔަކަށް ލިބިފައި ހުރި ހަމައެކަނި އަންހެން ދަރިއެވެ. އާލާގެ ދެބޭބެ ތިބޭއިރު އާލާ ވެފައިވަނީ އެޢާއިލާގެ ދިރުންކަމުގައެވެ. ފުރާވަރަށް އަރަމުންދިޔަ އާލާ ވެގެންދިޔައީ ފިރިހެނުންނާ ގައިގޯޅި އަދި ދީނާ ދުރުކުއްޖަކަށެވެ. އާލާގެ މިކަންތައް ރަނގަޅުކުރެވޭތޯ އެކި ގޮތް ގޮތަށް އާލާގެ މައިންބަފައިން މަސައްކަތް ކޮށްފިއެވެ. ނަމަވެސް ފުރިހަމައަށް އެކަން ނުކުރެވޭ ކަމުގެ ހެއްކަކީ އާލާގެ މިހާރުގެ އުޅުމެވެ. މައިންބަފައިންނަށް އެހާ މަސައްކަތް ކުރެވޭނަމަ އާލާ އަކީ ގޯސް މަގަކުން ގޮސްދާނެހެން ހީވެފައި ހުރި ކުއްޖެއްކަން އެނގޭއިރު އެކަން ހުއްޓުވަން ޢަމަލުންވެސް މަސައްކަތްކުރީހެވެ. ހަމައެކަނި އަނގައިން ބުނެލާ ބަހަކުން އެކަން ނިމުނީކަމަށް ނަހަދާނެއެވެ.

އެރޭވެސް އާލާގެ މަންމަމެން ނިދުމުން ދަންވަރު ގަޑީގައި ގެއިން ނުކުމެގެން އާލާ ދިޔައީ އޭރު އާލާ ރައްޓެހިވެގެން އުޅޭ ނާފިލް ކައިރިއަށެވެ. ނާފިލްއަކީ އެރަށުގައި އެންމެ ލާޗާރު ބިޗާރުކޮށް އުޅޭ އެކެވެ. ވަޒީފާއަކަށް ނުދާ ތާނގައި މީހުންނަށް އުދަނގޫކުރުމާއި ރާބޮއެ އުޅެއެވެ. އާލާއާއި ރައްޓެހިވެގެން މިހާރު އާލާއަށްވެސް އެ މަގު ފަހިކޮށްދީފައިވެއެވެ. ކޮންމެ ރެއަކު މިދެމީހުން ބައްދަލުކުރަމުންދާތާ މިހާރު ދެހަފްތާއަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެކެއްގެ ފަހުން ރަށުގެ މަގުތައްމަތި އެއްކޮށް އަމާންވުމުން އާލާ ކޮންމެ ރެއަކުވެސް ގެއާ މާދުރުނޫން ހިސާބެއްގައި ހުންނަ ފަޅުގެއަށް ދަނީ އެތަނުގައި ނާފިލް އާލާގެ އިންތިޒާރުގައި އިންނާތީއެވެ. ކޮންމެ ރެއަކު އެތައް އިރެއް ވަންދެން އެކަކު އަނެކަކާއެކު ވަގުތު ހޭދަކުރެއެވެ. އާލާ ގެއަށް ދާނީ އަބަދުވެސް ފަތިސް ނަމާދަށް ގޮވުމުގެ ކުރިންނެވެ. އެއީ އާލާގެ މަންމަ ފަތިސް ނަމާދަށް ހޭލުމުގެ ކުރިން ގެއަށް ވަންނަން އާލާއަށް މަޖުބޫރުވާތީއެވެ.

