ނިއުޒިލެންޑްގެ ކްރިސްޗާޗްގައި ދިރިއުޅެމުން އައި ޕްރީ ސްކޫލް އުމުރުގެ ކުއްޖަކު ގޭގެ ދޮންނަމެޝިނުގެ ތެރެއަށް ވެއްޓުމުން ބޮޑެތި އަނިޔާތަކެއް ލިބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުމާއި ގުޅިގެން ކުއްޖަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް އެކުއްޖާ ވަނީ މަރުވެފައި ކަމަށެވެ.

"މިހާދިސާގެ ވަށައިގެން ހުރި ހުރިހާކަމެއް ފުލުހުން ގެންދަނީ އިތުރަށް ބަލަމުން. ނަމަވެސް އަދި މިވަގުތު މިމައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ތުހުމަތެއްކޮށް ޖިނާއީ ތަޙްޤީޤެއް އެއްވެސް މީހެއްގެ މައްޗަކަށް ފުލުހުން ހިންގަމުންނެއް ނުދޭ." ފުލުހުންގެ ތަރުޖަމާން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މަރުވި ކުއްޖާގެ އާއިލާ އާއި ގާތް ގުޅުމެއް އޮންނަ މީހަކު ނިއުޒިލެންޑްގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ކުއްޖާގެ މަންމަ އާއި ބައްޕަ އަށް އެމީހުންގެ ދަރިފުޅު ފެނުނީ ދޮންނަމެޝިނުގެ ތެރެއަށް ވެއްޓި ހަރަކާތް ހުއްޓިފައި އޮއްވައެވެ.

އެކުއްޖާ ދޮންނަމެޝިނުގެ ތެރެއަށް ވެއްޓުނުއިރު މެޝިން ހުރީ ޖައްސާފައި ކަމެއް ނުވަތަ ނޫންކަމެއް އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ.

އަރިމަތީގައި ދޮރު ހަރުކޮށްފައި ހުންނަ ބައެއް ބާވަތުގެ ދޮންނަމެޝިންތަކުން މިފަދަ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައި ވެއެވެ. ގިނަ ތަޖުރިބާކާރުން ވެސް ލަފާދެއްވަނީ ކުޑަކުދިން އުޅޭތަންތަނުގައި އެފަދަ ދޮންނަމެޝިން ބޭނުން ނުކުރުމަށެވެ.

2019 ވަނަ އަހަރު އެމެރިކާގެ ފްލޮރިޑާގައި ތިން އަހަރުގެ ކުއްޖަކު ވަނީ ފްރަންޓް ލޯޑިން ދޮންނަމެޝިނެއްގެ ތެރެއަށް ވެއްޓި މަރުވެފައެވެ. 2012 ވަނަ އަހަރުގެ އެމެރިކާގެ އޮރެގަންގައި އުމުރުން 21 މަރުގެ ކުއްޖަކު ވެސް ދޮންނަމެޝިނެއްގެ ތެރެއަށް ވެއްޓިގެން ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވިއެވެ.

އެމެރިކާގައި ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ދޮންނަމެޝިނުގެ ސަބަބުން އަނިޔާ ވެގެން 3000 އަށް ވުރެ ގިނަ ކުދިންނަށް 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެމެރިކާގެ ހޮސްޕިޓަލްތަކުގައި ފަރުވާދޭން ޖެހިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު