ފެޝަން ދާއިރާގައި ދުނިޔޭގެ ފުންނާބު އުސް އެކަކަށް ވިކްޓޯރިޔާ ބެކަމް ވާނެ އެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ އަންހެނުން ވިކްޓޯރިޔާ ބެކަމް ގެ ފެޝަން ވިޔަފާރިއަށް 46 މިލިއަން ޕައުންޑުގެ ގެއްލުންވެފައެވެ.

ވިކްޓޯރިޔާ ބެކަމްގެ ފެޝަން ވިޔަފާރީގެ ހިސާބުކިތާބު ބަލަހައްޓާ ފަރާތްތަކުން މިމަހުގެ ކުރީކޮޅު ބުނީ ކުރިޔަށް އޮތް ތަނުގައި އެ ކުންފުނީގެ ކަންކަން ކުރިޔަށް ދާނޭ ކަމާމެދުވެސް ސުވާލު އުފެދޭ ވަރަށް މާލީ ހާލަތު ދަށަށް ގޮސްފައިވާ ކަމަށެވެ.

ފެޝަން ޑިޒައިންގައި އެންމެ އުހުގައި ކުރިން އޮތް ވިކްޓޯރިޔާގެ ވިޔަފާރި ފާއިތުވި އަހަރުތަކުގައި ވަނީ ދަށަށް ދާން ފަށާފައި އެވެ. އެގޮތުން 2018 ވަނަ އަހަރު 12.3 މިލިއަން ޕައުންޑުގެ ގެއްލުން އަދި 2019 ވަނަ އަހަރު 11.8 މިލިއަން ޕައުންޑުގެ ގެއްލުން ވަނީ ވެފަ އެވެ.

ވިކްޓޯރިޔާގެ ވިޔަފާރީގެ ހިތާބުކިތާބުތައް ބެލި އެކައުންޓެންޓުން ބުނީ ވިޔަފާރި ކުރިޔަށް ގެންދެވެނީ ވިޔަފާރީގެ ހިއްސާދާރުންގެ މާލީ އެހީތެރިކަން ލިބިގެން ކަމަށެވެ.

ވިކްޓޯރިޔާ ބެކަމް އޭނާގެ ފެޝަން ވިޔަފާރި ފެއްޓީ 2008 ވަނަ އަހަރުގައި އެވެ. ހެދުންތައް ވިއްކަން ފެށި އެ ވިޔަފާރި ފުޅާވެގެން ފަހުން އެކި އަގުތަކުގައި އަތްދަބަސް، ކޯޓު، ބޫޓު ފަދަ ތަކެތި ވިއްކަން ފެށިއެވެ.