ކޮންމެއަކަސް މިގޮތުގައި ދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. އެއީ ސާދަވިލޭރޭގެ ހަނދު ފަލަކުގައި ރަނިކަން ކުރަމުންދިޔަ ރެއެކެވެ. އެހެން ރޭތަކޭ އެއްގޮތަށް ދަންވަރު އެކެއް ޖެހިއިރު އާލާ ހުރީ އާލާގެ ގޭގެ ދޮރު ކައިރީގައެވެ. މަގުމައްޗާ ދިމާލަށް ބެލުމަށްފަހު ކުރިއަށް ހިނގައިގަތީ އަވަހަށް ނާފިލްގެ އަތުތެރެއަށް ދިޔުމަށް ކެތްމަދުވެފައިވާ ޙާލުގައި ހުރެއެވެ. ހިނގަމުންދިޔަ އާލާގެ ހަރަކާތްތަކައް ކުޑަ ހުއްޓުމެއް އައީ މިހާރަކަށް އައިސް ވާންފަށާފައިވާ އުދަނގުލެއްގެ އިހްސާސް ކުރެވުމުންނެވެ. ކޮންމެވެސް މީހަކު އާލާގެ ފަސްފަހަތުން އަންނަހެން އާލާއަށް ހީވާތާ މިރޭމީ ތިންވަނަ ރެއެވެ. މަޑުމަޑުން ހުއްޓި ކުޑަކޮށް ފަހަތަށް ބަލައި ދެފަރާތަށް ބެލިއިރު ހަމަ އެހެން ރޭތަކޭ އެއްގޮތަށް އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ހިނގުން އިތުރަށް ބާރުކޮށްލަމުންގޮސް އާލާގެ މަންޒިލް އަތުވާ ހިސާބަށް އާދެވިއްޖެއެވެ. އޭރު ފަޅުގެ ތެރޭގައި ނާފިލް ހުއްޓެވެ. އާލާއާ ދިމާލަށް ބަލަންހުރި ގޮތުން އާލާގެ މޫނަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ދެމީހުން އެކަކު އަނެކަކުގެ އެހީއަށް ބޭނުންވެފައި ތިބިފަދައެވެ.

މެންދަމު ތިނެއް ޖަހައިފިއެވެ. ތަޅުންގަނޑުމަތީގައި ބާއްވާފައި އޮތް ކުނަލެއްގެ މަތީގައި އާލާ އޮތީ ނާފިލްގެ މޭގައި ބޯ އަޅާލައިގެންނެވެ. މިހެން އޮއްވާ ކުއްލިއަކަށް ނާފިލް ތެދުވިއެވެ. އަދި އާލާއާ ދިމާލަށް ބަލާލިއެވެ. ނާފިލްގެ ލޮލުން އެހެންޏާ ނުފެންނަ ކަހަލަ ކުލައެއް އެވަގުތު ފެނުނުހެން އާލާއަށް ހީވިއެވެ. އާލާގެ ހަށިގަނޑާ ދިމާލަށް ނާފިލް ބަލަހައްޓައިގެން އިނީ އެއީ ނާފިލްއަށް އާލާއާ ކައިރިވެވުނު ފުރަތަމަ ފަހަރުހެން ހީވާފަދަ ގޮތަކަށެވެ.

"ކޯއްޗެއް ތިބަލަނީ. ހެހެހެ" އާލާ ނާފިލްގެ ނޭފަތުގައި ހިފާލަމުން ބުންޏެވެ.

"އާލާއާ ދިމާލަކަށްނު" ނާފިލްގެ އަޑުގައިވެސް ތަފާތުކަމެއް ހުއްޓެވެ. ކަރުގެ ބުޑުން އަޑު ނެރެގެން ނާފިލް ހޭން ފެށުމުން އާލާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. މިއީ ދުވަހަކުވެސް ނާފިލް އުޅުނު ގޮތެއް ނޫނެވެ. މިގޮތަށް އެކަހެރިކޮށް ނާފިލްއާ ބައްދަލުކުރާތާ މިހާރު މަހެއްހާ ދުވަސް ވެގެން ދިޔައިރުވެސް މިނޫނިއްޔާ ނާފިލްގެ ފަރާތުން އެކަހަލަ ކަމެއް އާލާއަކަށް ނުފެނެއެވެ.

"ވަރަށް އުފާވޭދޯ ނާފިލްއާ އެކު އުޅެން ތިހެން ކޮންމެ ރެއަކު؟" ނާފިލްގެ އަޑު މިފަހަރު ބަރުވެފައި ބިރުވެރިއެވެ. އެއީ ހަމަ ނާފިލްގެ އަޑުބާއެ އާލާ ހިތަށް އެރިއެވެ. އެއަޑުގައި އަންހެން ކަމެއް ވާހެން ހީވެއެވެ. ހިތަށް އެރި އެއްޗަކުން އާލާއަށް ކުއްލިއަކަށް އޮތްތަނުން ތެދުވެވުނެވެ. އަދި ލައިގެން ހުރި ހެދުން ރަނގަޅުކޮށްލިއެވެ.

"ދެން ހެވޭ ރަނގަޅު ނުކުރިޔަސް. ނުފެންނަ ނަމަތާ"

"ނާފިލް ކިހިނެއްވެގެން ތިއުޅެނީ. އަހަރެން ދެން ގެއަށް ދާން ބޭނުމީ މިރޭ" ބިރުގަނެފައި ހުއްޓެއްކަމަކު އާލާ ބޭނުންވީ އެތަނުން ނުކުމެގެން ދާށެވެ.

