އެމެރިކާގެ ވައިގެ ސިފައިންގެ ތަމްރީންތަކެއްގައި ބޮން އަޅާ ބޯޓެއް ވެއްޓި ހުކުރު ދުވަހު ހިނގި ނުރައްކާތެރި ހާދިސާގައި މަރުވި ދެ ޕައިލެޓުންގެ ތެރެއިން އެއްޕައިލެޓަކީ ކައިވެންޏަށް ފަހު ޗުއްޓީ ނިންމާލާފައި ފުރަތަމަ ތަމްރީނަށް ނިކުތް ޕައިލެޓެއް ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފިއެވެ.

އަލަބާމާގައި ހިނގި އެކްސިޑެންޓްގައި މަރުވި ދެޕައިލެންޓުންގެ ތެރެއިން އެކަކަކީ އެމެރިކާ މީހެކެވެ. ދެވަނަ ޕައިލެޓަކީ ޖަޕާން މީހެކެވެ.

50 ވަނަ ފްލައިން ސްކޮޑްރޮންގެ ޓްރޭނިން ވިންގް ކޮމާންޑަރ ކާނަލް ސެތު ގްރަހަމް ވިދާޅުވީ އެކްސިޑެންޓް ހިނގިއިރު ބޯޓުގައި ތިބި ދެޕައިލެޓުންގެ ތެރެއިން އެއްވެސް މީހަކަށް ސަލާމަތެއް ނުވެވުނު ކަމަށެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި މަރުވި ދެޕައިލެޓުންގެ ތެރެއިން އެމެރިކާގެ ޕައިލެޓަކީ އުމުރުން 24 އަހަރުގެ ސްކޮޓް އަމްސް ޖޭއާރް ކަމަށެވެ.

ސްކޮޓް މަރުވުމުން އޭނާގެ އަނބިމީހާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ހަޤީޤަތް ގަބޫލުކުރަން އޭނާ އަށް އަދިވެސް ދަތިވެފައިވާ ކަމަށެވެ.

"ސްކޮޓް އަކީ އަހަރެންގެ ލޯތްބެވެ. އެއީ އަހަރެންގެ ދުނިޔެއެވެ. އަހަރެންގެ ހުރިހާ އެއްޗެކެވެ. އަހަރެމެން އެކުގައި ހޭދަކުރި ކޮންމެ ވަގުތުކޮޅަކީ އެކަކު އަނެކަކަށް އެތައް އުފަލަކާއި ހިތްހަޖެހުމެއް ލިބުނު ވަގުތުކޮޅެކެވެ. އަހަރެންގެ ވާހަކަ މިއަދު ހުސްވެއްޖެއެވެ. އަހަރެންގެ ފިރިމީހާ އަބަދުގެ އަބަދަށް އަހަރެންނާއި ވަކިވެގެން ދިއުން އަހަރެންނަށް ގަބޫލެއް ނުކުރެވެއެވެ." ސްކޮޓްގެ އަނބިމީހާ ލިޔެފައި ވެއެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ބުނީ މިއެކްސިޑެންޓް ހިންގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަޙްޤީޤު މިހާރު ފަށާފައިވާ ކަމަށާއި ތަހްގީގު ނިމުމުން ރިޕޯޓް އާއްމު ކުރާނެ ކަމަށެވެ.