ވާވޭ އިން ފަތް ޖެހޭ ވައްތަރުގެ ފޯނެއް ނެރެފިއެވެ.

ފަތް ޖެހޭ ފޯނު ނެރުމަށް ޓެކް ކުންފުނިތަކުގެ މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ އިރު ޗައިނާގެ ފޯނު އުފައްދާ ކުންފުނި ވާޥޭ އަކީ ފަތް ޖެހޭ ފޯނު ނެރުނު ފުރަތަމަ ކުންފުންޏެއް ވެސް ނޫނެވެ.

ސެމްސަންގް އިން ވެސް ފަތް ޖެހޭ ފޯނެއް މީގެ ކުރިން ނެރެފައިވާ އިރު މަޝްހޫރު އެޕަލް ކުންފުނިން ވެސް ފަތް ޖެހޭ ފޯނެއް ނެރެން އުޅޭކަމުގެ ވާހަކަތަކެއް ދާދި ފަހުން ވަނީ ބޭރުގެ މީޑިއާތަކުގައި ދެކެވިފައެވެ.

ވާވޭ މޭޓް އެކްސްޓޫގެ ނަމުގައި ނެރެފައިވާ މި ފަތްޖެހޭ ފޯނަކީ ގިނަ ފީޗާސްތަކެއްވެސް ހިމެނޭ ގޮތަށް ނެރެފައިވާ ފޯނެކެވެ. އެގޮތުން ފޯނު ފަތް ނުޖަހާ އޮންނަ އިރު އެތެރެ އާއި ބޭރުގެ ޑިސްޕްލެއި ވެސް ބޭނުން ކުރެވެއެވެ.

މި ފޯނުގެ ބޭރުގެ ޑިސްޕްލެއިގައި 6.45 އިންޗި ހުންނަ އިރު އެތެރޭގެ ޑިސްޕްލެއިގައި އަށް އިންޗި ހުރެއެވެ. މި ފޯނުގައި ޒޫމް ކުރުމަށާއި ފޮޓޯނެގުމަށް ހަތަރު ކެމެރާއެއް ހުރެއެވެ.

ވާވޭ އިން ނެރުނު ފޯނުތަކުގެ އަގުތަކަށް ބަލާއިރު 256ޖީބީގެ ފޯނެއް ވިއްކަނީ 2،785 ޑޮލަރަށެވެ. އަދި 512 ޖީބީގެ ފޯނެއް ވިއްކަނީ 2،940 ޑޮލަރަށެވެ.