ކޮވިޑް-19 ޖެހޭ މީހުންގެ ބޮލުން އިސްތަށި ފައިބާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މެޑިކަލް ޖާނަލް 'ދި ލޭންސެޓް'ގައި އާންމު ކުރި ދިރާސާއެއްގައި ބުނެފައި ވަނީ ބޮލުން އިސްތަށި ފޭބުމާއި ވަރުބަލިވުމާއި ނޭވާ ކުރުވުމާއި، ބޮލަށް އެނބުރުން އަދި ހުޅުތަކުގައި ރިއްސުމަކީ ކޮވިޑް-19 ގެ ދިގު މުއްދަތަކަށް ފެންނަ އަލާމާތްތަކެއް ކަމަށެވެ.

މި ދިރާސާކޮށްފައި ވަނީ ޖިން ޔިން-ޓަން ހޮސްޕިޓަލުގައި މިދިޔަ މެއި 29 އިން ހަތެއް ޖެނުއަރީ އާ ދޭތެރޭގައި ކޮވިޑް-19 އަށް ފަރުވާ ކޮށްފައިވާ މީހުންގެެ ހާލަތަށް ރިއާޔަތް ކޮށްފައެވެ. ދިރާސާ ކުރި މީހުން ވަނީ ހަ މަސް ފަހުން ފަރުވާ ހޯދި މީހުންނާއި އިންޓަވިއުކޮށް ފެންނަމުންދާ އިތުރު އަލާމާތްތަކާ ބެހޭ ގޮތުން ސުވާލުކޮށް ޓެސްޓުތަކެއް ހަދައިފައެވެ.

ދިރާސާއިން ދައްކާ ގޮތުން ބަލިން ރަނގަޅުވެފައިވާ މީހުންެގެ ތެރެއިން 63 އިންސައްތަ މީހުން ވަރުބަލިވުން، 26 އިންސައްތަ މީހުންނަށް ނިދަން އުނދަގޫވެ،، 23 އިންސައްތަ މީހުން ޑިޕްރެސްވެ، 22 އިންސައްތަ މީހުން ބޮލުން އިސްތަށި ފައިބައެވެ.

މި ދިރާސައިގައި ހަށިގަނޑުގެ ގުނަވަންތައް މަސައްކަތް ކުރާ ވަރުވެސް ބެލިއެވެ. މީގެ ތެރެއިން ބައެއް މީހުން އަލަށް ހަކުރު ބަލި ހުންނަ ކަން އެނގިފައި ވެއެވެ.