ބޮލީވުޑްގެ ފިލްމީތަރި ކަރީނާ ކަޕޫރް ހާން އާއި ސައިފް އަލީ ހާން އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

މިއީ ކަރީނާ އާއި ސައިފް އަށް ލިބުނު ދެވަނަ ކުއްޖާއެވެ. ރޭގެ ވަގުތެއްގައި ކަރީނާ ވަނީ ބްރިޖް ކެންޑީ ހޮސްޕިޓަލް އަށް ގެންދެވިފައި އެވެ. އޭނާ ފިރިހެން ކުއްޖަކު ވިހި އިރު އޭނާގެ އާއިލާވެސް ކައިރީގައި ތިއްބެވެ.

ކަރީނާ އާއި ސައިފް އަށް ދެވަނަ ކުއްޖަކު ލިބޭކަން ހާމަކުރީ މިދިޔަ އަހަރު އޯގަސްޓް މަހު އެވެ. ކަރީނާ އާއި ސައިފް އަށް ފުރަތަމަ ކުއްޖަކު ލިބުނީ 2016 ވަނަ އަހަރުގައި އެވެ. ފުރަތަމަ ވެސް އެމީހުންނަށް ލިބުނީ ފިރިހެން ކުއްޖެކެވެ.

ބޮލީވުޑްގެ މަޝްހޫރު ދެތަރީން ކަމަށްވާ ކަރީނާ އާއި ސައިފްގެ ތައިމުރް އަލީ ހާން އަށް މިއަދު ފިރިހެން ކޮއްކޮ އަކު ލިބުނު އިރު އެ އާއިލާ މިހާރު ދިރިއުޅުން ވަނީ ބޮޑު ގެއަކަށް ބަދަލު ވެފައެވެ.

މިހާރު ކަރީނާގެ އާއިލާ ދިރިއުޅޭ ގޭގައި ބޮޑު ޓެރެސް އެއް، ޕޫލެއް، ލައިބްރަރީއެއް އަދި ކުޑަ ދަރިފުޅަށް ހާއްސަ ނާސަރީއެއްވެސް ހުރެއެވެ.

ދެވަނަ ކުއްޖާއަށް ބަލިވެ އިން އިރުގައިވެސް ކަރީނާ ގެންދިޔައީ ފިލްމީ ދާއިރާގައި އެކި ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލާލް ސިންގ ޗައްދާގެ މަސައްކަތް ވެސް އޭނާ ކުރިކަން ފާހަގަ ކުރެވެއެވެ.