އެމެރިކާގެ އެއާލައިނެއް ކަމަށްވާ ޔުނައިޓެޑް އެއާލައިންސްގެ މަތިންދާ ބޯޓެއްގެ އިންޖީނުގައި ރޯވާ މަންޒަރު ފެންނަ ވީޑީއޯއެއް މީސްމީޑީއާގައި ދައުރުވާން ފަށައިފިއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފްލައިޓުގެ އިންޖީނުގައި ރޯވެފައިވަނީ އެމެރިކާގެ ޑެންވާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން އެގައުމުގެ ސިޓީއެއް ކަމަށްވާ ހޮނޮލޫލޫ އަށް ފުރަން ނައްޓާލިތާ ކުޑައިރުކޮޅެއް ނުވަނީހެވެ.

އިންޖީނުގައި ރޯވުމާއި އެކު އެއާޕޯޓުގެ ޓަވަރުން ވަނީ ފްލައިޓް އަނބުރާ އެއާޕޯޓަށް ޖެއްސުމަށް އަންގާފައެވެ.

އެގައުމުގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނެފައިވަނީ އެ ފްލައިޓު ޖެއްސުމަށް އެންގުމާއި އެކީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޖައްސާފައިވާ ކަމަށެވެ.

"ޑެންވަރ އިން ފުރައިގެން ހޮނޮލޫލޫ އަށް ދަތުރު ކުރަން އުޅުނު ފްލައިޓް ޔޫއޭ328ގެ ނައްޓާލިތާ ކުޑައިރުކޮޅެއް ތެރޭ އިންޖީނުގައި ރޯވި، އެހެންނަމަވެސް ވަނީ ރައްކާތެރި ކަމާއި އެކީ އަނބުރާ ޑެންވަރ އަށް ޖައްސާފައި" އެފްއޭއޭއިން ބުންޏެވެ.

ބޮއިންގ 200-700 މަރުކާގެ މި މަތިންދާ ބޯޓުގެ އިންޖީނުގައި ރޯވި ވަގުތު އޭގައި 231 ފަސިންޖަރުންނާއި 10 ކްރޫއިން ތިއްބެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މި ހާދިސާ ހިނގި ވަގުތު ފްލައިޓްގައި ހުރި މީހަކު ބުނެފައިވަނީ އެވަގަކީ އެއީ ބިރުގަތް ވަގުތެއް ކަމަށާއި އިންޖީނުގައި ރޯވި މަންޒަރު ފެނުމުން ވަކި ހިސާބަކުން މަރުވާނެ ކަމަށް ހިތަށް އެރި ކަމަށެވެ.