ޗައިނާގެ ޗެންގްދޫ އަވަށުގައި މިދިޔަ އާދީއްތަ ދުވަހު މީހަކު 10 މީޓަރު އުހުގައި ހުރި ކަރަންޓް ނަރުތަކެއްގެ މަތީގައި ސިޓް-އަޕް ހެދުމުން އެ ސަރަހައްދުގެ އެތައް ގެޔަކުން ކަރަންޓް ދިޔުމާއި ގުޅިގެން ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

ޗައިނާގެ ޕީޕަލްސް ޑެއިލީގެ ފަރާތުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޗައިނާގެ ޗެންގްދޫގެ މީހަކު ކަރަންޓް ނަރުތަކެއްގެ މަތީގައި ސްޓަމަޗް ކްރަންޗް ހެދުމުން އެތައް ހާސް ގެއަކުން ކަރަންޓް ދިޔަ ކަމަށާއި އަދި ފުލުހުން އެމީހާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. ޕީޕަލްސް ޑެއިލީން ކޮށްފައިވާ މި ޓްވީޓުގައި ވަނީ އެމީހާ ކްރަންޗް ހަދާ ވީޑިއޯ ވެސް ހިއްސާ ކޮށްފައެެވެ.

ސެންހައިގެ ނޫހެއް ކަމަށްވާ ''ދަ ޕޭޕަރ'' ގައި ބުނެފައިވަނީ މިކަން ހިނގުމުން އެމެޖެންސީ އެހީ ފޯރުކޮށްދޭ ފަރާތްތަކުން ވަގުތުން އެ ސަރަހައްދަށް ދިޔަ ކަމަށެވެ. އޭގެތެރޭގައި ސިއްހީ ޚިދުމަތްތެރިން ހިމެނޭ ކަމަށް ވެސް މި ނޫޙުގައި ލިޔެފައިވެއެވެ.

އެހާ މަތީގައި މި މީހާ ކަސްރަތު ކުރީ ކީއްވެކަން އަދި ނޭނގޭ ކަމަށާއި އެހެން މީހަކު މިފަދަ ކަމެއް ކޮށްފާނެތީ އެ އަވަށުގެ ރައްޔިތުން ބިރުން ތިބި ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ. އަދި އެ މީހާގެ މި އަމަލަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވެސް އެ އަވަށުގެ ރައްޔިތުން ބުނެފައިވެއެވެ.

ކަރަންޓް ދިޔަ ގެއެއްގެ މީހަކު ބުނެފައިވަނީ ގެއިން ކަރަންޓް ދިޔުމުން ހިތްހަމަ ނުޖެހިފައި ހުއްޓާ ޚަބަރަކުން އެމީހާ ކުރި ކަންތައް އެނގުމުން އެއަށް ވުރެ ބޮޑަށް ހިތްހަމަ ނުޖެހުނު ކަމަށެވެ.