"ސަލާމަތަކުން ލާހިކައެއް ނޫން ދެވޭކަށް ދެނެއް" ރުޅިވެރި ނަޒަރަކުން އާލާއާ ދިމާލަށް ބަލަމުން ނާފިލް ތެދުވިއެވެ. އެލޮލުގައި އުފެދިފައިވާ ރަތްކަމުން އާލާގެ ހިތް އޮބިނޯއްނަ ވަރަށް ތެޅެމުންދިޔައެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފާރުގައި ބުރަކަށި ޖެހުނުއިރުވެސް އާލާއަކަށް ނޭނގުނެވެ.

"ތިއީ ކާކު؟ އަހަރެންގެ ނާފިލް އެއް ނޫންދޯ؟" ރޮވިފައިވާ އަޑަކުން އާލާ ވާހަކަދެއްކިއެވެ.

މިފަހަރުވެސް ނާފިލް ފެށީ ހޭށެވެ. އަންހެން އަޑަކާއި ފިރިހެން އަޑަކުން ނާމާން ގޮތަކަށް ނާފިލް ހެމުން ދިޔައިރު މިއީ އާލާގެ އެންމެ ފަހުވަގުތުހެން އާލާއަށް ހީވަމުންދިޔައެވެ. ވަގުތުން މަންމަ މަތިން ހަނދާންވެ އެހީއަށް އެދެވެން ފެށުނެވެ. ދެފަރާތަށް ބަލަމުން ދިޔައީ މިތަނުން ނުކުމެވޭނެ ގޮތެއް ފެނޭތޯއެވެ. ނާފިލްހުރީ އެތަނުން ނުކުމެވޭ ދޮރުކައިރީގައި ކަމުން އެދިމާލަށް ދެވޭކަށް ނެތެވެ.

"މީމަގޭ ގެއޭ. ކަލޭމެން ދެމީހުން މިތަނަށް ފާވެގެން ތިއުޅެނީ" އާލާއާ ދިމާލަށް ހަޅޭއްލަވައިގަންނަމުން ނާފިލް ބުނެލިއެވެ.

"ތި . ތިއީ ކާކު؟" އަޅައިގަންނަމުން އާލާއަށް ބުނެވުނެވެ.

'މަމީ ކާކުކަން ކަލޭމެން ދެމީހުން ބަލަން ބޭނުންތަ؟" ދެލޯ ބޮޑުކޮށްލަމުން އާލާއާ ދިމާލަށް ދެފިޔަވަޅު ކުރިއަށް ޖެހިލާފައި ނާފިލް ހަޅޭއްލަވައިގަތެވެ. ހަމަ ޔަޤީނުންވެސް ނާފިލްގެ ހަށިގަނޑުގައި އެހެން ބާރެއްވާކަން އާލާއަށް އެނގުނެވެ.

"މަށަށް ކޮންމެ ރެއަކު އެކެއްގެ ފަހުން ކަލޭމެން ތިކުރާ ކަމެއް އެބަ ފެނެޔޭ. އެތަށް ގޮތަކަށް އުދަނގޫ ކޮށްފިން. އެކަމަކު ހަމަ ހިތަކަށްވެސް ނޭރިޔޭ"

އާލާގެ ހަނދާނަށް އެއީ މީގެ ހަފްތާއެއްހާ ދުވަސްކުރިން މިތަނުގައި އާލާއާއި ނާފިލް ތިބޭ ކޮންމެ ރެއަކު މިގޭގެ ފުރާޅުމައްޗަށް އެއްޗެހިތަކެއް އުކާ އަޑާއި ތަޅާއަޑު އިވޭކަމެވެ. ސިއްސައިގެން ދިޔަޔަސް އެއްވެސް ރެއަކު އެކަމަށް ސަމާލުކަމެއް އެއިން އެކަކަށްވެސް ނުދެވެއެވެ. ދެމީހުން ބޭނުންވާ ކަންތައް ނިމުމުން ކޮންމެ ރެއަކުވެސް އެތަނުގައި މަޑުކުރުމެއްނެތި އެދެމީހުން އެމީހުންގެ ގެތަކަށް ދަނީއެވެ. މިކަން ހަނދާންވުމުން އިތުރަށް ބިރުގަތުން ނޫންކަމެއް ނުވިއެވެ.

ރުޅިއައިސް ރަތްވެފައިހުރި ނާފިލް އާލާއާ ދިމާލަށް ކަޅި އަޅަމުން އައިއިރު އެދެއަތް ވަނީ ކުޑަކޮށް މައްޗަށް އުފުލިފައެވެ.

'ނޫން.. ދެން އަހަރެމެންނެއް ނާންނާނަން ދުވަހަކުވެސް މިތަނަށް. ތިހެން ނަހަދާ" އާލާއަށް ބިރުންގޮސް ރޮވުނެވެ.

