އެކްޓަރ ޝޭކަރް ސުމަންގެ ދަރިފުޅު އެކްޓަރ އަދި ލަވަކިޔުންތެރިޔާ އަދިޔާޔަން މިދިޔަ ހަފްތާ ބަންދު ތެރޭގައި އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ ކަމަށް ބުނެ ނޫސްތަކުން ފަތުރަމުން ގެންދާ ޚަބަރުތަކަށް އަދިޔާޔަން ރައްދުދީފިއެވެ.

ނޫސްތަކުން ފަތުރާފައިވާ މި ދޮގު ޚަބަރުގެ ސަބަބުން އަދިޔާޔަންގެ ބައްޕަ ޝޭކަރު ޓްވިޓާގައި ބުނެފައިވަނީ އެއީ ވަރަށް ޒިންމާދާރު ކުޑަ ޢަމަލެއް ކަމަށާއި އެ ޚަބަރުތައް ފެތުރި މީހުންނާއި ޚިލާފަށް ދަޢުވާ ކުރާނެ ކަމަށެވެ.

އަދިޔާޔަން އަމިއްލައަށް މަރުވި ކަމުގެ ޚަބަރު ފެތުރުނީ އޭނާ ދިއްލީގައި ހުއްޓާ ކަމަށާއި އަދި އެ ޚަބަރާއި އެކު އަދިޔާޔަންގެ މަންމަ އެތައް އަސަރުތަކެއް ކުރި ކަމަށް ވެސް ޝޭކަރު ކޮށްފައިވާ ޓްވީޓެއްގައިވެއެވެ.

މި ޚަބަރާއި ގުޅޭ ގޮތުން ޕަޕަރާޒީން އޭނާއާއި ސުވާލު ކުރުމުން އަދިޔާޔަން ބުނެފައިވަނީ އެއީ ކޮންމެ ބަޔަކު ކުރިކަމެއް ނަމަވެސް ވަރަށް ލަދުގަންނަން ޖެހޭ ފަދަ ކަމެއް ކަމަށެވެ.

''މިއީ ކޮންމެ މީހަކު ކުރި ނަމަވެސް ލަދުގަންނަން ޖެހޭނެ ކަމެއް. އަހަރެން ދިއްލީގައި ހުއްޓައި އެތައް ބަޔަކު އެ ޚަބަރު އިވިގެން އަހަރެންނަށް ގުޅި. އަހަރެންގެ މަންމައަށް ވަރަށް ބޮޑު ޝޮކެއް ލިބުން. މަންމައަށް ގަބޫލު ކުރަން ދަތިވި އަހަރެން އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް. އެހެންވެ އަހަރެން މަންމައަށް ގުޅައިގެން ވަރަށް ވާހަކަ ދައްކައިގެން މަންމަ ހަމައަކަށް އެޅުނީ. އަދިވެސް އަހަރެންނަށް ފޯނު ކޯލުތައް އާދޭ އެކަމާއި ގުޅިގެން'' އަދިޔާޔަން ބުނެފައިވެއެވެ.

އަދިޔާޔަން އޭނާގެ ދިރިއުޅުމުގައި ވަރަށް އުފާވެރި ކަމަށާއި އެފަދަ އަޑުތައް މީހުން އަރުވަނީ އެމީހުންގެ ގޮތެއް ނެތް ކަމުން ކަަމަށް ވެސް އަދިޔާޔަން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު