އިންޑޮނޭޝިއާގެ ކުޑަކުޑަ އަވަށެއް ކަމުގައިވާ ވެސްޓް ޖާވާގެ އުމުރުން 14 އަހަރުގެ އާރްޔާ ޕަރްމަނާއަކީ ދުނިޔޭގެ އެންމެ ބަރު އަދި ފަލަ ކުއްޖާގެ ލަގަބް ހޯދި ކުއްޖެކެވެ. އުމުރުން 11 އަހަރުގައި ހަށިގަނޑުގެ ބަރުދަނުގައި 191.87 ކިލޯ ހުއްޓެވެ. އެހެން ނަމަވެސް އާރްޔާގެ ހަށިގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ހިއްކައިލައިފައެވެ.

ގޭސްޓްރިކް ބޭންޑް ފިޓެޑް އޮޕަރޭޝަނާއި ކަސްރަތު ކުރުމާއި ޑައިޓް ކޮށްގެން ވަނީ ހަށިގަނޑުގެ ބަރުދަނުން 87 ކިލޯ ލުއި ކޮށްލާފައެވެ.

ބަރުދަން ލުއިވުމުގެ ކުރިން އާރްޔާ ފެންވަރަނީ ވެސް ގޭގެ ބޭރުގައި ހުންނަ ފެންގަނޑެއްގައެވެ. އެއީ އޭނާ އަމިއްލައަށް ހަށިގަނޑު ސާފު ނުކުރެވޭތީއެވެ.

އާދަޔާ ޚިލާފަށް ފަލަވުމުގެ ބަލީގެ ސަބަބުން ސިއްހީ ގޮތުން ކުރިމަތިވި އެތައް ގޮންޖެހުންތަކެއްގެ ސަބަބުން އާރްޔާ ވަނީ އޭނާގެ ކިޔެވުން މެދުކަނޑާލާއި ސުކޫލަށް ދިއުން ވެސް ހުއްޓާލާފައެވެ. ނަމަވެސް މިހާރު އާރްޔާގެ ހަށިގަނޑަށް އައި ބަދަލާއި އެކު އެ އުމުރުގެ އެހެން ކުދިންނެކޭ ވެސް އެއްފަދައިން ސުކޫލަށް ދާން ފަށައިފިއެވެ.

ކޮރޯނާވައިރަސްގެ ކުރިން ސުކޫލުތައް ބަންދު ނުވާއިރު އާރްޔާ ވަނީ ސުކޫލަށް ދާން ފަށައިފައެވެ. އަދި އެހެން ކުދިންނެކޭ އެއްފަދައިން ގަހަށް އަރައި ހަދައެވެ. އޭނާގެ އެންމެ ފުރަތަމަ ސައިކަލް ދުއްވުން ވެސް ދުއްވާފިއެވެ.

ކުރީގައި އާރްޔާއަށް ހެޔޮވަރު ހެދުމެއް ނެތުމުން މުންޑެއް ލައިގެން އުޅުނު ނަމަވެސް ފަހުން ވަރަށް ބޮޑެތި ހެދުންތައް ލާން ފެށިއެވެ. ނަމަވެސް މިހާރު އެ ހެދުންތައް އާރްޔާގެ ދެ މީހުންނަށް ހެޔޮވަރުވާނެއެވެ.

ކުރިން އެންމެ ފިޔަވަޅެއް ނެގުމުގައި ވެސް އުދަނގޫތަކާއި ކުރިމަތިވި އާރްޔާ މިހާރު ދުވާލަކު 3 ކިލޯ މީޓަރަށް ހިނގައެވެ. ބާސްކެޓް ބޯޅަ ފަދަ ކުޅިވަރުތައް ކުޅެއެވެ.

އާރްޔާ ބުނެފައިވާ ގޮތުގައި ފާއިތުވި 3 އަހަރު ތެރޭގައި ހަށިގަނޑަށް މިހާބޮޑު ބަދަލެއް އައިސްދާނެ ކަމަށް ހީކުރެވިފައެއް ވެސް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    އަލްޚަމްދުލިއްލާހި

    19