"ކަލޭމެން ކަހަލަ ވަގުން ދައްކާ ވާހަކަ މަ އަޑެއް ނާހާނަން"

ދެން ފެނުނީ ނާފިލް އެދިޔަގޮތަށް ގޮސް އާލާގެ ކަރުގައި ހިފާފައި މައްޗަށް ހިއްލާލިތަނެވެ.

 

* * *

 

ފަތިސް ނަމާދަށް ހޭލި އާސިފާއަށް ފުންމައިގެން އެނދުން ތެދުވެވުނީ ދުރުގައި ފެންނަން ހުރި އެނދުގައި އާލާ ނެތުމުންނެވެ. ހަސަނަށް ގޮވައި އޭނާ ތެދުކުރުމަށްފަހު މުޅި ގޭތެރެ ހޯދާ ބެލުމުންވެސް އެދެމަފިރިންނަށް އާލާއެއް ނުފެނުނެވެ. މަގުމަތި ބެލުމަށް އާސިފާއާއި ހަސަން ނުކުތީ އެއްކޮށެވެ. ކަމަކުދާކަށްނެތެވެ. ޚަބަރު ހުސްވެފައި ގޭގެ ދޮރު ބޭރުގައި އާލާ އޮތްތަން ދެމަފިރިންނަށްވެސް ފެނުނެވެ. އެތަށް ގޮތަކަށް މަސައްކަތް ކޮށްގެންވެސް އާލާ ނުހޭލުމުން އާލާ ގެންދެވުނީ ސިއްޙީ މަރުކަޒަށެވެ. އާލާ ގެންދެވުނު ވަގުތު ވެގެން ދިޔައީ ހަމަ އެފަދައިން ހޭނެތިފައި އޮއްވާ ފެނުނު ނާފިލްވެސް އެތަނަށް ގެނެވުނު ވަގުތަށެވެ.

އެތަށް އިރެއްގެ އިންތިޒާރަށްފަހު އާފިލްއާއި އާލާ ހޭއެރީ އެއްވަގުތެއްގައެވެ. ނަމަވެސް ހަމަ ހޭލެވުމާއެކު މޮޔަ ގޮވައި ބިރުން އުޅެން ފެށިއެވެ. ޖިންނި އަވަލާފައި ތިބޭ މީހުން އުޅޭ ގޮތަށް އެއްވައްތަރަކަށް މިދެކުދިން އުޅެން ފެށުމުން ދެޢާއިލާ އެއްކޮށް ނިންމީ ރުޤްޔާ ކިޔަވާށެވެ. މީހަކު ގެނެސްގެން އެމަސައްކަތް ކުރުމުންވެސް އެދެކުދިން ރަނގަޅެއް ނުކުރެވުނެވެ. ނަމަވެސް ކަންތައްވީގޮތް އެންމެނަށްވެސް ވަނީ އެނގިފައެވެ. މިކަމާ ދެޢާއިލާގެ އެންމެންވެސް ހިތާމަކުރިއެވެ. އެންމެ އަސަރުކޮށްފައިހުރީ އާސިފާއަށެވެ. ހުރި ހަމައެކަނި އަންހެންދަރި އެމީހުންނަށް ވަގަށް ކުރި ނުބައި ޢަމަލުތަކެއްގެ ޖަޒާ މުޅިއުމުރަށް އެފަދަ ގޮތަކަށް ލިބިފައިވުމުން އަސަރުނުކުރާނީވެސް ކާކަށް ހެއްޔެވެ؟ މީހަކު ފެންނަން ނެތަސް އާލާ ހީވާނީ މީހަކާ ވާހަކަ ދައްކާހެންނެވެ. ނާފިލްވެސް ހަމަ އެހެންނެވެ. މޮޔަ ގޮވިޔަސް ހަށިގަނޑަށް ކިތަންމެ ބާރެއް އެރިޔަސް އެދެމީހުންވެސް އެކަނިވެރިކަމަށް ލޯބިކުރަން ފެށިއެވެ. މީހުންގެ ތެރެއަށް ނުކުންނަން ޖެހިލުންވެއެވެ. ކެނޑިނޭޅި އެތަށް މަސައްކަތެއް އެކުދިން ރަނގަޅު ކުރުމަށް ކުރެވުނެވެ. ނަމަވެސް އަދިވެސް ކާމިޔާބު ވާގޮތެއް ނުވެއެވެ. މިފަދަ ކަންކަމުން ޢިބްރަތް ޙާސިލް ކުރުން މުހިންމެވެ.

ނިމުނީ