ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާއިރުވެސް، ޕިއްޒާ ވެފައިވަނީ ގިނަ ބަޔަކަށް ކަމުދާ މީރު ކެއުމަކަށެވެ. ކަން މިހެން އޮތްއިރު ސައިންސްވެރިންގެ އައު ހޯދުންތަކުުގެ މައްޗަށް ބިނާކޮށް އުފެއްދި ޕިއްޒާއެއް މިވަނީ ކޮންމެހެންވެސް ކާން ޖެހޭ މުޙިންމު ކެއުމަކަށް ވެފައެވެ.

އެގޮތުން އެންމެ ފުރަތަމަ ޕިއްޒާ އުފެއްދި ޤައުމުކަމަށްވާ، އިޓަލީގެ ސިއްޙީ ތަޖުރިބާކާރުންނާއި ސައިންސްވެރިން ގުޅިގެން ހޯދި ހޯދުންތަކަށްފަހު އުފެއްދި މި ޚާއްސަ ޕިއްޒާއަކީ، ނުރައްކާތެރި ކެންސަރާއި ހިތުގެ ބަލިން ރައްކާތެރިވުމަށް އެހީއަކަށް ވަނީ ވެފައެވެ.

"ޕިއްޒާ ޕެސްކަލީނާ"ގެ ނަމުގައި މި އުފެއްދުން މިހާރު އިޓަލީން ވިއްކަން ފަށާފައިވާއިރު، މި ބާވަތުގެ ޕިއްޒާގައި، ހިތުގެ މައްސަލަތައް ކުރިމަތު ކުރުވާ ބައިތައް ހިމެނޭ އެއްގަމު މަހާއި ޗީޒްގެ އެއްވެސް މިންވަރެއް ހިމަނާފައެއް ނުހުރެއެވެ. މި ޕިއްޒާގައި ހަށިގަނޑަށް ފައިދާކުރުވަނިވި ގިނަ ތަކެތި ހިމަނާފައިވާއިރު، އޭގެ ޓޮޕިންގ ހަދާފައި ހުންނަނީ ޓޮމާޓޯ އާއި އޮލިވް ބޭނުންކޮށްގެންނެވެ.

މި އާ ވައްތަރުގެ ޕިއްޒާގެ ޓެސްޓުތަކަށްފަހު، އިޓަލީގެ ނޭޝަނަލް ކެންސަރ އިންސްޓިޓިއުޓުން ބުނެފައިވަނީ، ހަފްތާއަކު ދެ ފަހަރެއްގެ މަތިން ޕިއްޒާ ޕެސްކަލީނާ ކެއުމަކީ މުޙިންމު ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދީ، ކެންސަރާއި ދުރުވުމަށް ވަރަށް ބޮޑަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

ޕިއްޒާ ޕެސްކަލީނާ އުފެއްދި ޓީމުން ބުނެފައިވަނީ، މިފަދަ ޕިއްޒާއެއް ހަދާފައި މިވަނީ ޕިއްޒާއަކީ މީރު ރަހައިގެ އިތުރުން ހަށިގަނޑަށް ފައިދާކުރުވަނިވި ކާނާއެއް ކަމުގައި ހެދުމުގެ ބޭނުމުގައި ކަމަށެވެ.

2003 ވަނަ އަހަރުގައި ކުރިއަށްގެންދިޔަ ދިރާސާއަކުން ވެސް ޕިއްޒާ ކެއުމަކީ ކެންސަރު ޖެހުމާއި ދުރުވާ ކަމެއްކަން ހާމަވެފައި ވެއެވެ. އެ ދިރާސާގެ ތަޖުރިބާކާރުން ބުނެފައިވާގޮތުގައި، ކޮންމެ ހަފްތާއަކު ދެ ފަހަރަކު ޕިއްޒާ ކެއުމުން ބަނޑުގައި ކެންސަރު އުފެދުން 59 އިންސައްތައަށް ދަށްކޮށްދެއެވެ.