ވަޒީފާއަށް ނުދާންވެގެން ރަހީނު ކުރި ކަމަށް ބުނެ އޮޅުވާލި މީހަކު ފަޅާއަރައިފިއެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އަރިޒޯނާގައި ދިރިއުޅެމުން އަންނަ އުމުރުން 19 އަހަރުގެ ބްރެންޑަން ސޫލްސް ރަހީނު ކޮށްފައިވާ ކަމަށް ބުނެ އޭނާ ހަދާފައިވަނީ ދޮގު ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އޭނާ އަޅައިގެން ހުރި ބެލްޓުން އަށް ފުރަގަހަށް ބަދެފައި އަނގައިގެ ތެރެއަށް ފޮތިގަނޑެއް ޖަހާފައި އޮއްވާ ފެނިފައިވަނީ އަރިޒޯނާގެ ސިޓީއެއް ކަމަށްވާ ކޫލިޖްއިން މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

އޭނާ ސަލާމަތް ކުރުމުން ފުލުހުން ގާތު އޭނާ ބުނެފައިވަނީ މާސްކު އަޅައިގެން ތިބި ދެ މީހަކު އޭނާ ހިނގާފައި ދަނިކޮށް ބޮލުގައި އެއްޗަކުން ޖަހާ ހޭނެއްތި ކަމަށާއި،ހޭލެވުނުއިރު، އޮތީ އެސިޓީގައި ހުންނަ ފެން ޕްލާންޓެއް ކައިރީގައި ކަމަށެވެ.

އެހެން ނަމަވެސް ފަހުން އޭނާ ވަނީ ފުލުހުންނަށް އޭނާ ރަހީނު ކުރި ކަމުގެ ހެކި ނުލިބުމުން ހާދިސާ ހިނގިގޮތް ކިޔާދީފައެވެ. އެގޮތުން އޭނާ ބުނީ، އެއީ އޭނާ އަމިއްލަ އަށް ކުރި ކަމެއް ކަމަށާއި އެކަން ކޮށްފައިވަނީ ވަޒީފާގައި ހުރެފައި ބޭރަށް ނުކުމެ ދެން އަނބުރާ ނުދާން ވެގެން ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިހާރު އޭނާ ވަނީ ވަޒީފާއިން ކަނޑާލާފައި ކަމަށްވެސް މީޑީއާތަކުން ވަނީ ބުނެފައެވެ.