ބޮލީވުޑްގެ އެންމެ ކުޅަދާނަ އަދި އެންމެ ނުފޫޒުގަދަ އެކަކަށް ވާނީ ފިލްމީ ތަރި އަމީތާބް ބައްޗަންއެވެ. ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އަމީތާބްގެ އާއިލާގެ ގިނަ މެމްބަރުންނަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރީންނެވެ.

އަމީތާބުގެ އާއިލާގެ ފިލްމީ ތަރީންނަކީ އަމީތާބުގެ އަންހެނުން ޖާޔާ ބައްޗަން، އަބީޝޭކް ބައްޗަން އަދި އައިޝްވާރިޔާ ރާއި ބައްޗަންއެވެ. އައިޝްވާރިޔާ އަކީ އަބީޝޭކްގެ އަންހެނުންނެވެ.

އަބީޝޭކް ބައްޗަން

އަބީޝޭކް ބައްޗަން މިހާރު ވަނީ ފިލްމް "ދަސްވީ" ގެ ޝޫޓިން ފައްޓައިފައެވެ. މި ފިލްމުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް އަމީތާބް ބައްޗަން ވަނީ މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.

އިންޑިއާގެ އާގްރާގައި މިދިޔަ އަންގާރަ ދުވަހު މި ފިލްމުގެ ޝޫޓިންތައް ފަށާފައިވާއިރު މި ފިލްމަކީ ދިނޭޝް ވިޖާންސް ޕްރޮޑަކްޝަންގެ ފިލްމެކެވެ. މި ފިލްމުގައި އަބީޝޭކްގެ އިތުރުން ދެން ފެނިގެންދާނީ ނިމްރަތް ކައުރް އާއި ޔަމީ ގައުތަމްއެވެ.

ދަސްވީ އަކީ ސޯޝަލް ކޮމެޑީ ފިލްމެކެވެ.

އައިޝްވާރިޔާ ރާއި ބައްޗަން

އައިޝްވާރިޔާ މިހާރު މަސައްކަތް ކުރަމުންދާ ފިލްމަކީ މަނީ ރަތްނަމް ޑައިރެކްޓު ކުރާ "ޕޮންނީޔިން ސެލްވ" ނަމަކަށް ކިޔާ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ ހައިދަރްއާބާދުގައެވެ. އައިޝްވާރިޔާގެ އިތުރުން މި ފިލްމުން ފެނިގެންދާނެ ތަރީންނަކީ ވިކްރަމް، ޖަޔާމް ރާވީ، ކަރްތީ، ޓްރިޝާ، ސަރަތްކުމާރް، ޖަޔަރަމް، ވިކްރަމް ޕްރަބޫ، އައިޝްވާރިޔާ ލެކްޝްމީ، ސޮޕިތާ ދުލިޕަލާއެވެ.

ފޮޓޯ: ގޫގުލް

ހަތް ދިހަ މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ހަދާ މި ފިލްމު ނެރެން ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުއެވެ.

ޖާޔާ ބައްޗަން

ޖާޔާ ބައްޗަން މިހާރު ވަނީ މަރާތީ ފިލްމެއްގެ މަސައްކަތް ފަށައިފައެވެ. ހަތް އަހަރު ވަންދެން ފިލްމު ކުޅުމާ ދުރުގައި ހުރުމަށްފަހު 72 އަހަރުގެ ޖާޔާ ބައްޗަން އެނބުރި އައިސްފައިވާއިރު އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވާ ފިލްމުތަކަކީ 2016 ވަނަ އަހަރު ރިލީޒް ކުރި "ކީ އެންޑް ކާ"، އަދި 2011 ވަނަ އަހަރު ރިލީޒް ކުރި "މެހެރްޖާން"ގެ މުހިންމު ރޯލަކުންނެވެ.

އަމީތާބް ބައްޗަން

އަމީތާބް ބައްޗަން ބުނީ އޭނާ ވަރަށް އަވަހަށް ވިކާސް ބާލްގެ ފިލްމެއްގެ ޝޫޓިން ފަށާނެ ކަމަށެވެ. އަމީތާބް ބައްޗަންގެ ކުޅިވަރު ޑްރާމާ ފިލްމު "ޗުންދު" ޖޫން 18 ގައި ތިއޭޓަރަށް ނެރޭނެއެވެ. މި ފިލްމަކީ ނަގްރާޖް ޕޮޕަޓްރައޯ މަންޖުލޭ ޑައިރެކްޓު ކުރާ ފިލްމެކެވެ. މީގެއިތުރުން އަމީތާބްގެ "ޗެހްރޭ' އޭޕްރީލް 30 ގައި ރިލީޒް ކުރާނެއެވެ.